ލައިފްސްޓައިލް

"ސެކްސީ" ވާން ބައެއް ފިރިހެނުން ކުރާ ކަންތައް!

Nov 15, 2015
9

"އަންހެން ކުދިން ކާމިޔާބު ކުރަންށޭ ކިޔާފަ މަގުމަތިން ފެނުނީމަ ލަވަ ކިޔާފަ، ސައިކަލަކަށް އެރިއްޖެއްޔާ ސުޕަމޭން ހެދިގެން ވޫސް ވޫސް ކަނޑާލާފައި އުޅޭނީ މި ޒަމާނުގެ ފިރިހެން ކުދިން."

މިފަހަރު މި އޮތީ އަންހެން ކުއްޖެއްގެ ނަޒަރުންނެވެ. "ސެކްސީވުމަށް" ނުވަތަ "ސެކްސީކަން ދެއްކުމަށް" ބައެއް ދިވެހި ފިރިހެން ކުދިން ޖައްސާ ކަމަށް އަންހެން ކުދިން ބުނާ ވާހަކަތަކެވެ. އެކަމަކު އަންހެން ކުދިންނަށް އެއްގޮތަކަށް ވެސް ކަމުނުދާ ކަންކަމުގެ ލިސްޓެކެވެ.

"ފަކުރު ގަންނަވަރަށް ބޮލުގައި ޖެލް އުނގުޅައި ގޮތްގޮތަށް ނަގައި މަޅާލާފައި ހުންނާނީ. ލައިގެން ހުންނަ ޖީންސުގަނޑު އޮންނާނީ ލައިގެން ހުންނަ ދާވެފައި އޮންނަ ބޮކްސާގަނޑު ފެންނަ ވަރަށް ތިރި ކޮށްފައި. ދެން މިހެން ގޮސް ބޮޑު ލިސްޓެއް ވެސް ލިޔެވިދާނެ،" މިއީ އަންހެން ކުއްޖެއްގެ ހިޔާލެވެ.

ކޮންމެވެސް ސެލްވެޓްރޯއެއް!

ބައެއް ފިރިހެން ކުދިން އުޅޭނީ "ވެމްޕަޔާ ޑައިރީސް" އާއި "ޓްރޫ ބްލަޑެއް" ނުބަލާ ދެން މި ސީރިޒްތަކެއް ދެކެ ވަރަށް ރުޅި އަންނަ ބަޔަކަށް ވެގެންނެވެ. އެކަމަކު މީހަކާ ދުރަށް ޖެހިލެވޭ އިރަށް ފޫހި ފިލުވާލުމަށް މީގެ ޑްރާމާގަނޑެއްގެ ތެރެއަށް ފުންމާލާ ދިވެހި ފިރިހެން ކުދިން ވަރަށް ވެސް ގިނަ އެވެ.

ސަބަބަކީ މި ޑްރާމާތަކުގައި އުޅޭ "އާދަޔާހިލާފަށް ރީތި" ފިރިހެނުންނަށް ހިތްކިޔައިގެން އުޅެނީ ހަމައެކަނި ދިވެހި އަންހެން ކުދިން ނޫންވީމަ އެވެ. ބައެއް ދިވެހި ފިރިހެނުން ވެސް ވަނީ ރީތި ކަމަށް ބުނާ މި ވެމްޕަޔަރުންގެ އަވާގައި ޖެހިފަ އެވެ. ކީއްވެގެން ހެއްޔެވެ؟ ދިވެހި އަންހެން ކުދިންގެ ހިތްތައް އެންމެ ފަސޭހައިން ކަތިލާ ބަޔަކީ މި ޑްރާމާތަކުގައި އުޅޭ "ސެކްސީ ވެމްޕަޔަރުން" ނެވެ.

އެހެންވީމަ ބައެއް ދިވެހި ފިރިހެން ކުދިން ވެސް އަންހެން ކުދިންގެ ސަމާލުކަން ހޯދުމަށް ނުވަތަ "ސެކްސް ބޮމަކަށް" ބަދަލުވުމަށް ކޮންމެވެސް ސެލްވެޓްރޯއަކަށް ބަދަލުވެގަންނަނީ އެވެ.

މިކަހަލަ ސެކްސީ ދިވެހި ފިރިހެނުން އެންމެ ގިނަވާނީ ފޭސްބުކްގަ އެވެ. "ވެމްޕަޔާ ޑައިރީސް" ގެ އެންމެ ސެކްސީ ކަމަށް ބުނެވޭ ފިރިހެން ކެރެކްޓާ ޑޭމަން ސެލްވެޓްރޯގެ ނަން ނަގައިގެން އަމިއްލަކޮށްގެން އަންހެން ކުދިންނަށް ތުއި ދެއްކުމަށް އުޅޭ ދިވެހި ފިރިހެނުންނަކީ މަދު އެއްޗެއް ނޫން ކަމަށް މި އުޅޭ ޒުވާން އަންހެން ކުދިން ހެކިވާނެކަން ޔަގީނެވެ.

ޑިއޯޑެރަންޓުން ފެންވެރުން!

