އެމްޑީޕީ

ހިސާން ބިލު ފާސްކޮށް ދިނުމަށް މެޖޯރިޓީ އޮތް އެމްޑީޕީން ގޮވާލައިފި

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ބިލާ ދެކޮޅު ހެދުން ބޮޑުވެފައިވަނިކޮށް އެ ބިލް ފާސްކޮށް ދިނުމަށް މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ގަބޫލުކުރެވި އެމީހުން މަރައި އަދި ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި ދިރިހުރުމުގެ ހައްގު ކަށަވަރު ކުރުމަށް ނުހަނު މުހިއްމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"... ނަމަވެސް މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި މި ބިލަކީ ދީނާއި ހިލާފު ބިލެއް ކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީއިން ހަރުއަޑުން ކުށްވެރިކުރަން. އަދި މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތް ކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުން ކުރާކަމީ މި ޕާޓީއިން ކަންބޮޑުވާ ކަމެއް،"

އެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދީނާއި ގުޅުވައިގެން މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުން ކަމަށެވެ.

ބިލް ފާސްކޮށްދޭން އެމްޑީޕީން އެދިފައިވާއިރު މަޖިލީހުގެ 65 ގޮޑި އޮތީ އެ ޕާޓީއަށެވެ. އެ ޕާޓީގެ މެންބަރުން ބޭނުންވެއްޖެނަމަ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ މިންވަރުގެ ސާފު މެޖޯރިޓީއެއް އެބައޮތެވެ. ނަމަވެސް މި ބިލާ ދެކޮޅަށް އެ ޕާޓީގެ ހަތަރު މެންބަރު ވަނީ ތެދުވެފައެވެ. އަދި ކަންބޮޑުވުންތަކާއި ޝަކުވާތައް ބޮޑުވުން އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހްވެސް މިހާރު ވަނީ ވިދާޅުވެފައެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ހުށައެޅި ބިލް ފާސްނުކޮށް ބޭރުކޮށްލުމަށް ގޮވާލާ 100 ރަށެއްގެ ރަށު ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. އަދި ސިޓީ ކައުންސިލުތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި ތިން އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަޔާން ނެރެފައިވެއެވެ. އެކު ޖުމްލަ 104 ކައުންސިލަކުން 509 ކައުންސިލަރުން ބަޔާންތަކުގައި ސޮއިކޮށްފައިވެއެވެ.

ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލައި ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައެވެ.

އެ ބިލާ ދެކޮޅުކަން ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ފާޅުގައި ބުނެފައެވެ.