ލައިފްސްޓައިލް

އަގު ބޮޑު ރަނުން ވަރި މަދު ކުރެވިދާނެތަ؟

ރާއްޖޭގައި ވަރީގެ ނިސްބަތް އޮތް ހިސާބު ދިވެހިންނަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. މި އާޓިކަލްއެއް ކިޔައި ނުނިމެނީސް ވެސް ބަޔަކު މީހުން ވަރިވެދާނެ އެވެ.

އެވްރެޖުކޮށް ފެމިލީ ކޯޓުގައި ދުވާލެއްގެ މައްޗަށް 21 ކައިވެނި ރަޖިސްޓްރީ ކުރެވިގެންދާއިރު ދުވަސް ނިންމާލަނީ 10 ކައިވެނި ރޫޅިގެންނެވެ. ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ވަރި ގިނަ އާބާދީއެއް އޮތް ގައުމަކީ ދިވެހި ރާއްޖެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯޓަށް މިދިޔަ އަހަރު ވެއްދި ވަރީގެ އެކި މައްސަލަތަކުގެ ތެރެއިން ވަރީގެ ތައްގަނޑު ޖަހައި ރޫޅާލި ކައިވެނީގެ އަދަދު ވެސް 1426 އަށް އަރަ އެވެ.

އެހެންވީމަ މިއީ ހައްލުކުރެވިދާނެ ކަމެއް ހެއްޔެވެ؟ ބައެއް ތަޖުރިބާކާރުންގެ ހިޔާލުގައި އަގުބޮޑުކޮށް ރަންކިޔުމަކީ ކައިވެނީގެ ގުޅުމުގެ އަޒުމާއި ފޯރި ގަދަކޮށްދޭ ކަމެކެވެ. އަދި ދިވެހިންގެ މެދުގައި ވަރީގެ މައްސަލަ އިންތިހާ އަށް ބޮޑުވެގެން ދިއުމުގެ އެއް ސަބަބަކީ ރަނުގެ ގޮތުގައި ގިނަ ދިވެހިން ކިޔާ އަދަދު މަދުވުން ނުވަތަ ކުޑަވުން ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ފާހަގަކޮށްފައި އެބަހުއްޓެވެ.

މިސާލަކަށް ދިވެހިންގެ ސަގާފަތަށް އަލި އަޅުއްވައިގެން މަޝްހޫރު އިސްލާމީ ދަތުރުވެރިޔާ އިބްނު ބަތޫތާ ލިޔުއްވާފައިވާ ފަތްފޮތްތަކެއްގައި ވާގޮތުން ދިވެހި އަންހެންވެރިންނާ ކައިވެނިކުރަން ބަލާއިރު އެންމެ ބޮޑު ފަސޭހައަކަށް ވެފައި އޮންނަނީ ރަނުގެ ގޮތުގައި އެމީހުން ކިޔާ އަދަދެވެ.

އަދަދު މަދުވުމާއި ބައެއް ހާލަތްތަކުގައި ރަނުގެ ގޮތުގައި އަގެއް ކިޔުމެއް ނެތި ވެސް ދިވެހިން އިނދެ ވަރިކޮށް އުޅުނު ކަމަށް އިބްނު ބަތޫތާގެ 14 ވަނަ ގަރުނުގެ ލިޔުންތަކުގައިވެ އެވެ. ދިވެހިންގެ އިނދެވަރިކުރުމުގެ ސިލްސިލާ އޭނާ ސިފަކޮށްފައި ވަނީ މިފަދަ ގޮތަކަށެވެ.

ރަށަށް ގޮސް މީހަކު، މީހަކާ އިނދެލުމަށް ފަހު، ފުރައިގެންދާންވީމަ ވަރިކޮށްފައި، ފުރައިގެންދަނީ، މިހެންނެވެ. ތަޖުރިބާކާރު އިލްމުވެރިޔާ އަދި މަޝްހޫރު ދަތުރުވެރިޔާ ބުނެފައި ވަނީ ކައިވެންޏަށް ރަންކިޔުމަށް ދިވެހިން ގެންގުޅޭހާ ފަސޭހަ އުސޫލެއް ނުވަތަ އެހާ ލުއި އަގެއް ކިޔާ އެއްވެސް ބަޔަކާ އޭނާގެ ހަޔާތުގައި ވެސް ދިމާވެފައި ނުވާ ކަމަށެވެ.

