ހަބަރު

"ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" މާދަމާ ބާއްވަނީ

ހާއްސަ އެހީއަށް ބޭނުންވާ 200 އަށް ވުރެ ގިނަ ކުދިންނާ އެކު ދިރާގުގެ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" މާދަމާ ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

ސްޕޯޓްސް ފެސްޓިވަލް އޮންނާނީ މާދަމާ ހަވީރު 3:45 ގައި ހެންވޭރު ދަނޑުގައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދިރާގު އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު އަލީ ޖަލީލް ވިދާޅުވީ، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރާއި ހުނަރުގައި ބައިވެރިވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން މީގެ ހަތަރު އަހަރު ކުރިން ދިރާގުން ފެށި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ވަކި އުމުރު ފުރާއެއް ނެތި، ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަށް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ކޮންމެ އަހަރަކު ވެސް ހުޅުވާލަ އެވެ.

އިމްޖާދު ވިދާޅުވީ، މި އަހަރުގެ ފެސްޓިވަލް ރޭވުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ، އާދައިގެ ކުޅިވަރެއްގައި ކުދިން ބައިވެރިކުރުވުމުގެ ބަދަލުގައި އާދައިގެ ކުދިންނެކޭވެސް އެއްގޮތަށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެކުދިންނާ އެކަށީގެންވާ މިންވަރަކަށް ވާދަވެރި ކުޅިވަރު އެލެމެންޓް ތަކެއް ހިމެނުމަށް ކަމަށެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ބައެއް ކަހަލަ ތެރަޕީތައް ކުދިންނަށް ލިބޭނެ ގޮތަކަށް ކުޅިވަރުތައް ރާވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން އިންތިޒާމް މިކުރަނީ އެއްވެސް ކުއްޖަކު ބާކީ ނުވާނެ ގޮތަކަށް ބަލައިގެން. ހުރިހާ އުމުރެއްގެ ކުދިންނަށް ވެސް ފެސްޓިވަލްގައި ބައިވެރި ވެވޭނެ. މީގައި އެބަ ހިމެނޭ ބައެއް ކަހަލަ ރެލީ ތައް ވެސް. މިކުޅިވަރުތައް ވާނެ ކުދިންނަށް ވަރަށް ކަމުދާ ކުޅިވަރުތަކަކަށް،" އިމްޖާދު ވިދާޅުވި އެވެ.

އަމީރު އަހުމަދު ސްކޫލްގެ ޕްރިންސިޕަލް އަމަތުﷲ ޝަކީބް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމުގެ ތެރޭގައި އެއްވެ އުޅެ އާންމު ތަޖުރިބާ އެހެންވެސް އާދައިގެ ކުދިންނެކޭ އެއްވަރަށް ލިބެން ޖެހޭ ކުދިން ކަމަށް ވީ ނަމަވެސް އެކުދިންނަށް އެފަދަ ފުރުސަތު ތަކެއް ރާއްޖޭގައި އަދި ނެތް ކަމަށެވެ. އެހެން ކަމުން ދިރާގުން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު ފެސްޓިވަލަކީ އެފަދަ ކުދިންނާ އާއިލާތަކަށް ވަރަށް މުހިއްމު ފެސްޓިވަލަކަށް ވެފައިވާ ކަމަށެވެ.

އަމަތު ވިދާޅުވީ މި ފަދަ ފުރުސަތު ތަކުގެ ބޭނުން ހިފައި، ކުދިން ގޮވައިގެން ތަންތަނަށް ގޮސް ހަރަކާތްތަކުގައި ބައިވެރި ވުމަށް އާއިލާތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މާދަމާގެ ކުޅިވަރު ފެސްޓިވަލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ހަތް ސްކޫލަކުން 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވާއިރު، ސްކޫލް ނިމިފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާންމުންނަށް ވެސް މި ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.