އުމަރު ނަސީރު

ޔާމީނަކީ ވަރުގަދަ ކެންޑިޑޭޓަކަށް ވާނެ: އުމަރު

Dec 13, 2021
6

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ކެންޑިޑޭޓަށް ވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އުމަރު ނަސރު ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބުގައި އޭނާ އަށް ވެސް އަދި ސަރުކާރު ކެންޑިޑޭޓަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ވަރަށް ސްޓްރޯންގް ކެންޑިޑޭޓެއް. އެމަނިކުފާނުގެ ބައިވަރު އުނި ސިފަތަކެއް އެބަހުރި. އަދި ވަރަށް ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި. އެހެންވީމަ ރައީސް ޔާމީނ ވާނެ ސަރުކާރުގެ ކެންޑިޑޭޓަށް ވެސް އަދި އަޅުގަނޑަށް ވެސް ވަރަށް ބޮޑު ޗެލެންޖަކަށް. އެހެންވީމަ ރައީސް ޔާމީން ވާނެ ސްޓްރޯންގް ކެންޑިޑޭޓަކަށް." އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންވުމަކީ ސަރުކާރުން ކުރިން ލަފާ ކުރި ކަމަކަށް ނުވާތީ އެކަން ސަރުކާރަށް ސަޕްރައިޒަކަށް ވެފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އުމަރު ތުހުމަތުކުރެއްވި އެވެ. އެކަން ކުރުމަށްޓަކައި ކޯޓުގައި ހުރި ރައީސް ޔާމީންގެ މައްސަލަތަކުގައި ހުކުމެއް ކުރަން ސަރުކާރުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ވެރިކަން ދެން ލިބޭނީ ދީނީ، ގައުމީ ފަޅިއަށް. ޔާމީން ވެރިކަން ކުރިޔަސް އަޅުގަނޑު ވެރިކަން ކުރިޔަސް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ކާމިޔާބު ކުރާނެ މިފަހަރު،" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމަށް ރާއްޖެއަށް ޓެގު ގެނައުމަށް ހަވާލުކޮށްފައިވަނީ އުމަރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށްފަހު އޭސީސީން ވަނީ އުމަރުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ. އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.

އޭސީސީގެ ތުހުމަތު ދޮގުކޮށް، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އުމަރު ވަނީ 90 ދުވަހަށް އޭނާގެ ރިޔާސީ ކެމްޕޭންގެ މަސައްކަތްތައް މަޑުޖައްސާލާފަ އެވެ.