ސްނެޕްޗެޓްގައި ގިނަ ބަޔަކު ބޭނުން ކުރާ ސްޕީޑް ފިލްޓާ ނަގައިފި އެވެ.
ދަތުރު ކުރަމުންދާ ސްޕީޑް ދައްކުވައިދޭ މި ފިލްޓާގެ ސަބަބުން ފަރުވާ ކުޑަކޮށް ދުއްވަން އާންމުންނަށް މަގުފަހިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ސްނެޕްޗެޓްގައި މި ފިލްޓާ ބޭނުން ކުރާތީ ބައެއް މީހުން ވަނީ އެ މައްސަލާގައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.
އެގޮތުން ބައެއް މީހުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ސްނެޕްޗެޓްގެ ވެރިން މީގެ ކުރިން ކޯޓަށް ވެސް ހާޒިރު ކޮށްފައިވެ އެވެ.
ސްޕީޑް ފިލްޓާގެ ސަބަބުން ކުރިމަތިވި ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ގުޅިގެން ސްވައިޕް ކުރެވޭ ގޮތަށް ކުރިން ބޭނުން ކުރަމުން އައި މި ފިލްޓާ ސްނެޕްޗެޓުން ފަހުން ވަނީ ސްޓިކާ އަކަށް ބަދަލު ކޮށްފަ އެވެ. މިބަދަލާއެކު މި ފީޗާ ބޭނުން ކުރުމަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ކުރިމަތިވި އެވެ. މި ބަދަލާއެކު ފިލްޓާ ބޭނުން ކުރި މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވި އެވެ.
ސްޕީޑް ފިލްޓާ ބޭނުން ކުރެވޭ ގޮތަށް ގެނައި ބަދަލުތަކާ އެކު ވެސް ސްނެޕްޗެޓަށް އަމާޒުވި ފާޑުކިޔުންތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ސްނެޕްޗެޓަށް އެންމެ ފަހުން ޖެހިފައި ވަނީ އެޕްލިކޭޝަނުން ސްޕީޑް ފިލްޓާ އެއްކޮށް ނަގާށެވެ.
ސްނެޕްޗެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންމެ މުހިއްމީ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ. އެހެންކަމުން އަމާޒުވި ފާޑުކިޔުންތަކަށް ބަލައި އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްޕީޑް ފިލްޓާ އެއްކޮށް ނެގީ ކަމަށެވެ.
ސްނެޕްޗެޓްގެ ސްޕީޑް ފިލްޓާ ނެގުމުން ބައެއް މީހުން ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ އެ ބަދަލަށް މަރުހަބާ ވެސް ކިޔާފަ އެވެ.