އެމެރިކާގައި ދެމަހެއްހާ ދުވަހު އުޅުއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ޝާހިދު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ. އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ކެމްޕޭނަށް ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ.
އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބު މިމަހުގެ ހަތްވަނަ ދުވަހު ބާއްވާފައިވާއިރު ޝާހިދު ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުގެ މެދުގައި ކުރިއަށް ގެންދިޔަ ސިއްރު ވޯޓުގައި ޝާހިދު ވަނީ 143 ވޯޓު ހޯއްދަވާފަ އެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާންގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގެންފައިވާއިރު މިއީ އދ.ގެ މިހާ މަތީ ފެންވަރުގެ މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އާންމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ރަސްމީ ކޮށް ހަވާލުވެވަޑައިގަންނަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
މަގާމުގެ ހައިސިއްޔަތުން ގިނަ ދުވަސްތަކެއް އެމެރިކާގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމުގައި ޝާހިދު ދެމިހުންނަވާނެ ކަމުގައި ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަދި ޝާހިދު އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. ނަމަވެސް ވަކި ތާރީހެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.
އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.