އުމަރު ނަސީރު

"ރައީސް އަވަހާރަކޮށްލަން އުޅުނު މީހުނަށް އެންމެ ބޮޑު އަދަބު ތަންފީޒުކުރާނަން"

Nov 16, 2015
  • މި މައްސަލައަށް އަޅުގަނޑު ނުފޫޒު ފޯރުވަންޖެހޭ
  • މަރުގެ ހުުކުމް ތަންފީޒު ކުރަން އަބަދުވެސް ވަކާލާތު ކުރާނަން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާ ދިން މީހުނަށް ދެވޭނެ އެންމެ ބޮޑު އަދަބު ދީ އެ ހުކުމެއް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ބަޔަކު މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރި މީހުންނަށް އެންމެ ބޮޑު އަދަބު ދެއްވާނެ ކަމަށާއި އެ އަދަބުގެ ހުކުމެއް ތަންފީޒުވެސް ކުރައްވާނެ ކަމަށެވެ.

އެ މަނިކުފާނު މިހެން ވިދާޅުވި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނި ވަޑައިގަންނަވަ އެވެ. އަދި އޭނާގެ ވަކީލުން ވަނީ އަދީބަށް މަރުގެ ހުކުމް އިއްވަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކުކޮށް ބައެއް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އަދީބުގެ ވަކީލުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު އުމަރު ވިދާޅުވީ ރައީސަކު އަވަހާރަކޮށްލަން ހަމަލާއެެއް ދިނުމަކީ އެންމެ ބޮޑު ކުށުން އެމީހާ ކުށްވެެރިވާނެ ކަމެއް ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ރައީސަކު އަވަހާރަކޮށްލުމަށް އެތެރެއިން ރާވައިގެން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

"އެކަންކުރީ ކޮންމެ ބަޔަކު ނަމަވެސް އެބަޔަކު އިންސާފަށް ގެންދާނަން. އެކަންކުރި މީހުންނަށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބެއް ކަނޑައެޅޭނެ. އަދި އެ އަދަބު ސަރުކާރުން ތަންފީޒުވެސް ކުރާނެ،" އުމަރު ވިދާޅުވި އެވެ. "މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ބަޔަކު ދައްކާ ވާހަކަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭނެ. މިކަންކުރީ ކޮންމެ މީހަކަށްވިޔަސް އެމީހަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނަން،" އުމަރު ވިދާޅުުވި އެވެ.

ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް މިނިސްޓަރު ނުފޫޒު ފޯރުވާ ކަމަށް ވާހަކަތައް ދައްކާއިރު އެއަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ "އެއީ ހަގަގަތެއް" ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު އަދާކުރައްވަމުން ގެންދަވާ ޒިންމާގެ ގޮތުން މިމައްސަލައަށް ފޯރުވެން އޮތް ނުފޫޒެއް ފޯރުވާނެ ކަމަށާއި އެއީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ޖެހޭ ދެއްތޯ މިމައްސަލައަށް ނުފޫޒު ފޯރުވަން. އަޅުގަނޑަށް ފޯރުވުނު އެންމެ މަތީ މިންވަރަކަށް މި މައްސަލައަށް ނުފޫޒު ފޯރުވާނަން. އެއީ ހައްގު އަދަބު ކުށްވެރިންނަށް ދިނުމަށް،" އުމަރު ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގޮތުން އުމަރު ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމްކޮށް ގިސޯސްގެ ހުކުމް ތަންފީޒުކުރަން އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށާއި އެގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި މިސަރުކާރުގައި އެފަދަ ހުުކުމެއް ތަންފީޒު ކުރަންޖެހިއްޖެ ނަމަ ކުރާނެ ކަމަށެވެ.