ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފް ކުރުމުގެ އުސޫލަށް ބަދަލު ގެނެސް އާންމު މަސްލަހަތު އޮންނަ މައްސަލަތަކާއި ގާނޫނު މާނަ ކުރުމާ ގުޅޭ މައްސަލަތައް އެކަނި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.
ޝަމީމް އިއްޔެ ވިދާޅުވީ މައްސަލަތައް މަތީ ކޯޓުތަކުގައި ދެން އިސްތިއުނާފް ކުރާނީ ގާނޫނު މާނަކުރެވޭ ގޮތާއި މެދު ސުވާލު އުފެދޭ މައްސަލަތަކުގައި ކަމަށެވެ. އިސްތިއުނާފް ކުރުން މިހާރު މަދުކޮށްފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން ކޮންމެ ކޮންމެ މައްސަލައެއް ކުރިއަށް އޮތް ދުވަސް ތަކުގައި އިސްތިއުނާފް ނުކުރާނެ ކަމުގައި ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގައި އެކި ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ލިޔުމުން ކަނޑައަޅާފައި ނެތް ކަމަށެވެ. އެހެންކަމުން ކަންކުރަމުން އައިސްފައިވަނީ އޭރަކު ހުންނަވާ ޕްރޮސެކިއުޓާ ޖެނަރަލަކު ބޭނުންވާ ގޮތަކަށް ކަމަށެވެ. ކުރީގައި އޮންނަ ގޮތަކީ ޕީޖީ އޮފީހުން މައްސަލައެއްގައި ހިތްހަމަނުޖެހިއްޖެނަމަ އެ މައްސަލައެއް ވަގުތުން އިސްތިއުނާފް ކުރުން ކަމަށާއި އެ އުސޫލު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކި ކަންކަމާ ގުޅޭ އުސޫލުތައް ލިޔުމުން ފެންނަން ހުންނާނެ ގޮތް ހަދަމުންދާ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކުރިން އަމަލުކުރަމުން އައި އުސޫލުގެ ސަބަބުން ކުދިކުދި މައްސަލަތައް ވެސް އިސްތިއުނާފް ކޮށްފައި އެބަހުއްޓެވެ. އަދި ކޮންމެހެން އިސްތިއުނާފް ކުރަން ނުޖެހޭ މައްސަލަތަކެއް ވެސް އިސްތިއުނާފް ކޮށްފައިވާ ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ މުއާލާތް ކެނޑިފައި ހުރި މައްސަލަތަކާއި އަދި މާބޮޑު މަސްލަހަތެއް ނެތް މައްސަލަތައް ވެސް އޭގެ ތެރޭގައި ހުރި ކަމަށެވެ. އެހެންކަމުން އިސްތިއުނާފް ކުރަން ކޯޓު ތަކަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިސާލަކަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރާމް ހަމަނުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ދިމާވި ކަމަކާ ގުޅިގެން އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރަން ޖެހޭ ކަމަކަށް. ހައިކޯޓަށް އެޕީލްކުރަން ޖެހޭނީ ވަރަށް ޕަބްލިކް އިންޓްރެސް އޮންނަ މައްސަލައެއްގައި. އަނެއް ކަމަކަށް ގާނޫނު މާނަކުރި ގޮތަކާ މެދު ސުވާލު އުފެދުނިއްޔާ ދާން ޖެހޭނެ ހައިކޯޓަށް ސްޕްރީމް ކޯޓަށް." ޝަމީމް ވިދާޅުވި އެވެ.
އިސްތިއުނާފަށް ހުށަހެޅުމުގައި ޕީޖީ އޮފީހުން އަމަލުކުރަން ފެށި އާ އުސޫލުގެ ސަބަބުން ހާސިލްކުރެވޭ ނަތީޖާ މިހާރު މާބޮޑަށްވެސް ރަނގަޅު ކަމުގައިވެސް ޕީޖީ ވިދާޅުވި އެވެ. މިބަދަލާ ގުޅިގެން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ދާން ވެސް ފަސޭހަ ކަމުގައި ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުން މިދޭތެރެއަކުން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ވަރަށް މުހިންމު ތިން ހަތަރު ގަޒިއްޔާއެއް ނިންމަވައިފި. އޭގެތެރެއިން ވަރަށް ބައިވަރު ކަންތައްތަކަށް ހައްލު ލިބިގެން ދާނެހެން މާނަކުރުންތައް އައިސްފަ ހުރީ. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވުނީ ހުރިހާ ކަމަކާ ނޫޅެ ވަކި ދާއިރާއަކުން ވަކި އޭންގަލަކުން ފޯކަސް ކޮށްގެން މަސައްކަތް ކުރީމަ ނަތީޖާ ނެރެވޭނެ ކަމަށް މިބަލަނީ." ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ކަން ޕީޖީ ޝަމީމް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ދައުވާކުރާނެ ގޮތުގެ އުސޫލަކާއި ދައުވާގައި ހުންނަންޖެހޭ ކަންކަމުގެ މެނުއަލެއް ތައްޔާރުކޮށްފައިވާތީ އެކަންކަން ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.