ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިންނުޖަހާ މީހުންނަށް އޮތީ ދެގޮތް: ޑުޓާޓޭ

ވެކްސިން ޖަހަން އިންކާރުކުރާ މީހުނަށް އެމަނިކުފާނަށް ދެވެން އޮތީ ދެގޮތް ކަމަށާއި އެއިން ގޮތެއް އިޚުތިޔާރު ކުރާނީ ބުއްދި ހުރި ހާލުގައި އެމީހަކު ކަމަށް ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާން ވިދާޅުވީ އެއްގޮތަކީ ޖަލު އިހުތިޔާރު ކުރުން ކަމަށާއި އަނެއް ގޮތަކީ ގައުމުން ބޭރުވެ، އުޅޭނެ ތަނަކަށް އުޅެން ދިއުން ކަމަށެވެ.

ފިލިޕީންސްގައި ކޮވިޑްގެ ހާލަތު އަތުން ދޫވެ ސިއްހީ ނިޒާމަށް ނުތަކާފައި އޮތްއިރު ވެކްސިން ނުޖަހާ މީހުންގެ ސަބަބުން ބަލި ފެތުރޭކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށް ޑުޓާޓޭ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާންމުންގެ ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ތަބާ ނުވަނީ ކީއްވެބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.

ޑުޓާޓޭ ވިދާޅުވީ ދުނިޔޭގައި އުޅެންޏާ އުޅޭހާ ވޭރިއަންޓެއް ފިލިޕީންސްގައި ހާލިހަދާފައިވާ ކަމަށާއި ވެކްސިން ނުޖަހާ ކޮންމެ މީހަކީ ބިސްހާއްޔެއް ކަމަށެވެ.

"އެހެންވެ އަޅުގަނޑު މިދަންނަވަނީ،" ޑުޓާޓޭ ޖޯކުޖައްސަވައި ވިދާޅުވި އެވެ. "ވެކްސިން ނުޖަހާ މީހުން ހޯދައިގެން ގެނެސްދެއްވާށޭ" އެމަނިކުފާނު ވިދާޅުވީ އަތުޖެހި ވަޑައިގެންފި ނަމަ އެކަކު ވެސް ޖަލަށް ނުލައި ދޫނުކުރައް ވާނެ ކަމަށާއި ގައުމު ދޫކޮށް ދާން ބޭނުން މީހުން ވެސް ގެންދާނީ ޖަލުން ސީދާ އޮޑިއަށް ކަމަށެވެ.

ފިލިޕީންސްގައި ކޮވިޑް ވެކްސިން ގައުމީ ކެމްޕޭން ފެށީ މާރިޗުގަ އެވެ. އެގައުމުން އަމާޒުހިފާފައި ވަނީ އަހަރު ނިމުމުގެ ކުރިން އާބާދީ – 108 މިލިއަން މީހުންގެ ދެބައިކުޅަ އެއްބަޔަށް ވެކްސިން ދިނުމަށެވެ. އެހެން ނަަމަވެސް މިހާތަށް ވެކްސިން ދެވިފައި ވަނީ އަށް މިލިއަން މީހުނަށެވެ.