ބޭރު ކުޅިވަރު

ޔޫރޯގައި ކުޅޭ ފްރާންސް ޓީމުން ބެންޒެމާ ބާކީކޮށްފި

އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފްރާންސް ޓީމަށް ކަރީމް ބެންޒެމާ ނުނަގަން ނިންމައިފި އެވެ.

ރެއާލް މެޑްރިޑުގެ 28 އަހަރުގެ ފޯވަޑް ޓީމަށް ނުނަގަން ނިންމީ ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ ބްލެކް މެއިލްކުރި މައްސަލަ ކޯޓުގައި ކުރިއަށްދާތީ އެވެ.

މި މައްސަލާގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބެންޒެމާ ހުރީ ފްރާންސް ޓީމުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޔޫރޯގައި ކުޅޭ ޓީމަށް ވެސް އޭނަ ނުނަގާނެކަން ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން އިއުލާނުކުރީ މިއަދު އެވެ.

ވަލްބުއޭނާ ބްލެކްމެއިލް ކުރި ކަމަށް ބެންޒެމާ އިންކާރުކުރެ އެވެ. ނަމަވެސް އޭނާގެ ބައިވެރިވުން އޮތްކަމަށް ތަހުގީގު ޓީމުތަކުން ދަނީ ސާބިތުކޮށްދެމުންނެވެ.

އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި ކުޅޭ ފްރާންސް ޓީމަށް ބެންޒެމާ ނުނަގަން ނިންމުމުން ފޯވަޑް ލައިނުގައި ނަގާކިޔާނީ އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން އެވެ.