މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަަނު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވި ހާއްސަ މަންދޫބު އައްބާސް ފާއިޒްއާ މަޖިލީހުގެ 241 ކޮމެޓީގެ މެމްބަރުން ބައްދަލުކުރައްވައިފި އެވެ.
އިނގިރޭސި ރައްޔިތެއް ކަމަށްވާ ފާއިޒްއާއެކު ކޮމިޓީން ބައްދަލުވުން ބޭއްވީ އިއްޔެ މެންދުރު އެވެ. އެ ބައްދަލުވުމުގައި ފާއިޒް ބައިވެރިވެލެއްވީ އޮންލައިންކޮށެވެ. އެއީ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.
އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މިހާރުން ފެށިގެން މި ހަމަލާޔާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
އެމްޑީޕީއާ ހާއްސަ ގުޅުންތަކެއް އޮތް އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓާނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ. އަދި އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ އިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.