ކޮވިޑްގެ ވޭރިއަންޓްތަކުގެ ތެރެއިން ސިއްހީ މާހިރުން ވިދާޅުވާ ގޮތުން އެންމެ ނުރައްކާ ކަމަށް މިހާރު ފާހަގަ ކުރެވިފައި ވަނީ ޑެލްޓާ ވޭރިއަންޓެވެ. ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެތުރިގަތީ އިންޑިއާގަ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ކޮވިޑްގެ ތިންވަނަ ރާޅާއެކު މިހާރު އޮތް ކަންބޮޑުވުމަކީ ޑެލްތާ ވޭރިއަންޓެވެ.
ޑެލްޓާ ވޭރިއަންޓް ކޮވިޑް ވެކްސިންތަކަށް ނުގުޑާ ކަމަށް ކުރިން ވެސް ބުނެވުނެވެ. ސިއްހީ މާހިރު ވިދާޅުވަނީ ގައުމުތަކުން މިކަން މިހާރު ފެންނަމުން އަންނަ ކަމަށެވެ. ކޮވިޑް ތައްކަތުކުރެވި އޮވެފައި ކުއްލިއަކަށް ކޭސްތައް ގިނަވާ ސަބަބަކީ ޑެލްޓާ ވޭރިއަންޓް ކަމަށް ވަނީ ބުނެފަ އެވެ.
ކޮވިޑް ދެޑޯޒް ހަމަ ކޮށްފައި ތިބި މީހުން ޑެލްޓާ ވޭރިއަންޓާ ކޮންޓެކްޓްވިކަން އެނގޭ ހިސާބުން ގައުމުތަކުން މިހާރު އަންނަނީ އެމީހުން އައިސޮލޭޓް ކުރަމުންނެވެ. ސިއްހީ މާހިރުން ބުނަނީ ޑެލްޓާ ވޭރިއަންޓްކަން ޓެސްޓްތަކުން އެނގިއްޖެ ނަމަ އެމީހަކު ކަރަންޓީން ކުރަން ޖެހޭނެ ކަމަށެވެ.
އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން ސަރުކާރުތަކުން މަސައްކަތް ކުރަނީ އެއީ ކޮވިޑަށް ހައްލެއް ކަމަށް ދެކިގެނެވެ. އެހެން ނަމަވެސް މާކެޓްގައި މިހާރު ހުރި ވެކްސިންތަކުން ރާހަތެއް ނުކުރާ ނަމަ އާންމު ހާލަތަށް ރުޖޫއަވުމަށް ކުރި މަސައްކަތްތައް ފުލުން ދިޔައީ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުން ޑެލްޓާ ވޭރިއަންޓާ މެދު ގައުމުތަކުން ސަމާލުވާން ޖެހެ އެވެ. ކޮވިޑްގެ ވައްތަރުތައް މަތަކުރެވޭ ވަރުގެ ވެކްސިނެއް ކަށަވަރު ކުރެވެންދެން ގައުމުތަކުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.