އެމްޓީސީސީ

އެމްޓީސީސީން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ނިންމައިފި

Jun 20, 2021

އެމްޓީސީސީގެ ފައިދާ އިން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެމްޓީސީސީން އެގޮތަށް ނިންމީ ވާޗުއަލްކޮށް މިއަދު ކުރިއަށް ގެންދިޔަ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ނިންމީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 86 ޕަސެންޓުގެ ވޯޓުންނެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ހިއްސާދާރުންނަށެވެ.

އާންމު ޖަލްސާގައި މިއަދު ވަނީ އެމްޓީސީސީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވެސް ހަމަޖައްސަން ފާސްކޮށްފަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީ އަކީ މިދިޔަ 40 އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމިއިރު އެމްޓީސީސީން އެންމެ ބޮޑު ފައިދާއެއް މިހާތަނަށް ބަހާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާއަކަށް 2.60 ރުފިޔާ ބަހަން ނިންމި އެވެ. ނަމަވެސް އެ އަހަރު ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ. އަދި 2019 ވަނަ އަހަރު ދީފައިވަނީ ހިއްސާއަކަށް ދެ ރުފިޔާ އެވެ.

އެމްޓީސީސީ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް 2019 ވަނަ އަހަރު ކުރީ 1.15 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ. މިދިޔަ އަހަރު އެ ކުންފުނިން ހާސިލް ކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން މިދިޔަ އަހަރު 36 މަޝްރޫއެއް ނިންމާފައިވެ އެވެ.