ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވާ މއ. ދުއްލިސާގެ މުހައްމަދު މާހިން ޝާފީގެ މައްޗަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުގައި ދައުލަތުން މިއަދު އެދިއްޖެ އެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް ކުރިމަތީގައި އޮންނަ ކޮޅު ބެދިފައިވާ ގޯޅި ތެރޭގައި މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރަނީ ދެ ކުއްޖެއްގެ މައްޗަށެވެ. އެއީ މާހީންގެ އިތުރުން އައްޑޫ ސިޓީ މަރަދޫ، ކުރުދުމާގެ އަލީ އަތޫފްގެ މައްޗަށެވެ.
އެ ހާދިސާ ހިނގިއިރު އަތޫފާއި މާހިން ޝާފީއަށް 18 އަހަރުފުރިފައިނުވީ ނަމަވެސް މިހާރު އަތޫފާއި މާހިން ޝާފީއަށް ވެސް ވަނީ 18 އަހަރުފުރިފަ އެވެ.
މާހީންގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވާތީ މިއަދު ވަނީ އެ މައްސަލާގެ ޝަރީއަތް ފަށާފަ އެވެ. މައްސަލަ އިސްތިއުނާފު ކުރި ސަބަބުތައް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވަމުން މަހީންގެ ވަކީލް ޝަހީމް އަހުމަދު ވިދާޅުވީ، މައްސަލާގައި ނަގާފައިވާ ސިއްރު ހެކިވެރިންގެ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ހުކުމްގައި އެކަމަށް ރިޔާއަތްކޮށްފައިނުވާ ކަމަށެވެ.
އެއް ހެކިވެރިޔަކު ހެކިބަސް ދީފައިވަނީ ނުފޫޒުން ކަމަށް ބުނެ ދަށު ކޯޓަށް ސިޓީއެއް ވެސް ފޮނުވި ކަމަށާއި އެހެންވެ އެ ހެކިވެރިޔާ އަލުން ހާޒިރުކޮށްދޭން ހައިކޯޓުގައި އެދުނު ނަމަވެސް އެކަން ހައިކޯޓުން ކޮށްދީފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. މީގެއިތުރުން ތުހުމަތު ކުރެވުނު ބައެއް މީހުން މީހަކާ ގުޅައިގެން ފޯނުން ދެއްކި ވާހަކައެއްގެ އޯޑިއޯ ދައުލަތުން ހުށަހަޅާފައިވާއިރު އޭގައި މާހީންގެ އަޑު ހިމެނޭކަން އެ އޯޑިއޯގެ އެނާލިސިސް ރިޕޯޓުން ޔަގީން ނުވާކަން ވަކީލް ފާހަގަކުރެއްވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، މާހިންގެ މައްޗަށް ކުށް ސާބިތުވީ ހަމައެކަނި ހެކިންގެ ހެކި ބަހުގެ މައްޗަށް އެކަނި ނޫން ކަމަށާއި އެ މައްސަލާގައި ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ވެސް ރިޔާއަތްކޮށްފައިވާ ކަމަށެވެ. ހެކިންގެ ހެކި ބަހުގައި ބައެއް ކަންކަން ތަފާތުކޮށް ހުރުމަކީ މުޅި ހެކި ބަސް ބަލައިނުގަނޭވެ ސަބަބެއް ނޫން ކަމަށާއި ހެކި ބަސް ދީފައިވަނީ ހަނދާން ހުރި މިންވަރުން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ހާދިސާ ހިނގާފައިވާ ގޮތް ތަފްސީލްކޮށް ތަހުގީގު ބަޔާނުގައި ހެކިވެރިން ކިޔައިދީފައިވާއިރު އެ ބަޔާންތަކަށް ގަރީނާއެއްގެ ބުރަދަން ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނުފޫޒުން ހެކި ބަސް ދިން ކަމަށް ބުނެ ސިޓީ ފޮނުވި މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ކާކުކަން ނޭނގޭ ގޮތަށް ފޮނުވާ ސިޓީއެއްގެ ސަބަބުން ހެކިވެރިޔާގެ ހެކި ބަސް ބަލައިނުގަންނަން ނުނިންމޭނެ ކަމަށެވެ. އަދި އެ ސިޓީއަކީ ބަޔަކި ބިރު ދައްކައިގެން ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނާތީ އެކަން ތަހުގީގުކުރި ފަރާތް ކޯޓަށް ހާޒިރުކޮށް އެކަން ކަށަވަރުކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ، މާހިންގެ އަޑު އޯޑިއޯގައި ނުހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިނުވާ ކަމަށެވެ. އަދި، އެ އޯޑިއޯއަކީ އޭނާ ގެންގުޅުނު ފޯނަކުން ނަގާފައިވާ އެހެން މީހަކާ ވާހަކަ ދެއްކި އޯޑިއޯ ކަމަށެވެ. އެހެންވެ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
ދައުލަތުގެ ވަކީލް އެދިވަޑައިގަތީ ދެ ގޮތެކެވެ. އެއީ ދަށު ކޯޓުން އިއްވާ ހައިކޯޓުން ތާއިދުކޮށްފައިވާ މަރުގެ އަދަބުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ. ގަސްދުގައި މުހީތު މަރާލިކަން ސާބިތުނުވާ ހާލަތެއްގައި ވެސް ކުށުގައި ބައިވެރިކަމުގެ ކުށް މާހިންގެ މައްޗަށް ސާބިތުވާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ. އެ ހާލަތުގައި ތައުޒީރީ އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ.
ދައުލަތުން އެގޮތަށް އެދުމުން ފަނޑިޔާރުންގެ ބެންޗުން ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެގޮތުން ދަށު ކޯޓާއި ހައިކޯޓުގައި އެދުނީ ކިހިނެއްތޯ އާއި ގަސްދު މަރު ސާބިތުނުވާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވޭނެ ގާނޫނީ ހަމައަކީ ކޮބައިތޯ އެއްސެވި އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، އެގޮތަށް އަދަބު ކަނޑައެޅުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެކުރިން ވެސް ކޯޓުތަކުން އެގޮތަށް ނިންމަވާފައިވާ ކަމަށެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ވެސް ކުށްކުރިކަން ސާބިތު ނުވި ނަމަވެސް އެ ކުށްކުރުމުގައި ބައިވެރިވިކަން ސާބިތުވާ ހާލަތުގައި އެ ކުށްކުރުމުގައި ބައިވެރިވުމުގެ އަދަބު ކަނޑައެޅިދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުވާއަކީ އޭރު އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު ކުށް ކުރުމުގައި ބައިވެރިވުމުގެ ކުށަށް އޮންނަނީ އެ ގާނޫނުގެ ދަށުން ކޮން އުސޫލެއްތޯ ވެސް ފަނޑިޔާރުންގެ ބެންޗުން އެއްސެވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ކުށް ކުރަން އުޅުން ނުވަތަ ބައިވެރިވުމުގެ ހާލަތު އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ދައުވާކުރި މާއްދާގައި އޮތީ މީހަކު މަރާލުމުން ދޭން ޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ މި މައްސަލާގައި އަދި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މިއަދު އިއުލާން ކުރެއްވި އެވެ.