މި ވާހަކައެއް ފެށީމަ މާ ނުކުރާ ކަމަކަށް ހަދައިގެން ބައެއް ފިރިހެން ކުދިން ހޭން ފަށާނީ އެވެ. އެކަމަކު ހަގީގަތަކީ ބައެއް ދިވެހި ފިރިހެނުންނަކީ ފެންވަރަން ވަދެ ބޮލަށް އަޅާ ފެނަށް ވުރެ ގިނަ ޑިއޯޑެރަންޓް ސްޕްރޭ ގަޔަށް ޖަހައިގެން އުޅޭ މީހުންކަމެވެ. އެއްގޮތަކަށް ވެސް ގައިން މީރު ވަސް ދުއްވަން ފާޑުފާޑުގެ ކަންކަން ނުކުރާށެކޭ ނޫނެވެ.

އެކަމަކު އަންހެން ކުދިންނަށް ދަޅަ ދައްކަން ނުވަތަ "އަންހެން ކުދިންނަށް ކަމުގޮސްދާނެ ސެކްސީ ސިފައަކަށް ތިމަންނަގެ ގައިން ދުވާ ޑިއޯ ވަސް" ވެދާނެ ކަމަށް ހީކޮށްގެން ޑިއޯޑެރަންޓުން ފެންވެރުމަކީ އަންހެން ކުދިން ބުނާ ގޮތުން "އެއްގޮތަކަށް ވެސް ސެކްސީ" ކަމެއް ނޫނެވެ.

އެހެން ނަމަވެސް ބޮލަށް އުނދަގޫނުވާނެ މިންވަރަކަށް ސްޕްރޭ ނުވަތަ ސެންޓް ޖަހާލައިގެން ހުރުމަކީ ފަހަރެއްގައި ފިރިހެނެއްގެ ގައިން ދުވާ އެފަދަ ވަހެއް "ސެކްސީ ވަހަކަށް" ބަދަލުކޮށްލަފާނެ ކަމެއް ކަމަށް އަންހެން ކުދިން ލަފާ ދެ އެވެ.

އެހެންވީމަ ދެ ދުވަހުން ޑިއޯޑެރަންޓް ސްޕްރޭފުޅި ހުސްކޮށްލާ ފިރިހެންވެރިންތައް ކޮބައި ހެއްޔެވެ؟

ނެތްވަރުގެ ބޮޑު ފައިސާވެރިޔަކަށް ހެދިގެން އުޅުން!

ފިރިހެނުންގެ މި ސިފަ ބައެއް އަންހެން ކުދިންނަށް ކަމުގޮސްފާނެ އެވެ. އެހެން އުޅޭ އަންހެން ކުދިންނަށް އާންމުކޮށް ކިޔައި އުޅެނީ "ގޯލްޑް ޑިގާސް" އެވެ.

ހަގީގީ ތެދުވެރި ލޯބި ހާސިލުކުރަން ހިތު އަޅައިގެން އުޅޭ އަންހެން ކުދިން ބުނަނީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި އަގޮބޮޑު ކާރުތަކާއި މޮޅެތި ސައިކަލްތަކަށް ވުރެ ފައިމަގުގައި ހިނގާލާފައި އައިސް އަންހެން ކުއްޖާ ގޮވައިގެން "ޑޭޓަކަށް" ދާ ފިރިހެން ކުއްޖާ މާ ތެދުވެރިވެފައި މާ ކޮމިޓެޑް ކަމަށެވެ. އަދި އެއީ ވެސް ފިރިހެން ކުދިން "ސެކްސީ"ކޮށްދޭ ކަމެކެވެ.

މިހެން ބުނީމަ ބައެއް ފިރިހެން ކުދިން ހިތަށް އަރާފާނެ އެވެ. ކޮންތާކު ހެއްޔެވެ؟ ސަޅި ބިޓުން ވާނީ ހަމަ ލާރި އޮންނަ ފިރިހެނާ އަށެވެ. އަގުބޮޑޫ ސައިކަލްގައި އަންނަ ފިރިހެނާ އަށެވެ.

އެކަމަކު ގިނަ އަންހެން ކުދިން ބުނަނީ މާ ދެއްކުންތެރިކަން ބޮޑު ފިރިހެނުންނަކީ އަދި ވަކިން ހާއްސަކޮށް އަތުގައި ފައިސާ ގިނަވެގެން އުޅޭކަން ދައްކަން އުޅޭ ފިރިހެނުންނަކީ އެއްގޮތަކަށް ވެސް ކަމުދާ ބައެއް ނޫން ކަމަށެވެ.

"ވަރަށް ފޫހިވޭ އެ ވައްތަރަށް އުޅޭ ފިރިހެނުން ފެނުނީމަ،" މޫނަށް ވައްތަރު ޖައްސާލާފައި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

މޭން ބޫބްސް!

ލޮލް އެވެ. މި ވާހަކައެއް ދައްކާނެ ވެސް ކަމެއް ނެތެވެ. އެހެންވީމަ ދެން އޮތް ނަމްބަރަށް ދަމާ ހިނގާށެވެ.

