ކުރީގެ ފިރިމީހާ މަރާލި މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ދަށު ކޯޓުން ނިންމި ނިންމުން ހަ އަހަރު ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތުވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.
މި މައްސަލަ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ސަބަބަކީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީ އެވެ. އޭގެ ފަހުން އެ ނިންމުން އިސްތިއުނާފްކުރުމުން ކޯޓުން އަޑުއެހުމެއް ބޭއްވުމަށްފަހު ނިންމާފައި ވަނީ މައްސަލަ ބަލައިގަތުމަށެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލުކުރީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ. ނަޒާހާގެ ދިފާއީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރެސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު މިއަދު ވިދާޅުވީ އެ އަޑުއެހުން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލަ ދެން ފަށާނެ ދުވަސް ކޯޓުން އަންގާފައި ނުވާ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އިސްތިއުނާފީ މި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ބޭއްވި އިޖުރާއީ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ދިފާއީ ވަކީލް ނިހާޔަތު ވިދާޅުވެފައި ވަނީ ހައިކޯޓުން މައްސަލަ ނިންމުމާ ހިސާބުން އޭރު މި މައްސަލަ އިސްތިއުނާފްކޮށްފައި ނުވަނީ މައްސަލާގައި ކުރިއަށް ދާނެ އިތުރު ހިތްވަރު ނަޒާހާގެ ނެތުމުން ކަމަށެވެ. ނިހާޔަތު ފާހަގަކުރެއްވި ގޮތުގައި ހައިކޯޓުގެ މަރުހަލާގައި ނަޒާހާއަށް ލުއި ލިބެންޖެހޭ ކަމަށް ފަނޑިޔާރުން ބަޔާންކުރެއްވި ނަމަވެސް އެފަދަ ލުޔެއް ދެއްވާފައި ނުވާ ކަމަށެވެ.
އެ މަޖިލީހުގައި ނަޒާހާ ބުނެފައިވަނީ އޭނާއަށް ކުރެވުނު ކުށް ގަބޫލުކުރާ ކަމަށާއި އެކަމަށް ދެރަވެސްވާ ކަމަށެވެ. އަދި އެ އަމަލުގެ ސަބަބުން މަރުވީ ދަރިފުޅުގެ ބައްޕަކަން ގަބޫލުކުރާ ކަމަށާއި ކުށަށް އަދަބު ވެސް ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެކަމަށް ވަނީ އިއުތިރާޒްކޮށްފަ އެވެ.
ދައުލަތުގެ ފަރާތުން ބުނެފައިވަނީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި މިމައްސަލައިގައި ސުޕްރީމް ކޯޓުން އިތުރަށް ނިންމާނެ އެއްޗެއް ނެތް ކަމަށެވެ.
ނަޒާހާގެ ފަރާތުން ހައި ކޯޓު މަރުހަލާގައި ކުރިން ބުނެފައިވަނީ އެ ހަމަލާ އަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް ކުރިން ލިބިފައި ހުރި އަނިޔާތަކެއްގެ ސަބަބުން ނަޒާހާ އަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން ނަފްސާނީ އަސަރުތަކެއް ކޮށްގެން ފިރިމީހާ އަންދާލި އިނގިރޭސިވިލާތުގެ އަންހެނަކު ވެސް ކުށްވެރި ނުވާ ކަމަށް އެ ގައުމުގެ ކޯޓަކުން ކުރިން ކޮށްފައިވާ ހުކުމެއް ވެސް ނަޒާހާގެ ފަރާތުން ދިފާއުގައި ހުށަހެޅި އެވެ.