ކްރިސްޓިއާނާ ރޮނާލްޑޯ

ރެއާލް މެޑްރިޑާއި ރޮނާލްޑޯ ރުޅިވެއްޖެ!

ރެއާލް މެޑްރިޑުގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން އެކުލަބުން ތައްޔާރުވެއްޖެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ސްޕޭނުގެ މަޝްހޫރު މީޑިޔާތަކުން ކުލަބުގެ އިސް ބައެއް ފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗަކީ އަމިއްލަ ދަނޑުގައި ރޮނާލްޑޯ ކުޅޭނެ އެންމެ ފަހު އެލް ކްލެސިކޯ ކަމަށެވެ. އަދި ކުލަބުން ވަނީ 31 އަހަރުގެ ކުޅުންތެރިޔާ ވިއްކާލަން ތައްޔާރުވެފައި ކަމަށާއި އަދި ވިއްކާލަން ކިޔަނީ ވެސް ބޮޑު އަގެއް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 80 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅުނު ރޮނާލްޑޯ އާއި ކުލަބާ ގުޅުން ގޯސްވި އެއް މައްސަލައަކީ ދާދި ފަހުން ޕްރެމިއާ ކުރި އޭނާގެ ފިލްމުގެ ދައްކާލުމުގެ ހަފުލާ އަށް ރެއާލް މެޑްރިޑުން ނުދިއުމެވެ. މި ހަފުލާގައި ރޮނާލްޑޯގެ ކުރީގެ ކޯޗުންނާއި އޭނާ ކުޅުނު ކުލަބުތަކުގެ ބައެއް އިސްވެރިންނާއި ގާތް ރަހުމަތްތެރިންނަށް ދައުވަތުދިނެވެ. ހަފުލާގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަދި އެކުލަބުގެ މިހާރުގެ އެމްބެސެޑަރު ސާ އެލެކްސް ފާގަސަން ބައިވެރިވި އެވެ.

އެކަމަކު ރޮނާލްޑޯ އާއި ރެއާލްގެ ގުޅުން ގޯސްވީ މިއަށްވުރެ ކުރިންނެވެ. އެއީ ހުސްވި ސީޒަނަށް ފަހު ރެއާލްގެ ކޯޗު ކަމުން ކާލޯ އެންޗެލޯޓީ ވަކިކުރާނެކަން އެނގިހުރެ ކުލަބުގެ ނިންމުމާ ދެކޮޅަށް ޓުވީޓް ކުރުމުންނެވެ. އެންޗެލޯޓީ އަށް ތާއީދު ކުރަމުން ރޮނާލްޑޯ އޭނާގެ ޓުވިޓާގައި ބުނެފައިވަނީ އެންޗެލޯޓީ އަކީ ބަރާބަރު ކޯޗެއް ކަމަށާއި އަންނަ ސީޒަނުގައި ވެސް އެކުގައި މަސައްކަތް ކުރަން އުއްމީދު ކުރާ ކަމަށެވެ.

އެއަށް ފަހު ދެން މައްސަލަ ޖެހިފައިވަނީ މިހާރުގެ ކޯޗު ރަފާ ބެނީޓޭޒްއާ އެވެ. ބެނީޓޭޒް އަކީ ރޮނާލްޑޯ މެންޗެސްޓާ އަށް ކުޅުނުއިރު ވާދަވެރި ލިވަޕޫލްގެ ކޯޗެވެ. ރޮނާލްޑޯގެ އުމުރު މަތިވުމާއެކު ބެނީޓޭޒް އޭނާގެ ބަދަލުގައި ޓީމު ބިނާކުރަން ބޭނުންވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް ވަށައިގެންނެވެ.

ރޮނާލްޑޯ ވިއްކާލަން ރެއާލް ތައްޔާރުވަމުންދާ ކަމަށް ހަބަރު ފަތުރަމުންދާއިރު އޭނާ ވަނީ ކުރިއަށް އޮތް ހަތަރު އަހަރު އެންމެ މަތ ފެންވަރުގައި ބޯޅަ ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މިހެންވެ ގަތަރު ނުވަތަ އެމެރިކާ ލީގަށް ނުދާނެ ކަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ދިއުމުގެ ޝައުގު ވެސް އޭނާ ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު އޭނާ ވިއްކާލަން ރެއާލް ކިޔާ އަގާއި ކުޅުންތެރިޔާގެ އުމުރަކީ މެންޗެސްޓާ އަށް ވެސް ބޮޑު ފިކުރަކަށްވާނެ އެވެ.