އޮބިޗުއަރީ

ތާރީހީ ލިޔުންތެރިޔާ މާޅޮހު ނަސީރު އަވަހާރަވެއްޖެ

ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީހަށް ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) އަވަހާރަ ވެއްޖެ އެވެ.

ނަސީރު އަވަހާރަވީ ދާދި ފަހުން ކޮވިޑް-19 އަށް ފަރުވާ ހޯއްދެވި ފަހުން ކޮވިޑާ ގުޅިގެން ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދެއްވިތާ ހަފުތާއެއް ފަހުން ރޭ މެންދަމު 1:30 ހާއިރު އެވެ. އޭނާގެ ޖަނާޒާ މިއަދު ހެނދުނު 7:00 ޖެހިއިރު އާސަހަރާގައި ވަނީ ބާއްވާފަ އެވެ.

ނަސީރު ވަނީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި މާޅޮހު ކަތީބުކަން އަހަރު ތަކަކު ކުރައްވާފަ އެވެ.

ނަސީރު ވަނީ ތާރީހީ ވަރަށް ގިނަ ލިޔުންތައް ލިޔުއްވާ، އަދަބީ ވަރަށް ގިނަ މަސައްކަތްތައް ވެސް ކުރައްވާފަ އެވެ. އެގޮތުން ރީތި ގިނަ ޅެންތަކެއް ހިމެނޭ ބައެއް ފޮތްތައް ނެރުއްވާފައިވާއިރު އުރުދޫ، އަރަބި، އިނގިރޭސި ބަސްތަކުގެ ތަރުޖަމާއެއް ހިމެނޭ ދިވެހި ރަދީފް ފޮތެއް ނެރުއްވާފައިވެ އެވެ.

ބައެއް ނޫސްތަކަށް ކޮލަމިސްޓެއްގެ ގޮތުގައި ވެސް އޭނާ ލިޔުއްވާފައިވެ އެވެ. އޭގެތެރޭގައި ތާރީހީ ލިޔުންތަކުގެ އިތުރުން ސިޔާސީ ދާއިރާއާ ގުޅޭގޮތުން ލިޔުއްވާފައިވާ ގިނަ ލިޔުންތައް ފާހަގަ ކޮށްލެވެ އެވެ. އޭނާގެ ބައެއް ލިޔުންތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބިފައިވެ އެވެ.

ތެދުއުއި ވަޑާމުގައި ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ނަސީރުގެ އާއިލީ ބޭފުޅަކު އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަސީރު އަވަހާރަވިއިރު ނެރެން ތައްޔާރުކޮށްފައި ހުރި ވަރަށް ގިނަ ފޮތްތައް ގޭގައި އެބަހުރި ކަމަށެވެ.

ފޮތް ލިޔުމާއި ވާހަލަ ލިޔުމުގެ މުބާރާތްތަކުން އެތައް ފަހަރަކު އެއްވަނަ ހޯއްދަވާފައިވާ ނަސީރު އަވަހާރަވިއިރު އަނބިކަނބަލުންނާއި ތިން އަންހެން ކުދިންނާއި ކާފަ ވިދާޅުވާ ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވެ.