ރައްޔިތުންގެ މަޖިލިސް

އިންތިގެ ބަދަލުގައި 241 ކޮމެޓީއަށް އަނެއްކާވެސް އަނދުން ހުސެއިން

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި އެމްޑީޕީ ތަމްސީލް ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ބަދަލުގައި އެމްޑީޕިއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހަމަޖައްސައިފި އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޝަހީމް އެ ކޮމެޓީއަށް އައްޔަނުކުރިކަން ހާމަކުރައްވައިފަ އެވެ.

މިއީ ޝަހީމް 241 ކޮމެޓީއަށް އައްޔަނުކުރި ދެވަނަ ފަހަރެވެ. ޝަހީމްގެ ބަދަލުގައި އިމްތިޔާޒް ކޮމެޓީ އަށް އައްޔަނުކުރީ މީގެ ދެ ހަފްތާ ކުރިން ނެވެ. ނަމަވެސް ކުއްލިއަކަށް އެ ކޮމެޓީއިން އިމްތިޔާޒް ވަކިކޮށް ޝަހީމް އަލުން އައްޔަނުކުރި ސަބަބު ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް ވެސް ހިންގަމުންދާ އިރު މީގެ ކުރިން އިމްތިޔާޒް ވަނީ އެ ކޮމެޓީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެސް ވެފަ އެވެ. އަދި ސަރުކާރުން އެ އިންކުއަރީއަށް ހުރަސްއަޅާ ކަމަށް އިމްތިޔާޒް ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ކޮމެޓީގެ މުގައްރިރު އަސްލަމް މީގެ ކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވީގޮތާ ގުޅޭގޮތުން ކުރިއަށް ގެންދާ އިންކުއަރީ މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.