ދުނިޔެ

"ޕެރިސް ހަމަލާގެ ރޯޅި މުސްލިމް ރެފިއުޖީންނަށް ބާލައިގެން ނުވާނެ"

Nov 15, 2015

ޕެރިސްގައި ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅުވައި، ޔޫރަޕަށް އެތެރެވާ މުސްލިމް ރެފިއުޖީންނަށް ހިމާޔަތް ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ކްލައުޑީ ޖަންކާ އީޔޫގެ ގައުމުތަކަށް އިލްތިމާސް ކޮށްފިއެވެ.

ތުރުކީގައި މިހާރު ކުރިއަށްދާ ޖީ-ޓުވެންޓީގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޖަންކާ މިއަދު ވިދާޅުވީ ޕެރިހުގައި ހަމަލާދިނީ ކުށްވެރިންތަކެއް ކަމަށާއި ރެފިއުޖީން ނޫން ކަމަށެވެ.

ޕެރިސް ހަމަލާތަކާ ގުޅިގެން ޕޮލެންޑާއި ސްލޮވާކިޔާއިން ވަނީ މުސްލިމް ރެފިއުޖީން އެގައުމުތަކަށް އިތުރަށް އެތެރެވާން ދޫކޮށްލަން ދަތި ކަމަށް ބުނެފައެވެ. އެ ދެގައުމުން ބުނަނީ ޔޫރަޕަށް އިތުރު މުސްލިމް ރެފިއުޖީން ވެއްދުމާއި މެދި ޔޫރަޕް ރައްޔިތުންގެ މެދުގައި މިހާރު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. ހަމަލާ ތަކުގައި ބައިވެރިވި އެކަކު ޔޫރަޕަށް އެތެރެވީ ގްރީސް މަގުން ރެފިއުޖީއެއްގެ ގޮތުގައި ކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.

ޖަންކާ ވިދާޅުވީ މިއީ ގޮތްތަކެއް ނިންމަން އުނދަގޫ ދަނޑިވަޅެއްކަން ގަބޫލު ކުރައްވާ ކަމަށާއި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޔޫރަޕުން ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް މިހާރު ގެންގުޅޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އަދި ޕެރިސް ހަމަލާއިން ޔޫރަޕުގެ ގައުމުތަކަށް ވެރިވެފައިވާ ނުތަނަވަސް ކަމުގެ ހިޔަނީގައި މުސްލިމް ރެފިއުޖީންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުން ހުއްޓާ ނުލުމަށް އޭނާ ތަކުރާރުކޮށް ގޮވާލިއެވެ.