ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސްތަކުގެ ކަންބޮޑުވުންތައް ރައީސް އަރިހަށް

Jun 20, 2021
1

ކޮވިޑް-19 ގެ މިހާލަތާ ގުޅިގެން ގެސްޓްހައުސް ވިޔަފާރި ހިންގުމުގައި ހުރި ގޮންޖެހުންމާއި ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ރައީސްއާ ހިއްސާކޮށްފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިސް ނަގައިގެން މިއަދު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވަޑައިގެންފަ އެވެ. މި ބައްދަލުވުމުގައި ގޭމް އިން ވަނީ މި ސިނާއަތް ކުރިއެރުމުގައި މިހާރު ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވަޑައިތެވެ.

ގޭމް އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅުންތަކަށް "ފެހި ސިގްނަލް" ލިބިގެން ދިޔަ ކަމަށެވެ. އަދި ހުރި ގިނަ ކަންބޮޑުވުން ތަކެއް ރައީސް ސޯލިހުއާ ހިއްސާ ކުރެވިގެން ދިޔަ ކަމަށެވެ.

"މި ކަންބޮޑުވުން ތަކަކީ ކައުންސިލްތަކާއެކު އަޅުގަނޑުމެން ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުންގެ ފަރާތުން މި ވިޔަފާރި ހިންގުމުގައި އެ ރަށްރަށުގައި ހުރި ގޮންޖެހުންތައް،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހިންގާއިރު މި ތަންތަނުގައި ހުރި އެނދުގެ އަދަދު 10،000 އަށް އަރަ އެވެ.