ސައުދީ އަަރަބިއްޔާ

ސައުދީގައި މިސްކިތްތަކަށް އެޅި ފިޔަވަޅުތައް ދޫކޮށްލައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސައުދީ ސަރުކާރުން އެ ގައުމުގެ މިސްކިތްތަކުގައި އެޅި ފިޔަވަޅުތައް ދޫކޮށްލައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީ ސަރުކާރުން ވަނީ ޖަމާއަތުގެ ނަމާދު ކުރުކުރުމާއި ޖަމާއަތުގެ ނަމާދު ނިމުމުން މިސްކިތްތަކުގައި މަޑުނުކުރަން އަންގާފައެވެ. ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި މިސްކިތްތަކުގައި ހުންނަ ހަތިމު -މުސްހަފް- ތައް ވަނީ ނަގާފައެވެ. މީގެ އިތުރުން ހުކުރު ނަމާދުގެ ހުތުބާ ކުރުކުރުމާއި މިސްކިތްތަކުގައި އޮންނަ ކުލާސްތަކާއި ދަރުސްތައްވެސް ހުއްޓާލިއެވެ. އަދި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފެން ކޫލަރުތައް ނަގާ މިސްކިތްތަކުގައި ކައިބޮއި ހެދުން މަނާކުރި އެވެ.

ނަމަވެސް އެ ގައުމުގެ ސަރުކާރުން މިއަދު ބުނީ އެ ފިޔަވަޅުތައް މިއަދުން ފެށިގެން ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން ޖަމާއަތުގެ ނަމާދުތަކުގައި ދެން ގައިދުރުނުކޮށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތު ދަރުސްތަކާއި ކުލާސްތައްވެސް ކުރިއަށް ގެންދެވޭނެ އެވެ.

ސައުދީގައި 473،000 މީހުންނަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން 454،000 މީހުން ވަނީ ބަލީން ފަސޭހަވެފައެވެ. އެ ބަލީގައި މަރުވީ 7،663 މީހެކެވެ.