މިއުޒިކް

ޕަވަންދީޕާއި އަރުނީތާގެ ފުރަތަމަ އަލްބަމް ހިމޭޝް އާއެކު

ސޮނީ ޓީވީގެ "އިންޑިއަން އައިޑަލް 12" ބެލުންތެރިންގެ މުނިފޫހިފިލުވާތާ ހަ މަސް ދުވަސް ވެއްޖެ އެވެ. އެހެން ގިނަ ސީޒަން ތަކާ ޚިލާފަށް މިފަހަރުގެ ސީޒަނުގައި ބައިވެރިވެފައިވާ ގިނަ ލަވަކިޔުންތެރިން އާދަޔާޚިލާފަށް ހުނަރުވެރިކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެހެންކަމުން ޝޯގެ ޖަޖުން ކަމަށްވާ މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ، ހިމޭޝް ރޭޝަމްޔާ އަދި އަންނޫ މަލިކު އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރްގެ ތައުރީފު މި ލަވަކިޔުންތެރިންނަށް ހިފެހެއްޓުމެއް ނެތި ލިބެމުން އާދެ އެވެ.

މިފަހަރުގެ ސީޒަނުގައި އެންމެ ގިނަ ބަޔަކު އެ ދެ ލަވަކިޔުންތެރިއެއްގެ ވާހަކަ ދައްކާ ދެ ލަވަކިޔުންތެރިންނަކީ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލް އެވެ. ރީތި އަޑާއި ލަވަ ކިއުމުގެ ހުނަރުގެ އިތުރުން މި ދެ ލަވަކިޔުންތެރިންގެ ލޯބީގެ ވާހަކަތައް ވެސް ވަރަށް ވައިގައި ހިފާފައި ވެއެވެ.

އަރޫނީތާ އާއި ޕަވަންދީޕްގެ ލަވަކިޔުމުގެ ހުނަރު ފެނިފައި ޝޯގެ އެއް ޖަޖް ހިމޭޝް މިހާރު ވަނީ އެ ދެ ފަންނާނުން އެކުގައި ފިލްމު އިންޑަސްޓްރީއަށް ތައާރަފްކުރުމުގެ ޒިންމާ އާ ހަވާލުވެފަ އެވެ. ހިމޭޝްގެ އާ އަލްބަމް "މޫޑްސް އެންޑް މެލޮޑީޒް"ގެ ފުރަތަމަ ލަވަ ކިއުއްވާނީ އަރުނީތާ އާއި ޕަވަންދީޕް ލައްވާ ކަން ހިމޭޝް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

މި ދެ ލަވަކިޔުންތެރިންނާއެކު ނަގާފައިވާ ފޮޓޮއަކާއެކު ހިމޭޝް ސޯޝަލް މީޑީއާގައި ޝެއާކުރި މެސެޖެއްގައި ބުނެފައިވަނީ ދުނިޔޭގެ މިއުޒިކް ދުވަސް ކަމަށްވާ ޖޫން 21 ވަނަ ދުވަހު އޭނާގެ އާ އަލްބަމް ރިލިޒްކުރާ ދުވަސް އިއުލާން ކުރާނެ ކަމަށާއި މި އަލްބަމްގެ ފުރަތަމަ ލަވަ ކިޔާފައިވަނީ ޕަވަންދީޕް އާއި އަރޫނީތާ ކަމަށެވެ.

ހިމޭޝްއަކީ ވަރަށް ގިނަ އާ ލަވަކިޔުންތެރިންނަށް ބޮލިވުޑުން ފުރުސަތު ދެމުން އަންނަ މިއުޒިކް ޑައިރެކްޓަރެކެވެ. ބޮލީވުޑް ފިލްމުތަކަށް ލަވަކިޔާދޭ އާ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ދަރްޝަން ރާވަލް، އާކާސާ ސިންގް، ޕަލަކް މުންޗަލް، މުހައްމަދު އިރްފާން، ރާނޫ މޮންޑަލް، ވިނީތު ސިންގް، އަމަން ޓްރީކާ އަށް ލަވަކިޔުމުގެ ފުރުސަތު ފުރުތަމަ ދީ އެމީހުން ލޯންޗުކުރީ ހިމޭޝް އެވެ.