ފްރާންސްގެ ވެރިރަށް ޕެރިހުގެ އެކިތަންތަނުގައި ބޮންގޮއްވުމުގެ މައިގަނޑު ބޭނުމަކީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިޔަ ނުދިނުން ކަމަށް ފްރާންސުން ބުނެފި އެވެ.
މި އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ޓެރަރިސްޓް ހަމަލާދީފައިވާއިރު އެ ގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. މި ހަމަލާގައި ހަ ތަނެއްގައި ބޮންގޮއްވާފައިވާއިރު 121 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ފްރާންސްގެ މިޑްފީލްޑްރު ލަސާނާ ދިއާރާގެ ބޭބެ އަކު ވެސް ހިމެނެ އެވެ. އަދި ހަމަލާދީން މީހުން ވަނީ ފްރާންސާއި ދުނިޔެގެ ޗެމްޕިއަން ޖަރުމަނުވިލާތް ކުޅުނު މެޗަށް ދަނޑަށް ވަނުމަށް ވެސް މަސައްކަތްކޮށް ސްޓޭޑިއަމާ ގާތުގައި ވެސް ބޮމެއް ގޮއްވާލައިފަ އެވެ.
ފްރާންސްގައި ޔޫރޯ އިންތިޒާމް ކުރާ ކޮމިޓީގެ މެމްބަރު ޖެކުއީސް ލަމްބާޓް ބުނީ މި ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ނަގާފައިވާއިރު މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުއްޓުވަން ދިން ހަމަލާއެއް ކަމަށެވެ.
"މައިގަނޑު ބޭނުމަކީ ޔޫރޯއާ މެދު ކަންބޮޑުވުންތައް އުފައްދައި މުބާރާތް ހުއްޓުވާލުން. ނުރައްކާތެރިކަން ޖެނުއަރީގައި އޮތީ އެންމެ ލެވެލްއެއްގައި. މިހާރު އެއަށްވުރެ މައްޗަށް ގޮސްފައިމިވަނީ. އަހަރުމެން މިކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނަން. ޔޫރޯ 2016 އަމާންކަމާއެކު ބާއްވަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،" ލަމްބާޓް ބުންޏެވެ.
އޭނާ ބުނީ ސްޓޭޑިއަމާއި މަގުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށާއި އެންމެ ބޮޑަށް ނުރައްކާ އޮތީ މަގުމަތީގައި ކަމަށެވެ.
ފްރާންސްގެ ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ކުޅިވަރުގެ މުހިންމު އިވެންޓްތައް ވަނީ ކެންސަލްކޮށްފަ އެވެ.