މޯލްޑިވްސް ޕޮލިސް ސާވިސް

މުޖްތަބާ ހާޒިރުކުރީ ނަސޭހަތުގެ ޓްވީޓަކާއި ގުޅިގެން

ޖަމިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށް އޭނާގެ ވަކީލް އައްސަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހު މުޖްތަބާ ކުރައްވާފައިވާ ޓްވީޓަކީ މަޖިލީހަށް ހުށައެޅޭ ބައެއް ބިލްތަކާމެދު ކަންބޮޑުވުން ފާޅުކޮށް އަދި އެފަދަ ބިލަކަށް ވޯޓްދޭއިރު ވިސްނަވަން އެދިވަޑައިގެން މެންބަރުނަށް ނަސޭހަތްތެރިވެވަޑައިގެން ކުރެއްވި ޓްވީޓެކެވެ.

"މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ،" މުޖްތަބާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުޖްތަބާގެ ގާނޫނީ ވަކީލް އައްސަދު ޝަރީފް ވިދާޅުވީ ފުލުހަށް ހާޒިރުކުރީ މުޖްތަބާ ކުރެއްވި ޓްވީޓެއް ޝަކުވާއެއް ކޮށްފައި އޮތުމުން މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް މިއީ ބައެއްގެ ޕްރެޝަރުގައި އެހެން ނިޔަތެއް އޮވެގެން ކުރި ކަމެއް ކަމަށް ދެކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޝައިހް މުޖްތަބާއަކީ ދީނީ އިލްމުވެރިއެއް ކަމުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަކީ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށާ އެފަދަ މޭރުމަކުން ކުރެއްވި ޓްވީޓަކާއި ގުޅިގެން ބަޔަކުކޮށްލާ ޝަކުވާއަކަށް ފުލުހަށް ހާޒިރުކުރުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަަމަށްވެސް ވިދާޅުވިއެވެ.

"ޝައިހަކީ ހުއްދަ އޮތް ދީނީ އިލްމުވެރިއެއް. އެ ޓްވީޓްގައި އެ ވަނީ މެންބަރުންނަށް ނަސޭހަތްތެރިވެފައި. މަޖިލީހުގައި އެބަ ތިއްބެވި ދީނާ ހިލާފު ކަންކަމަށް ފާޅުގައި ގޮވާލައްވާފައި ތިއްބެވި މެންބަރުންވެސް. އެހެންވީމަ އެ މެންބަރުންނަށް އަދި ޖުމްލަކޮށް ހުރިހާ މެންބަރުނަށް ނުބައެއް ނުވަތަ ގޯހެއް ނުހެއްދެވުމަށް އިލްތިމާސް ކުރެވޭނެ ނޫންތޯ. އެކަން ކޮށްގެން ފުލުހަށް ހާޒިރުކުރުމަކީ ކަންބޮޑުވުމެއް،" އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ މީގެ ކުރިން ހާޒިރުކުރި ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގާ ދައުވާވެސް ކޮށްފައިވާ ކަމަށެވެ. އެހެންވީމަ ބައެއް މައްސަލަތަކުގައި ފުލުހުން އަމަލު ކުރާ ގޮތާމެދު ސުވާލު އުފެދުމުގެ ޖާގަ ހުޅުވިފައިވާ ކަމަށެވެ.