ކައުންސިލްތަކަށް ބާރު ލިބޭ ގޮތަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ފޯރު ކޮށްދޭނެ އެވެ.
ހަމަ އެހެންމެ ސިޓީ އަދި ރަށު ފެންވަރުގައި ފޯރުކޮށް ދެވޭނެ ހިދުމަތްތައް ބަޔާންކޮށް އަދި ހިދުމަތް ދެވޭނެ އުސޫލުތައް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ތިމާވެށީގެ ގާނޫނަށް އިސްލާހު ހުށަހެޅި އިރު ސިންގަލް ޔޫސް ނުވަތަ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާ ކުރަން ވެސް ބިލެއް މަޖިލީހަށް މިދިޔަ އޭޕްރީލް މަހު އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލު އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން މިހާރު ވެސް ދަނީ ކުރަމުން ނެވެ.