ފްރާންސްގައި ބޮންގޮއްވި މީހުންތިބީ ފްރާންސާއި ޖަރުމަނު ކުޅުނު މެޗަށް ވަނުމަށް ޓިކެޓް ވެސް ގަނެގެން ކަމަށާއި އޭގެ ތެރެއިން އެކަކު ސްޓޭޑިއަމަށް ވަންނަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ވޯލްޑް ސްޓްރީޓް ޖާނަލް އަށް އިންޓަވިއުދިން ފުލުސް މީހާ އާއި ސްޓޭޑިއަމުގެ ސެކިއުރިޓީ ގާޑު ބުނީ ބޮން ގޮއްވި މީހުންގެ ތެރެއިން ސްޓޭޑިއަމަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އޭގެ ތެރެއިން އެކަކު ޗެކްކުރި އިރު ގޮވާއެއްޗެއް ފެނުނު ކަމަށެވެ. އޭތި ފެނުނީ އޭނާ ލައިގެން ވެސްޓްގެ ތެރެއިން އޭތި ވެއްޓުމުން ކަމަށެވެ. އަދި އެވަގުތު އޭނާ އަވަސް އަވަހަށް ދުރަށް ދިޔަ ކަމަށެވެ.
ފްރާންސްގައި ދިން ބޮމުގެ ހަމަލާގައި 121 މީހުން މަރުވެފައިވާއިރު ފްރާންސްގެ މިޑްފީލްޑަރު ލަސާނާ ޑިއާރާގެ ބޭބެ އަކު ވެސް ވަނީ މަރުވެފަ އެވެ. ނަމަވެސް އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅެން އެ ގައުމަށްދާ ފްރާންސް ޓީމާއެކު އޭނާ ފުރާނެ އެވެ.
ހަމަލާދިން މީހުން ވެރިރަށް ޕެރިހުގެ އެކިތަންތަނުގައި ބޮން ގޮއްވައި ސްޓޭޑިއަމަށް ވަންނަން މަސައްކަތް ކުރިއިރު ފްރާންސްގެ ރައީސް ފްރާންސިސް ހޮލާންޑޭ ވެސް ދަނޑުގައި އިންނެވި އެވެ. ނަމަވެސް ވެރިރަށުގެ ހަ ތަނަކަށް ހަމަލާދިނުމުން އޭނާ ވަނީ ވަގުތުން އޮފީހަށް ވަޑައިގެން ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.
ފްރާންސްގައި މިފަދަ ބޮޑު ހާދިސާއެއް މި އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް ހިނގައި ދިއުމުން އަންނަ އަހަރު އެގައުމުގައި ބާއްވާ ޔޫރަޕުގެ ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އެހެން ގައުމަކަށް ބަދަލުކޮށްދިނުމަށް ވެސް ބައެއް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. މި ގޮތުން އިނގިރޭސި ކުރީގެ މިޑްފީލްޑަރު ރިއޯ ފާޑިނަންޑް ބުނެފައިވަނީ މި ހަމަލާގެ ސަބަބުން ޔޫރޯ ފްރާންސްގައި ބޭއްވި ނަމަވެސް ޓީމުތަކަށް ހަމަޖެހުމާއި އުފާ ހާސިލް ނުކުރެވޭނެ ކަމަށެވެ.