ފިނިޕޭޖް

ޖުމައްޔިލްގެ އާ ހެއާސްޓައިލް: އަންހެން ކުދިން ބޭނުންވި ގޮތްތަ މިއީ؟

މި ރާއްޖޭގައި ފިލްމެއް ކުޅެން ބޮލުގެ އިސްތަށިގަނޑު ގުރުބާންކޮށްލި އެންމެ މަޝްހޫރު އެކްޓަރަކީ އެފަދަ ދެވަނައެއް ނެތް ބަތަލާ ނިއުމާ މުހައްމަދެވެ. އަމިއްލަ ނަމުން ނަން ދީގެން ޑައިރެކްޓްކޮށް ކުޅުނު "ނިއުމާ" ގެ ލީޑް ރޯލަށް އޭނާ ބޯބޭލީ އެވެ. ނިއުމާގެ މި ބޮޑު ގުރުބާނީގެ ޖުމްލަ އަގެއްގެ ގޮތުގައި 125،000 ރުފިޔާ ލިބުނެވެ.

އެކަމަކު ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާރު އުފައްދަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާ އެކީ" ގައި ލީޑްރޯލު ކުޅޭ ޒުވާން އެކްޓަރު މުހައްމަދު ޖުމައްޔިލްގެ ދިގު އިސްތަށިގަނޑު ކުއްލިއަކަށް ކޮށާލާފައި މި ވަނީ އެވަރުގެ އަގެއް ދީގެނެއް ނޫނެވެ. އެހެން ނަމަވެސް ޖުމައްޔިލްގެ މޫނުމައްޗަށް ގެނައި މި ބަދަލަކީ ފިލްމަށް ހާއްސަކޮށްގެން ގެނައި ބަދަލެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކަނދުރާއާ ހަމައަށް ދިގުކޮށްގެން އުޅުނު އިސްތަށިގަނޑު ކޮށާލުމަށް ފަހު އެކަން ޖުމައްޔިލް އިއުލާނުކޮށްފައި ވަނީ "ސޯޝަލް ފެޝަނުގަ" އެވެ. އެގޮތުން ތުނިކޮށް ކޮށާލާފައިވާ ބޯ ދައްކާލުމަށް އިންސްޓަގްރާމްގައި މިއަދު އާންމުކޮށްފައިވާ ފޮޓޯއެއްގައި ބުނެފައި "ދިގު އިސްތަށިގަނޑުގެ ދުވަސްތަކަށް އެންމެފަހުން ނިމުން" އައީ ކަމަށެވެ.

ޖުމައްޔިލް ބުނީ އޭނާ ބޯ ދިގުކުރީ ވެސް ފިލްމުގެ ރޯލަށް ކަމަށެވެ.

"ފިލްމުގައި ކުޅެފައިވާ ކެރެކްޓާ އަށް ބޯ ދިގުކޮށްލީ. އަދި ތަފާތުގޮތަކަށް ފެނިލުމުގެ ވެސް ބޭނުމުގައި،" ޖުމައްޔިލް މިއަދު ބުންޏެވެ.

ޖުމައްޔިލް ބޯދިގުކޮށްލައިގެން އުޅުނު ދުވަސްތަކުގައި އޭނާގެ ހެއާސްޓައިލް ކަމުނުގޮސްގެން އެންމެ ބޮޑަށް ޝަކުވާކުރި ބަޔަކަށް ވެފައި ވަނީ ޒުވާން އަންހެން ކުދިންނެވެ. ގިނަ އަންހެން ކުދިން ބުނާ ގޮތުން ބޯދިގުކުރުމަކީ ޖުމައްޔިލްއާ އެއްގޮތަކަށް ވެސް ގުޅޭ ސްޓައިލެއް ނޫނެވެ.

މިހެން އަންހެން ކުދިންނަށް އޮތް އުފާވެރި ޚަބަރަކީ އެ ވާހަކަ ޚުދު ޖުމައްޔިލް ވެސް ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރާ ކަމެވެ.

"ގިނަ މީހުންނަށް ކަމުދަނީ އަހަރެން ބޯ ކުރުކޮށް ކޮށާލާފައި ހުރީމަ. އެއީ އަސްލު އަޅުގަނޑަށް ވެސް އެންމެ ކަމުދާ ގޮތަކީ،" މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހުމަދު ނިމާލަށް ބައްޕަ ކިޔާ ޖުމައްޔިލް ބުންޏެވެ.

ކުރިއަށް އޮތް ފިލްމު "ވާށޭ މަށާ އެކީ" ވެގެން ދާނީ ޑާކް ރެއިން އެންޓަޓެއިންމަންޓާ އެކު ޖުމައްޔިލް ބޮޑު ސްކްރީނަށް އަންނަ ދެ ވަނަ ފިލްމަށެވެ. ފިލްމީ ދާއިރާ އަށް އޭނާ ނުކުތީ ނިމާލް ޑައިރެކްޓްކުރި "އަނިޔާ" އިންނެވެ. އެއަށް ފަހު ކުޅުނު ޑާކް ރެއިންގެ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ވެގެން ގޮސްފައި ވަނީ ފަހުގެ ތާރީޚެއްގައި އޮލިމްޕަހުގެ ސްކްރީނަށް އައި އެންމެ ރޮމޭންޓިކް އަދި އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ.

"ވާށޭ މަށާ އެކީ" ގެ މަންޒަރުތަަކަށް ޖުމައްޔިލް ބޯ ދިގުކޮށް، ބޯކޮށާލާފައިވީ ނަމަވެސް މި ފިލްމުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ. ފިލްމުގެ ޝޫޓިން ދަނީ އަދިވެސް ކުރިއަށެވެ. އެހެންވީމަ ބެލުންތެރިންނާ ހަމަ އަށް އަންނައިރު މި ފިލްމުން ޖުމައްޔިލް ތަފާތު ދެ ހެއާސްޓައިލަކުން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މި ފިލްމުގައި ވެސް ޖުމައްޔިލްއާ އެކު ފެނިގެންދާނީ "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ވެސް އޭނާއާ އެކު ފެނިގެން ދިޔަ ހުނަރުވެރި ބަތަލާ މަރިޔަމް މަޖުދާ އެވެ. ފިލްމުގެ ބޮޑުބައެއްގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ.