ޑރ. މުހައްމަދު އިޔާޒް

އިޔާޒާ ދޮކޮޅަށް މީކާއީލް މައްސަލައެއް ލައިފި

އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ޑރ. އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މީކާއިލް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވެއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިއަދުގެ 9:14 ހާއިރު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ޓުވީޓެއް ކުރައްވާފައިވާ ކަމަށެވެ. އެ ޓުވީޓްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށެވެ.

މީކާއިލްގެ އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަ ށެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބައްލަވައި ދިނުމަށް ވެސް މެމްބަރު މީކާއިލްގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިޔާޒް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

އަޅުގަނޑުގެ ތިން އަންހެން ކުދިން ތިބޭ. އެކުދިން ތިބެނީ ހިތާނު ކޮށްފައެއް ނޫން. އަޅުގަނޑު ނުކުރާ ކަމެއް ޕްރޮމޯޓެއް ނުރަން. އަޅުގަނޑަކީ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހެއް ނޫން
ޑރ. މުހައްމަދު އިޔާޒް | ދީނީ އިލްމުވެރިޔާ

އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރުމަށް އެމްޑީޕީ މެމްބަރުން ޕްރެޝަރު ކުރާ ކަމަށާއި އޭނާއާ ދެކޮޅަށް ވާހަކަ ދައްކަނީ ކަންކަމުގެ ހަގީގަތް ނޭނގޭތީ ކަމަށެވެ.