ބޭރު ކުޅިވަރު

އެމްސްޓެޑަމް އެރީނާ އަށް ކްރައިފްގެ ނަން ކިޔަނީ

ނެދަލޭންޑްސްގެ އެންމެ ބޮޑު ފުޓްބޯޅަ ދަނޑު ކަމަށްވާ އެމްސްޓެޑަމް އެރީނާ އަށް ޔޯހަން ކްރައިފް އެރީނާ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ކްރައިފް އަކީ މިޒަމާނުގެ ޕާސިން ގޭމާއި ޓޯޓަލް ފުޓްބޯޅަ ތައާރަފްކުރި މީހާ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފުރަތަމަ ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަޔެލްސް އާއި ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު އަކީ ނެދަލޭންޑްސްގެ ކުރީގެ ކެޕްޓަނެވެ. އުމުރުން 68 އަހަރުގައި އޭނާ މަރުވީ ކެންސަރު ބަލީގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އަށް ފުޓްބޯޅަ އާއިލާއިން ދަނީ ތައުޒިޔާގެ މެސެޖްތައް އޮއްސާލަމުންނެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުން 55000 މީހުންގެ ދަނޑުގެ ނަން ބަދަލުކުރާކަން އިއުލާނުކުރީ ރޭ ފްރާންސް އަތުން އެ ގައުމު 3-2އިން ބަލިވި މެޗުގަ އެވެ.

"އަހަރެން މިހުރީ ކެތްމަދުވެފައި މިދަނޑުގެ ނަން ބަދަލުކުރަން. އަހަރުމެންނަށް އޭނާހެ ހަނދާންތައް އާކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މި ދަނޑުގެ ނަން ޔޯހަން ކްރައިފް އެރީނާ އަށް ބަދަލުކުރުން،" ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މައިކަލް ވެންޕްރާގް ބުންޏެވެ.

ފްރާންސާއި ނެދަލޭންޑްސް ރޭ ކުޅުނު މެޗު ފެށީ ވެސް މެޗު ފަށަން އޮތް ގަޑިއަށްވުރެ 14 މިނިޓް ފަހުންނެވެ. އެއީ ކްރައިފް ނެލަދޭންޑްސްގެ ގައުމީ ޓީމަށް ކުޅުނީ 14 ނަންބަރު ޖާޒީގައި ކަމަށްވާތީ އެވެ. އަދި ރޭގެ މެޗުގައި ނެދަލޭންޑްސް ޓީމަށް ޓީމުން 14 ނަންބަރު ޖާޒީ ބޭނުންކޮށްފައިނުވާއިރު ކޮންމެ ކުޅުންތެރިއެއްގެ ޖާޒީގެ އަތުގައި 14 ނަންބަރު ޖަހާފައިވެ އެވެ.

ރޭގެ މެޗުގައި ސަޕޯޓަރުން ވެސް ވަނީ ކްރައިފް އަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އޭނާގެ ހަނދާންތައް އާކޮށްފަ އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ވެސް ވަނީ ކްރައިފްގެ ހަނދާންތައް ސަޕޯޓަރުންއާކޮށްފައިވާ މިންވަރާމެދު ތައުރީފްކޮށްފަ އެވެ.

ރޭގެ މެޗުގައި ފްރާންސަށް ލަނޑު ޖަހައިދިނީ އޮލީވިއާ ޖީރޫޑް އާއި އެންޓޯނިއޯ ގްރައިޒްމަން އަދި ބަލައިސޭ މަޓުއިޑީ އެވެ. ނެދަލޭންޑްސް އަށް ލަނޑު ޖަހައިދިނީ ޑިޖޮން އާއި އިބްރާހީމް އަފެލާއީ އެވެ. މީގެ ތެރެއިން ފްރާންސްގެ ފަހު ލަނޑު ޖެހީ މަޓުއިޑީ ކުޅުނީ 14 ނަންބަރު ޖާޒީގަ އެވެ.