ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަމީން މައްސަލާގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް: ޕީޖީ

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު އަމީން ކޯޓުން ދޫކޮށްލި މައްސަލާގައި ދައުލަތުން އަމަލުކުރި ގޮތާ ގުޅޭގޮތުން ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް، ދިފާއުގައި ވާހަކަ ދައްކަވައިިފި އެވެ.

ހައިކޯޓުން މިއަދު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ.

މި މައްސަލައާ ގުޅިގެން ޝަމީމް ވިދާޅުވީ ހަައިކޯޓްގެ ނިންމުމާއި ހަމައަށް އައުމަށް ސުޕްރީމް ކޯޓުގެ ހުކުމެއް މައްސަލަ ބެއްލެވި ފަނޑިޔާރުން މާނަކުރެއްވި ގޮތް ރަނގަޅު ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ އަމީންގެ މައްސަލައިގައި ކަންކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށް ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށް ނިންމީ ދަށު ކޯޓު މަރުހަލާގައި ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެންމެ ފުރަތަމަ އެކަން ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން ކުރި އަމުރަކަށްފަހު ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އަމީން މިއަދު މިނިވަންވެގެންދާއިރު އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

އަމީނަށް ކުރާ ދައުވާތަކާއި ގުޅިގެން ދައުލަތުން ވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި އޭނާ ގެންގުޅުނު އިލެކްޓްރޯނިކް ޑިވައިޒް ތަކުގެ ފޮރެންސިކް ރިޕޯޓަކާއި އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސިއްރު ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފިންއެއް ކޯޓަށް ހުށަހަޅާފަ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދެމަަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.