ދެހާސް ބާރަ ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރަން ހުކުމްކުރި މ. މަސްރޫރާ، މުއްރަތުގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި އެވެ. ކްރިމިނަލް ކޯޓުން މުއްރަތު މެރުމަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. މުއްރަތުގެ މަރުގެ ހުކުމް ސުޕްްރީމް ކޯޓުގައި އިލްތިމާސްކުރީ، ޕީޖީއިންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިލްތިމާސްކޮށްފައިވަނީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ނަބީލާއި މުއްރަތުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މުއްރަތުގެ މައްޗަށް ދަށު ކޯޓުން އިއްވާ، އަދި ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދުގެ އަޑުއެހުމަށް މުއްރަތު ހާޒިރީ ވަކީލަކު އެކުއެއް ނޫނެވެ. އެއީ ކީއްވެތޯ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އެއްސެވެމުން މުއްރަތު ބުނީ އަމިއްލައަށް ވަކީލަކު ހަމަނުޖެއްސޭނެ ކަމަށާއި ބަންދުކޮށްފައި ހުންނަ ގޮތުން ވެސް އެކަން ކުރަން އުނދަގޫ ކަމަށެވެ. މުއްރަތު ބުނީ، އޭނާ ބަންދުކޮށްފައިވަނީ ވަނީ ދަތި ގޮތަކަށް ކަމަށެވެ.
ވަކީލަކު ހަމަޖެއްސުމަށް ފުރުސަތެއް ބޭނުންތޯ އުއްތަމަ ފަނޑިޔާރު އެއްސެވެމުން މުއްރަތު ބުނީ އެ ފުރުސަތު ބޭނުންވާ ކަމަށެވެ. އަދި ދައުލަތުން ވަކީލަކު ހަމަޖެއްސައިދިނުމަށް އެދޭ ކަމަށެވެ. ޝަރީއަތުން ވަނީ އެ ފުރުސަތު މުއްރަތަަށް ދީފަ އެވެ.
ސުޕްރީމް ކޯޓުގައި މުއްރަތަށް ނާކާމިޔާބުވެއްޖެނަމަ މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ.
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.