ފުއާދު ތައުފީގު

އީސީގެ ރައީސް ކަމަށް ފުއާދު ޝައުގުވެރިވޭ

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ޝައުގުވެރިކަން ފާޅުކުރައްވައިފި އެެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު އަވަސް އަށް ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވަން ގިނަ ބަޔަކު މިހާރުވެސް އެދެމުންދާ ކަމަށެވެ.

"އަޅުގަނޑު ކުރިންވެސް އީސީގެ ރައީސްކަމުގައި ހުރިއިރު ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. ދެން އަޅުގަނޑު އަލުން ރައީސް ކަމަށް އައުމުންވެސް ކަންތައްތައް ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު ދެކޭ،" ފުއާދު ވިދާޅުވި އެވެ.

ޝަރީފް އިސްތިއުފާއާ އެކު މެންބަރު ކަމުގެ އެ މަގާމު އޮތީ ހުހަށެވެ. އެ މަގާމަށް އަދި ހުޅުވައެއްވެސް ނުލައެވެ.

"އީސީގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަނުކުރީމަ ދެން އަޅުގަނޑުވެސް ހުށަހަޅާނަން ރައީސް ކަމަށް،" ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން 2008 އިން 2009 ކުރެއްވުމަށް ފަހުން 2014 އާ ހަމައަށް އެ ކޮމިޝަންގެ ރައީސްގެ މަގާމު ފުއާދު ފުރުއްވިއެވެ.