ސަދަން ޓްރާންސްޕޯޓު ލިންކް (އެސްޓީއެލް)ގެ މުވައްޒަފަކު ސަރުކާރަށް ފާޑުކިޔައިގެން ވަޒީފާ އިން ވަކިކުރުމުން އޭނާގެ ދިފާއުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ބައެއް ކައުންސިލަރުން ތެދުވެއްޖެ އެވެ.
އެސްޓީއެލްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެތަނުގެ ފޭދޫ އޮފީހުގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެ ސިޓީގެ ހިތަދޫ އަށް ނިސްބަތްވާ އިސްމާއީލް ރަޝީދު (އިއްސެ) އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިއްސެ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ސަރުކާރު ބަދުނާމުކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލާތީ ކަމަށް އިއްސެ ބުނެފައިވެ އެވެ. ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރީ އެސްޓީއެލްގެ ކޯޑް އޮފް ކޮންޑަކްޓާ ތަކުރާރުކޮށް ހިލާފުވެގެން ކަމަށް މައުލޫމާތު ލިބެ އެވެ. އިއްސެ ވަޒީފާ އިން ވަކިކުރި މައްސަލާގައި އެސްޓީއެލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިއްސެ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އައްޑޫގޭ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑްގެ މިދަތި އުދަގޫ ވަގުތުގައި އައްޑޫގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް މުވައްޒަފަކު ވަކިކުރުމަކީ ރުހެވޭނެ ކަމެއް ނޫން ކަމަށެވެ.
"ވަޒީފާ އަށްދާ ކޮންމެ މީހަކީ އެތައް ބަޔަކަށް ކާންދޭ މީހެއްް. އަދި އެހީތެރިވާ މީހެއް،" އިއްސެ ވަޒީފާ އިން ވަކިކުރުމުން ނިޒާރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އިއްސެ ވަޒީފާ އިން ވަކިކުރުން ފޭދޫ މާދެލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު މުހައްމަދު ފައިސަލް ސިފަ ކުރެއްވީ އެއީ އާއިލާއެއް ބިކަ ކޮށްލުން ފަދަ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ ފައިސަލް ވަނީ އިއްސެގެ ވަޒީފާ އަލުން އޭނާ އަށް އަނބުރާ ދިނުމަށް އެދިވަޑައިގެންފަ އެވެ.
"ހިތަދޫ އިސްމާއީލް ރަޝީދު ސަދަން ޓްރާންސްޕޯޓް ލިންކްގެ ވަޒީފާއިން ވަކި ކުރުން އަލުން މުރާޖާކޮށް އެ ވަޒީފާ އިޔާދަ ކުރުމަށް ގޮވާލަން" ފައިސަލް ވިދާޅުވި އެވެ.
ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި އެއްވެސް ރައްޔިތަކުން ވަޒީފާ އިން ވަކިކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިއީ ރައްޔިތުންނަށް އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
"އެސްޓީއެލްގެ މުވައްޒަފް އިސްމާއިލް ރަޝީދު ވަޒީފާއިން ވަކިކުރުން އަލުން މުރާޖާކޮށް އެ ވަޒީފާ ހަމަޖައްސައިދިނުމަށް ގޮވާލަން" ސަލްމާ ވިދާޅުވި އެވެ.
އެސްޓީއެލް އިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައިވެސް އިއްސެ އަށް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން 14 ދުވަހަށް އެ ފަހަރު ސަސްޕެންޑް ކޮށްފައިވެ އެވެ. އޭނާ މިފަހަރު ވަޒީފާ އިން ވަކިކުރީ ކުރިން އިންޒާރުގެ ބައެއް ނޯޓިސް ދިނުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.