މާލޭ ސިޓީ ކައުންސިލް

މާލޭގައި ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައިފި

މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލައިގައި ޝާމިލްވާ އިތުރު މީހުން ނުހޯދި ލަސްވާ ލަސްވުމަކީ ރަށްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއިފްގެ މަރާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ރޭ ނެރެފައިވާ ބަޔާނުގައި ވަނީ ރާއިފްގެ މަރާލުމަށް ހިންގާފައިވާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ އަމަލަކީ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި މާލޭގައި ދިރިއުޅޭ ކުޑަކުއްޖަކު އެފަދަ އަނިޔާވެރި ގޮތަކަށް މަރާލާފައިވާތީ މާލޭ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރާއިފް ރަހީނު ކުރުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލާފައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނުތާ 24 ގަޑި އިރަށް ވުރެ ގިނައިރު ވެގެންދިޔަ އިރު މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމުގައި ޝާމިލްވާ އެހެން މީހުން އަދި ހައްޔަރުކޮށްފައި ނުވާތީ އެ މީހުން ހޯދުން ލަސްވާ ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަންޖެހޭ ކަމެއް ކަމުގައި ބަޔާނުގައިވެ އެވެ. މާރާމާރީތައް މާލޭގައި ދަނީ އާންމުވަމުން ކަމަށާއި އެކަން ތަކުރާރުވަމުން ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ.

މާލޭގައި ހިނގާ މާރާމާރީތައް ހުއްޓުވާ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރާއިފް މަރާލުމުގައި ޝާމިލްވާ ހުރިހާ އެންމެން ހޯދާ، އެކަށީގެންވާ އަދަބު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށްޓަކައި ޑިޖިޓަލް މާލެ މަޝްރޫއޫ އިފްތިތާހްކޮށް އޭގެ ބައެއްގެ ގޮތުގައި މާލޭ ސިޓީގައި ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ވަރަށް އަވަހަށް ގައިމުކުރެވިގެން ދާނެ ކަމަށެވެ.

މަރާލުމަށްފަހު އެއްލާލާފައި ވަނިކޮށް އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވަ އެވެ. ރާއިފްގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކެވެ.

ރާއިފްގެ މަރާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ އިދާރާއާ ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.