މަރާލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދެއްގެ ގޮނޑޮދޮށަށް އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ފިލާ ތިބީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ކަން އެނގިއްޖެ އެވެ.
މި ގެސްޓްހައުސް ހިންގަނީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރު ވެފައިވާ ބަންގްލަދޭޝްގެ ބަސްގަރު ހުސައިން ކިޔާ މީހެކެވެ. އެ ދެމީހުންގެ ކައިވެންޏަށް 15 އަހަރެވެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދަން ފުލުހުން ގެސްޓްހައުސް ތެރޭގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު އަވަސްއާ ހިއްސާކުރީ ވެސް ބަސްގަރާއި އޭނާގެ އަންހެނުން އަސްމާ ހުސައިނެވެ.
ބަސްގަރު ބުނި ގޮތުގައި ގެސްޓްހައުސްގެ ދެވަނަ ފްލޯގެ 202 ނަންބަރު ކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ފޮޓޯ ދެއްކި އެވެ.
"ދެން ބުނީ މި މީހާ އުޅޭހޭ. އަހަަރެން ބުނިން އުޅެއޭ. ދެން އަހަންނާއެކު ފުލުހުން ގޮސް ކޮޓަރީގައި ޓަކި ދިނީމާ ދޮރެއް ނުހުޅުވި. ދެން އަހަރެން ތިރިއަށް އައިސް ފޯނުކޮށްފައި ބުނީ އަހަރެން މިއީ މީދަ [މިވެނި] މީހެކޭ ދޮރު ހުޅުވަ ދީބަލާށޭ. ޕޮލިސް އައިސް ތިބި ވާހަކަ އަހަރެން ނުބުނަން. އެވަރުން ވެސް އެ މީހުން ނުހުޅުވި." ފުލުހުން ގެސްޓްހައުސް އަށް ވަދެ އެންމެ ފުރަތަމަ ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ބަސްގަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮޓަރީގެ ދޮރު ނުހުޅުވުމުން ރިސެޕްޝަންގައި އޮތް ތަޅުދަނޑި ނަގައިގެން ރޫމް ހުޅުވަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ކޮޓަރި ދޮރު އެތެރެއިން ތަންޑު އަޅުވާފައި ހުރުމުން ނުހުޅުވުނެވެ.
ގެސްޓްހައުސް އަށް ފުލުހުން ވަނީ 9:30 ހާއިރު އެވެ. ކޮޓަރި ދޮރު ހުޅުވާތޯ ފުލުހުން ބައިގަޑިއިރެއްހާ އިރު މަޑުކޮށްފައި ދޮރު ނުހުޅުވުމުން ކޮޓަރި ތެރެއަށް ވަނީ ދޮރު ވައްޓާލައިގެންނެވެ. ފުލުހުން ކޮޓަރި ތެރެއަށް ވަން ގޮތަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް ބަސްގަރު ބުންޏެވެ.
"އަޅުގަނޑަށް ގޮދަޑި ކައިރިން ކުޑަކޮށް ލޭ ވެސް ފެނުނު. އެކަމަކު އެއީ ކިހިނެއް އައިސްފައި ހުރި ލޭ ކަމެއް ނޭނގޭ،" ފުލުހުން ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރު ކިޔައިދެމުން ބަސްގަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮޓަރި ހިފީ ފުލުހުން ހައްޔަރުކުރި ދެ މީހުންނެއް ނޫނެވެ. އެކަމަކު އެ މީހާ ވެސް އެތަނަށް ވަދެ ނުކުމެ ހަދާ ކަމަށާއި ކޮޓަރިއަށް ކާއެއްޗެތި ގެންދިޔައީ ވެސް ރޫމް ހިފި މީހާ ކަމަށެވެ.
ފުލުހުން ހައްޔަރުކުރި ދެ މީހުން ގެސްޓްހައުސް އަށް ވަނީ އާދީއްތަ ދުވަހުގެ ރޭ 10:15 އިގައެވެ. އެމީހުން އެތަނަށް ވަން ގޮތަށް އެއްވެސް ވަރަކަށް ނުނުކުންނަ ކަމަށް ބަސްގަރު ބުންޏެވެ. އޭނާގެ އަންހެނުން އަސްމާ ހުސައިން ބުނި ގޮތުގައި ފުލުހުން ގެސްޓްހައުސް އަށް ވަންނަމުން އެ މީހުންނަށް ކޯޓު އަމުރެއް ނުދައްކާ ކަމަށެވެ. އެކަމާ އަސްމާ އާއި ބަސްގަރުގެ ޝަކުވާ ކުރެ އެވެ. -- އެމީހުންނަކީ ރާއްޖޭގައި ކިހިނެއް ގެސްޓް ހައުސް ހިންގާ ބައެއް ކަން ސާފެއް ނުވެއެވެ.
"ފުލުހުން ބުނީ ހޯދަން އައި ދެ މީހުންނަށޭ ކޯޓު އަމުރު ދައްކަން ޖެހޭނީ. އެ ދެ މީހުންނަށް ކޯޓު އަމުރު ދައްކާނަމޭ. އަޅުގަނޑުމެންނަކަށް ކޯޓު އަމުރެއް ނުދައްކާ،" އަސްމާ ބުންޏެވެ.
ދެކުނަށް ނިސްބަތްވާ ރާއިފްގެ މަރުގެ ތުހުމަތުގައި ގެސްޓް ހައުސް އިން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ ރާއިފްގެ ރަހްމަތްތެރިންނެވެ.
އަސްމާ ބުނި ގޮތުގައި ހައްޔަރުކުރި ދެ މީހުން ގެސްޓްހައުސް އިން ހައްޔަރު ކޮށްގެން ގެންދިޔައީ ވަކިވަކިންނެވެ. އަދި އެމީހުންނާ އެކު ކަރުދާސް ކޮތަޅު ތަކެއްގައި ބައެއް ތަކެތި ވެސް ގެންދިޔަ އެވެ. އެ މީހުން ގެންދިޔައިރު ގަޑިން މެންދަމު 3:30 ވެފައި ވެއެވެ. އަދި މިހާރުވެސް ފުލުހުން އެ ގެސްޓް ހައުސްގައި ފޯރިމަރައެވެ.
އަސްމާ އާއި ބަސްގަރު ބުނާ ގޮތުގައި މަރާލާފައިވާ ރާއިފް އެ ގެސްޓްހައުސް އަށް އައިސްފައެއް ނުވެ އެވެ. އެހެންކަމުން ރާއިފް މަރާލީ ގެސްޓްހައުސްގައި ކަމަށް އެއްގޮތަކަށް ވެސް ނުބެލެވެ އެވެ.
ރާއިފްގެ ބައްޕަ އާއި މަންމަ އަކީ ގދ. މަޑަވެލި މީހުނެނެވެ. ނަމަވެސް ރާއިފްގެ މަންމަ ވަރަށް ކުޑައިރު މައިންބަފައިންނާ އެކު މާލެ ބަދަލުވި ގޮތަށް މާލެއިން ގޯތި ލިބި ދިރިއުޅެނީ މާލޭ ރަށްވެހިންގެ ގޮތުގައި މާލޭގަ އެވެ. ރާއިފް މަރާލި އިރު އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅި ބައްޕަ ދިރިއުޅެނީ ވެސް މަޑަވެލި މީހަކާ ކައިވެނި ކޮށްގެން އެރަށުގަ އެވެ. ރާއިފް މަރުގެ ހަބަރު ލިބުނުއިރު އޭނާގެ ބައްޕަ ހުރީ މަހަށް ގޮހެވެ.