އަބަދު މޭފުއްޕާލާފައި އުޅުން!

"މިއީ ދެން ވަރަށް ފޫހިވާ ސިފައެކެވެ،" އެއްކަލަ އަންހެން ކުއްޖާގެ މޫނަ މިފަހަރު ޖެއްސި ވައްތަރު އަދި މާ ހުތުރެވެ.

އަންހެން ކުދިން ބުނަނީ 24 ގަޑިއިރު މޭފުއްޕާލައިގެން ތިމަންނަވަރެއް ނެތް ކަމަށް ދައްކައި "ރޫޑް" ވެލައިގެން އުޅޭ ފިރިހެނުން އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ. އަންހެން ކުދިން އެންމެ ފަސޭހައިން ހިތްކިޔާނީ ހިތްހެޔޮ ފިރިހެނުންނަށެވެ. ހިތްތިރިވުމަކީ މޫރިތިވެގެންވާ ސިފައެކެވެ.

އަލީ ސީޒަންގެ އާ ފިލްމު "އަހުޝަމް" އިން ވެސް މިކަން ސާބިތުކޮށްދެ އެވެ. އެ ފިލްމުގައި އުޅޭ ލީޑް އަންހެން ކުއްޖާގެ ހިތް "އަހުޝަމް" އަށް ބަންޑުންވަނީ އޭނާ އަކީ ނިކަން ހިތްހެޔޮ މީހުންނަށް ނުހަނު އިހްތިރާމްކުރާ އަދި ކުޑަކުދިންނަށް އަޅާލާ މީހެއްކަން އެނގޭ ހިސާބުންނެވެ.

މިއީ ދިވެހި ފިލްމެއްގެ މަންޒަރަކަށް މިއީ ހަމަ ހަގީގަތެވެ. މޭފުއްޕާލާފައި ތިމަންނަވަރެއް ނެތިގެން އުޅޭ ފިރިހެނުން މި ވާހަކަ ގަބޫލުކުރާށެވެ.

އެއްކަލަ ސިމްޕަތީ ގޭމު ޖެއްސުން!

"ހުވާ ވަރަށް ފޫހި ސިފައެއް. ތިމަންނަގެ ބޮލުގައި ޓިއުމަރެއް ހުރެޔޯ،" އަންހެން ކުއްޖަކު ބުންޏެވެ.

"އަޅެ މީހަކު އަޖައިބެއް ނުވާނެތަ. ޓިއުމަރެއް ހުންނަ ނަމަ އޮންނާނީ ހޮސްޕިޓަލްގައެއް ނޫންތަ؟ ލޯބި ހާސިލުކުރަން މީހުންނަށް ނުހޮރުއްޕާންކުރަންތަ."

ފިރިހެން ކުދިން ޖައްސާ ސިމްޕަތީ ގޭމެއްގެ ވާހަކަ ފެށީމަ އަންހެން ކުދިންނަކަށް މަޑަކުންނެއް ނުތިބެވޭނެ އެވެ. ފޭކު ބޮންތަކެއްހެން މި ގޭމުތަކެއް ވެސް ގޮވައިގެން ގޮސްފައިހުރީމަ އެވެ.

އެހެންވީމަ ލޯބީގައި ނާކާމިޔާބުވެދާނެހެން ހީވިޔަސް "ސިމްޕަތީ ގޭމު" ނުޖައްސައްޗެވެ. އެ ވައްތަރުގެ ބޮން ނިކަން ފަސޭހައިން ޑިޓެޑްކުރަން މި އުޅޭ އަންހެން ކުދިންނަށް އެނގޭތީ އެވެ.

މިހެން ބުންޏަސް މިއުޅޭ ފިރިހެން ކުދިން މި ވާހަކައެއް އަޑުނާހާނެކަން އެނގެ އެވެ.

ބިޓު ވެސް ނުލާވަރަށް ވުރެ ގަޔަށް ބާރު ހެދުންލުން!

ބައެއް ފިރިހެނުންނަށް ހީވެފައި އޮންނަ ކަމެކެވެ. އަންހެން ކުއްޖާގެ ވަނާތައް ފާޅުވާ ވަރުގެ ސްކިނީ ހެދުމުގައި ފެނުމުން އެ ކުދިންނާ ދިމާލަށް ފިރިހެންވެރިންގެ ހިތްތައް އުފުރިގެންދާ ނަމަ ސްކިނީ ޖީންސާއި ގައިގެ މަސްގަނޑު ކަނޑައިގެން ހިނގައިދޭނެހެން ހީވާ ވަރަށް ބާރު ޓީޝާޓުގައި ހުންނަ ފިރިހެން މީހާ ފެނިގެން އެގޮތަށް އަންހެން ކުއްޖާގެ ހިތްވެސް ތެޅޭނެ އެވެ.

އަންހެން ކުދިން މި އަށް ދޭ ޖަވާބަކީ "އައްޗީޑި" އެވެ. ނުވަތަ ނިންމާލަނީ "ސީރިއަސްލީ" އަކުންނެވެ.