ސުޕްރީމް ކޯޓް

މަރުގެ ދިޔައިގެ އަގު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

Jul 1, 2021

މަރުގެ ދިޔައިގެ ގޮތުގައި އަގުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގައިދެވޭ ގޮތަށް "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" މިއަދު އިސްލާހުކޮށް އާންމުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އެ އިސްލާހުގައި ބުނެފައި ވަނީ މަރަށް މަރު ހިފުމަށް ޝަރީއަތުން ކަނޑަނާޅާ ހާލަތެއްގައި ވާރިސުންނަށް ދިޔައިން ހައްގުވާ މިންވަރު ލިބިދިނުމަށް ޝަރީއަތުން ކަނޑައަޅަން ވާނެ ކަމަށެވެ. އެ ފައިސާ ވާރިސުންނަށް ދިނުމަށް ވަކި މުއްދަތެއްގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅަން ކުށްވެރިޔާއަށް ޝަރީއަތުން އަންގަން ވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

ވާރިސުންގެ ބަސް ހޯދަން ޖެހޭނީ ޝަރީއަތުގެ އަޑުއެހުން ނިންމައި އަދަބު ކަނޑައެޅުމާމެދު ދެފަރާތުން ވާހަކަ ދައްކާއިރު އެވެ. މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަމަށް ރުހިގެންނެވެ. އެކަކު އެކަމަށް އިންކާރު ކުރިނަމަވެސް މަރަށް މަރު ނުހިފޭނެ އެވެ. އެހާލަތުގައި ދެން ޖެހޭނީ ގާނޫނުގައިވާ ގޮތަށް ކުށްވެރިޔާ ޖަލަށްލާ ހުކުމް ތަންފީޒު ކުރާށެވެ.

މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޒިނޭގެ ކުށް ސާބިތުވާ މީހާ 100 އެތިފަހަރުން ހައްދުޖަހައި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމާއި ބަނގުރާ ބުއި ކަމަށް ސާބިތުވާ މީހެއްގެ މައްޗަށް 40 އެތިފަހަރުން ހައްދު ޖަހަން އުސޫލުގައި ހިމަނާފައިވެއެވެ.

އަދަބު ކަނޑައެޅުމާ ގުޅޭ އިތުރު ކަންކަމަށްވެސް މި އުސޫލުގައި ވަނީ އިސްލާހު ގެނެސްފަ އެވެ. މި އުސޫލު މަދުވެގެން ދެ އަހަރުން މުރާޖާ ކުރަން ޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.