އޮޑިޓު އޮފީހުން ހަދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ހާއްސަ އޮޑިޓު ރިޕޯޓު ނިމުމުން އެކުންފުނިން ހިޔާނަތްތެރިވީ ފައިސާގެ އަދަދު އެންގޭނެ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އަންނަ އަހަރު ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓަރު ޖެނެރަލް އޮފީހުގެ އޮފިޝަލެއް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަނުން (އޭސީސީ) އިން ވެސް ތަހުގީގު ކުރަމުންދާ އިރު އެމްއެމްޕީއާރްސީގެ މިދިޔަ އަހަރުގެ ފައިނޭންޝިއަލް ސްޓޭޓް ބެލިފައި ނުވާ ކަމަށެވެ.
އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ޒިންމާއަކީ އެމްއެމްޕީއާރްސީ އިން ގެއްލިފައި ހުރި އަދަދު ދެނެ ގަތުން ކަމަށާއި އަދި މިހާރު ކުރަމުން ގެންދާ ހާއްސަ އޮޑިތު ރިޕޯޓު ނިމުމުން ހިޔާނާތް ތެރިވެފައިވާ އަދަދު ހާމަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓުވަރިސަމް ދާއިރާ ޕްރޮމޯޓުކުރުމަށް އެކުލަވާލި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓު ރިޕޯޓެއް ހަދަމުން ދާއިރު އެކަމުގައި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އަދި އޮޑިޓު ކުރިޔަށް ދާނީ ވަރަށް މިނިވަން ކޮށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.