ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕްލިކޭޝަން (މޮބައިލް އެޕް) އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު ތައާރަފުކޮށްފި އެވެ.
ބީއެމްްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބެންކްގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މިއީ މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާސްތައް ތައާރަފް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެޕްގައި އަލަށް ތައާރަފް ކުރި ފީޗާސްތައް
- ކުއިކް ޕޭ ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފާ ކުރެވޭ ފަސޭހަ ގޮތެއް
- ފައިސާ ޓްރާންސްފާކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
- ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
- ޕާސަނަލް ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވުން
- ބެންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން
- ބެންކަށް މެސެޖް ފޮނުވުމާއި ބެންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން
މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިން ހިދުމަތް ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެ ހިދުމަތް ތައާރަފްކުރީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެން ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބެންކުގެ 90 ޕަސެންޓް ކަސްޓަމަރުން އޮންލައިން ބޭންކިން އަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ބެންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވެ އެވެ.