އެހެންވީމަ އިބްނު ބަތޫތާ ވެސް ފާހަގަކޮށްފައިވާ ގޮތަށް ދިވެހިންގެ މެދުގައި ވަރީގެ މައްސަލަ ބޮއްސުންލައިގެން ގޮސްފައިއޮތުމުގެ އަސްލަކީ ކައިވެނީގެ ރަނުގެ ގޮތުގައި ކިޔާ އަދަދު ހެއްޔެވެ؟ ރަނުގެ ގޮތުގައި އާދައިގެ އަގެއް ކިޔުމަކީ ކައިވެނިކުރަން ފަސޭހަވެ ވަރިކުރަން އެއަށް ވުރެ ފަސޭހަވެގެންދާ ކަމެއް ހެއްޔެވެ؟

އެކަމަކު ދީނީ ގޮތުން ބަލާއިރު އަގުބޮޑުކޮށް ރަންކިޔުމަކަށް އަމުރުކޮށްފައެއް ނުވަތަ ލަފާ ދީފައެއް ވެސް ނެތެވެ. އޮތީ ވީހާ ވެސް ފަސޭހަގޮތަކަށް ކައިވެނީގެ ކަންތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމުގެ ވާހަކަ އެވެ. އަދި އާދައިގެ ރަނެއް ކިޔުމަށާއި ރަނުގެ ގޮތުގައި ފައިސާ ނުދީ އަގެއްހުރި އެއްޗެއް ވެސް ދެވިދާނެކަން އެނގެން އެބައޮތެވެ.

އެހެންވީމަ ކަންމިހެން އޮތްއިރު އަގުބޮޑުކޮށް ރަންކިޔުމަކީ ކައިވެނީގެ ރޭޓައި ވަރީގެ ރޭޓް ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅެއް ހެއްޔެވެ؟

ވަރީގެ ނިސްބަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅަކީ ކައިވެނީގެ ތަމްރީން ޕްރޮގްރާމެކެވެ. އަލަށް ކައިވެނިކުރާ ދެ މީހަކަށް ސެޓްފިކެޓް ލިބެނީ މި ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހެނީ މި ޕްރޮގްރާމެއް ތައާރަފްކުރިފަހުން ވަރީގެ ނިސްބަތް ކުރިއަށް ވުރެ ގޯސްވެފައިވާ ކަމެވެ.

އަނެއްކާ މައްސަލަ އުޅެނީ މި ޕްރޮގްރާމެއްގައި ތޯ އެވެ؟ ނުވަތަ ދިވެހިން ހަމަ އިނދެ ވަރިކުރާ ހިތްވަނީ ހެއްޔެވެ؟

ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2007 ވަނަ އަހަރު 1134 ވަރީގެ މައްސަލަ ނިންމައި ފައިލްކޮށްފައިވެ އެވެ. ޖެހިގެން އައި 2008 ވަނަ އަހަރުގެ ރިކޯޑަކީ 1215 ވަރި އެވެ. މި އަދަދު 2012 ވަނަ އިތުރުވެގެން ގޮސް އެރީ 1254 ވަރިއަށެވެ.

އެއަށް ފަހު 2013 ފާހަގަކޮށްލެވެނީ ވަރީގެ ރިކޯޑް މިންވަރަކަށް މައްސަލަ ކޯޓަށް ވެއްދި އަހަރެއްގެ ގޮތުގަ އެވެ. ޖުމްލަ 1868 މައްސަލަ ހުށަހެޅުނުއިރު 1411 ކައިވެނި އެ އަހަރު ރޫޅިގެން ދިޔަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 121 ކައިވެނި ރޫޅިގެންދިޔަ އިރު އަހަރު ނިމިގެން ދިޔައީ 1426 ކައިވެނި ރޫޅިގެންނެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ލިބިފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 758 ކައިވެނި ވަނީ ރޫޅިފަ އެވެ.

މިއީ ހަމަ ރަނގަޅަށް ވެސް މީހަކު މޮޔަކޮށް އެމީހަކާއި އެމީހެއްގެ ހަމަ ބުއްދި ވެސް ވަރިވެގެން ހިނގައިދާނެ ފަދަ ތަފާސްހިސާބުތަކެކެވެ.