ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދުގެ އަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ކުޑަ

މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތައް ފަސޭހަވަމުން ދިޔަ ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަަމަށް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "މެއި ހައެއް ކޮމެޓީ" ން މިދިޔަ ހަފުތާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރެއްވުމުގެ ކުރީން ހަސަން ވަނީ އިއްޔެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން މެންބަރުންގެ ކަންބޮޑުވުން އޮތުމުން މިވަގުތު އެމަނިކުފާނުގެ ހާލަތު ހަސަން ތަފްސީލު ކޮށްދެއްވި ކަމަށެވެ.

ހަސަން ވިދާޅުވީ އެތެރެފުށަށް ލިބިވަޑައިގެންނެވި ހުރިހާ ޒަހަމަކަށް ފަރުވާ ލިބި ފަސޭހަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ފައިގައި ހުރި ފާރުގަނޑެއް ނުހިކި ހުރި ނަމަވެސް ބޭރަށް ފެންނަން ހުރި އެހެން ހުރިހާ ޒަހަމެއް ފަސޭހަވެފައިވާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ 50 ޕަސެންޓް ހުއްޓިފައިވާ ކަމަށެވެ. އަދި ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަަމަށެވެ. ހަސަން ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 90 ޕަސެންޓްގެ ހަރަކާތް ނުކުރެ އެވެ. 

ރައީސް ނަޝީދުގެ އާއިލާއިން އިއްޔެ ވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެން ޒަހަމުތައް ފަސޭހަވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ވެސް އިއްޔެ ޓްވީޓެއް ކުރައްވާ ވިދާޅުވީ އެމަނިކުފާނަށް ލިބިފައި ހުރި އަނިޔާތަށް ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް އަނިޔާތަކުން އަރައިގަތުމަށް މާތް ﷲ ގެ ރަހުމަތްފުޅާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހެޔޮ ހާލުގައި ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

"މެއި ހައެއް ކޮމެޓީ" ގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ހަސަން އަފީފް ވިދާޅުވީ އިއްޔެ މަޖިލީހުގެ 241 ކޮމެޓީއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ ކޮމެޓީން ކުރިއަށް ގެންދާ "ޕާލިމަންޓަރީ އިންކުއަރީ" ގެ ތަފްސީލު ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ދެއްވާފައިވާ ކަމަށެވެ.

ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދަނީ ވަަރަށް ޕްރޮފެޝަނަލްކޮށް ކަަމަށް ވިދާޅުވެ ހަސަން ވަނީ ކޮމެޓީގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. ހަސަން ވިދާޅުވީ ކޮމެޓީގައި މަޖިލީހުގައި ތަމްސީލު ކުރައްވާ ހުރިހާ ޕާޓީތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށާ އެ ހުރިހާ މެންބަރުންވެސް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ކަމަށް މުގައްރިރު ވިދާޅުވިއެވެ.

241 ކޮމެޓީން 49 ބޭފުޅަކާ ބައްދަލުކޮށްފައިވާ ކަމަށާ 81 ބައްދަލުވުން ބާއްވަވާ 151 ގަޑިއިރު ކޮމެޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ނުރަސްމީކޮށް އެތައް ވަގުތެއް ކޮމެޓީގެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށެވެ.

"ޕާލިމަންޓަރީ އިންކުއަރީ" ރިޕޯޓް ދައުލަތުގެ ތިންބާރުގެ ވެރިންނަށް އަރުވަން ނިންމާފައިވާއިރު އެ ރިޕޯޓްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ފާހަގަކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވި ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ކޮމެޓީއަށް ލިބޭ އެއްވެސް މައުލޫމާތެއް ނުފޮރުވާނެ ކަމަށާ ރިޕޯޓްގައި ކޮމެޓީއަށް ފެންނަ ރިކޮމެންޑޭޝަންތައް ހިމަނަން ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ޑިފެންސްގެ ވެރިންނާއި އަދި އެޗްއާރުސީއެމްގެ މެންބަރުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށެވެ.