ދަށު ކޯޓުން އިއްވާ މަރުގެ ހުކުމްތަކާއި ހައްދުގެ ހުކުމްތައް އޮޓަމެޓިކުން ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭ އުސޫލެއް ސްޕްރީމް ކޯޓުން ގާއިމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާއެއް މެދުވެރިކޮށް ބުނެފައި ވަނީ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ހުކުމްކުރާތާ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ނުކޮށްފިނަމަ އެ މައްސަލަ ނިންމި ކޯޓަކުން މައްސަލައިގެ ލިޔުންތައް ހަތް ދުވަހުގެ ތެރޭގައި ހައި ކޯޓަށް ފޮނުވަންޖެހޭނެ ކަމަށާއި ފައިލް ހައި ކޯޓަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލަށާއި ދަށު ކޯޓުގައި ދައުވާ ލިބުނު ފަރާތަށް އެންގުމާއެކު އެ މައްސަލަ ބަލައި ނިންމުމަށްޓަކައި އިޖުރާއީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.
ހައިކޯޓުން ކުރާ މަރުގެ ހުކުމްތަކާއި ހައްދުގެ ހުކުމްތައް އެއްމަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށްފިނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ އުސޫލެއް އެ ކޯޓުން ދާދިފަހުން ވަނީ ކަނޑައަޅައިފަ އެވެ.