އާމިނަތު ޝައުނާ

ހަކަތަ އުފައްދާނެ އިތުރު ގޮތްތައް ހޯދަންޖެހޭ: ޝައުނާ

Jun 23, 2021

ތެލަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ހަކަތަ އުފައްދަން އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެނާޖީ އިންވެސްޓާސް ކޮންފަރެންސްގެ ނަމުގައި ކުރިއަށް ދިޔަ ކޮންފަރެންސް ނިންމާލުމުގެ ގޮތުން މިއަދު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައުނާ ވިދާޅުވީ ހަކަތަ އުފެއްދުމަށްޓަކައި ރާއްޖެއިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި 2019 އަހަރު ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެތެރެއިން 80 ޕަސަންޓް ތެޔޮ ބޭނުންކުރީ ކަރަންޓްގެ ހިދުމަތް ދިނުމަށާއި އޮޑިދޯނިފަހަރަށެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް އަގުބޮޑު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ތެލުގެ ސަބްސިޑީއަށް 2019 އަހަރު އެކަނި ވެސް ސަރުކާރުން އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެވަރުގެ ހަރަދެއް ތެލަށް ކުރާއިރު ތިމާވެއްޓަށް އެއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީ ރާއްޖޭގައި ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދަންޖެހޭ. އެގޮތުން އިރާއި ކަނޑާއި ވައިން ވެސް ހަކަތަ އުފެއްދޭނެ ގޮތްތައް ހޯދަންޖެހޭ. ސަރުކާރުގެ ސިޔާސަތަކީ ވެސް ތެލަށް ބަރޯސާވުން ކުޑަކޮށް ރާއްޖޭގައި ހުރި ވަސީލަތްތަކުން ހަކަތަ އުފެއްދުން،" ޝައުނާ ވިދާޅުވި އެވެ.

ރާއްޖެ އިން 2030 ވަނަ އަހަރަށް ދާއިރު ނެޓް ޒީރޯ ގައުމަކަށް ވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ލިބިއްޖެނަމަ އެ އަމާޒަށް ވަސީލް ވެވޭނެ ކަމުގައިވެސް މީގެކުރިން ރައީސް ވިދާޅުވެފައިވެ އެވެ.

ހަކަތައިގެ ދާއިރާއަށް ހާއްސަކޮށްގެން ބޭއްވި މިކޮންފަރެންސްގައި 100 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވެ އެވެ. މީގެއިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ސީޝެލްސްގެ އެންވަޔަރަންމަންޓް މިނިސްޓަރު ފެލިވިއަން ޖޯއުބާޓް ވެސް ހާއްސަ މެހުމާނުންގެ ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެވެ.