މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަށް ނަރީޝް ގެންނަން ޕީޕީއެމްއިން ނިންމައިފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ގެންނަން ޕީޕީއެމްއިން ނިންމައިފި އެވެ.

ޑެޕިއުޓީ މޭޔަރުކަމަށް ނަރީޝް ގެންނަން ނިންމީ މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ ކައުންސިލަރުން މިއަދު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުން ނަރީޝް ކުރިހޯއްދެވުމުން ނެވެ.

މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްއަށް ނިސްބަތްވާ 13 ކައުންސިލަރުން ތިއްބަވާ އިރު މިއަދު ނެގި ވޯޓުގައި ނަރީޝްއަށް ފަސް ވޯޓު ލިބިވަޑައިގެންނެވި އެވެ.

ނަރީޝްއާއެކު ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާ އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވެސް ކުރިމަތިލެއްވި އެވެ. އެ ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.

ނަރީޝް ޑެޕިއުޓީ މޭޔަރުކަމަށް ގެންނަން ނިންމި ނަމަވެސް މީގެ ކުރިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ވަކި ކައުންސިލަރަކު ޑެޕިއުޓީ މޭޔަރުކަމަށް ގެންނަން ތާއިދު ނުކުރައްވާނެ ކަމަށެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބްކުރާނީ މާދަމާ އެ ސިޓީ ކައުންސިލްގައި ނަގާ ސިއްރު ވޯޓަކުން ނެވެ.

ޑެޕިއުޓީ މޭޔަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 35،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.