ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިލިޕީންސްގައި 20 މަހަށް ފަހު ސްކޫލްތައް ހުޅުވަނީ

ފިލިޕީންސްގައި ކޮވިޑާ ގުޅިގެން ސްކޫލްތައް ދެއަހަރާ ގާތްކުރާ މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށް ފަހު ސްކޫލްތައް ހުޅުވަން ފަށައިފި އެވެ. މިހަފުތާގައި ސްކޫލްތައް ހުޅުވާލުމާއެކު އެތައް ހާސް ކުދިންނެއް ވަނީ ސްކޫލަށް ގޮސްފަ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑްގެ ސަބަބުން ފިލިޕީންސްއަށް ވެސް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. މި ބަލިމަޑުކަމުގެ ސަބަބުން 27 މިލިއަން ދަރިވަރުންގެ ތައުލީމަށް ވަނީ ބުރޫ އަރާފަ އެވެ.

ސްކޫލްތައް ހުޅުވައި ދަރިވަރުންނާ މުދައްރިސުން އެއްހާޒިރުގައި ކިޔަވައިދޭން ފަށައިގަންނައިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ފާއިތުވި ދުވަސްތަކުގައި ކިޔަވައިދޭން އެޖެންޑާކުރި ފިލާވަޅުތައް އިއާދަކުރުން ކަމަށް ތައުލީމީ އިދާރާތަކުން ބުނެ އެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަހަށް ސްކޫލްތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި ފިލިޕީންސް ހިމެނެ އެވެ. ތައުލީމީ އިދާރާތަކުން ބުނާ ގޮތުން ސްކޫލްތައް ހުޅުވާލި ނަމަވެސް ދަށް ގްރޭޑްތަކަށް ސްކޫލްތައް އަދި އޮންނާނީ އަޖުމަބަލަން ހިންގާ ކުލާސްތަކެއް ގޮތުގަ އެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުން އެއްފަހަރާ ސްކޫލްތައް ހުޅުވާލުމުން ނިކުމެދާނެ ނަތީޖާއަކަށް ވިސްނާ ކަމަށާއި ބަލި ފެތުރޭ މިންވަރު އަންދާޒާކުރި ގޮތަށް ވުރެ އިތުރުވާ ނަމަ ސްކޫލްތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

ފިލިޕީންސްގައި ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތްއިރު ސްކޫލްތައް އަޅުން ހުޅުވާ ދުވަހަކާ ބެހޭ ގޮތުން އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަށް ސުވާލު ދެންނެވުމުން ވިދާޅުވީ، ސްކޫލްތައް ހުޅުވާނީ ފިލިޕީންސްގައި ކޮވިޑް މަތަކުރެވުނު ދުވަހަކުން ކަމަށާއި އެހެން ހުރިހައި އެއްޗަކަށް ވުރެ ކިޔަވާ ކުދިންނަނީ ގައުމަށް މުހިންމު ބައެއް ކަމަށެވެ.

ޑުޓާޓޭ ތަކުރާރު ކުރައްވައި ވިދާޅުވީ އާންމު ރައްޔިތުންގެ ހާލަތަށް ނުރައްކަލެއް އޮތް ކަމެއް ސަރުކާރަށް އެނގިގެން ނުކުރާނެ ކަމަށާއި ސިއްހީ މާހިރުން ދެއްވާ ނަސޭހަތާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.