ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، އަބްދުﷲ ޝުހާދު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ހަސަން ފަރީދު މަރުގެ ހުކުމުން ސަލާމަތްވާން ސުޕްރީމް ކޯޓުގައި ކަންތައްތަކެއް ފާހަގަކޮށްފި އެވެ.
މީގެ އަށް އަހަރު ކުރިން ޖެނުއަރީ، 2010 ގައި ފުވައްމުލަކު ދޫނޑިގަމް އަވަށުގެ ޒުވާނުންތަކަކާއި ހޯދަޑު އަވަށުގެ ޒުވާނުންތަކެއްގެ މެދުގައި ހިންގި އެ މާރާމާރީގައި އަނިޔާވި ޝުހާދު މަރުގެ މައްސަލާގައި ފަރީދު މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއިދުކޮށް ފަރީދު މަރަން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.
އެ ހުކުމް ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން މިއަދު ވަނީ މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. މައްސަލަ އިލްތިމާސްއަށް ހުށަހެޅި ސަބަބުތައް ފަރީދުގެ ވަކީލް އަހުމަދު ޒަނީން އާދަމް ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ. މައިގަނޑު ގޮތެއްގައި ފަރީދުގެ ފަރާތުން ފާހަގަކުރީ މައްސަލާގައި ހެކި ބަސް ދިން ސިއްރު ހަތް ހެކިންގެ ހެކި ބަހުގައި ފުށުއެރުންތައް ހުރި ކަމެވެ. ހެކި ބަސް ދިން މީހުންގެ ތެރޭގައި އެ މާރާމާރީގައި އަނިޔާވި މީހުންނާއި ބައިވެރިވި މީހުން ހިމެނޭކަން ވެސް ފާހަގަކުރި އެވެ. އެހެންވެ އެ ހެކިވެރިންގެ ހިތުގައި ފަރީދާމެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެ ކަމަށެވެ.
އޭގެއިތުރުން ފަރީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ހާޒިރުކުރަން ނިންމީ ވެސް ގޯސް ކަމަށް ފަރީދުގެ ފަރާތުން ފާހަގަކުރި އެވެ. އެ ހެކިން އޭނާ ހުށަހެޅީ އެތަނަށް އޭނާ ނުދާކަން ސާބިތުކޮށްދޭން ކަމަށެވެ.
އޭގެ ތަފްސީލް ދެމުން ވަކީލް ޒަނީން ވިދާޅުވީ، ހެކި ބަސް ދީފައިވާ މީހުންނާ ދައުލަތުން ސުވާލުކުރުން ހަނދާން ނެތް ކަމަށް ބުނެ ފަރީދު އެމީހުންނާ ސުވާލުކުރުން އޭގެ ޖަވާބު ދީފައިވާކަން އޭނާ ފާހަގަކުރި އެވެ. އަދި ބައެއް މީހުން ފަރީދު މާރާމާރީ ހިނގި ސަރަހައްދަށް ދިޔައީ ސައިކަލްގަ ކަމަށް ބުނެފަވާ ކަމަށާއި އެ ސައިކަލްގަ ތިބި މީހުން މާރާމާރީ ނުހިންގާ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އަދި ޝުހާދު މަރުވީ އަރިކައްޓަށް ލިބުނު އަނޔާއާ ގުޅިގެން ކަމަށްވާއިރު ހެކިވެރިޔަކު ހެކި ބަސް ދެމުން ފަރީދު ވަޅި ހުރާޅީ ޝުހާދުގެ ބަނޑާ ދިމާލަށް ކަމަށް ބުނެފައިވާ ކަމަށެވެ.
ހުކުމް ކޮށްފައިވަނީ އެ ފުށުއެރުންތަކަށް ރިޔާއަތްނުކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ މި މައްސަލައަކީ އެކަށީގެންވާ ހެކި ނެތީސް ސާބިތުކޮށްފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައިދޭން އެދުނެވެ.
ޖަވާބު ދެއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ފެޒްލީން ވިދާޅުވީ، މައްސަލާގައި ހުށަހެޅި ނުވަ ހެކިންގެ ތެރެއިން ހެކި ބަސް ނަގާފައިވަނީ ހަތް ހެކިންގެ ކަމަށާއި އެ ހުރިހާ ހެކިވެރިންގެ ހެކި ބަހުން ވެސް ޝުހާދުގެ ގަޔަށް ވަޅި ޖެހީ ފަރީދުކަން އެނގޭ ކަމަށެވެ. ސައިކަލެއްގައި ފަރީދު އައިސް އެންމެ ފުރަތަމަ ވަޅި ޖެހީ މާރާމާރީ ހިނގި ޖޯލިފަތި ކައިރީގައި ހުރި މުހައްމަދު ރަޒީންގެ ބަނޑަށް ކަމާއި އޭގެފަހުން ޝުހާދުގެ ގަޔަށް އަދި އޭގެ ފަހުން މުހައްމަދު ހާމް ނަމަކަށްކިޔާ ޒުވާނެއްގެ ގަޔަށް ފަރީދު ވަޅި ޖެހިކަން ހުރިހާ ހެކިވެރިންގެ ހެކި ބަހުން ވެސް ސާފުވާ ކަމަށެވެ. އެމީހުންނަށް ވަޅި ޖެހިތަން ރީއްޗަށް ފެނުނު ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެއްވެސް ހިލާފެއް ނެތި ވަޅި ޖެހި މީހުންގެ ތަރުތީބާއި އެމީހުންގެ ނަންތައް ހެކިވެރިން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަން ވެސް ފެޒްލީން ފާހަގަކުރެއްވި އެވެ.
ފަރީދު އައި ސައިކަލްގެ ބްރޭންޑާއި ކުލަ އާއި އޭނާ ލައިގެން ހުރި ހެދުމުގެ ކުލަ ބުނުން ނޭނގުމަކީ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރުން ނޫން ކަމަށް ވެސް ފެޒްލީން ވިދާޅުވި އެވެ.
ފެޒްލީން ވިދާޅުވީ، ދިފާއީ ހެކިން ނުގެންނަން ގާޒީ ނިންމެވީ ލިބިފައިވާ ތަގުދީރީ ބާރުގެ ދަށުން ކަަމަށާއި އެގޮތަށް ނިންމެވީ ދައުލަތުގެ ހަތް ހެކީގެ ހެކި ބަސް ނަފީ ކުރެވޭވަރުގެ ހެއްކެއް ދިފާއުގައި ހުށަހަޅާފައިވާ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ހެކިތައް ފަރީދު ހުށަހެޅީ ކޮން ކަމެއް ސާބިތުކުރަން ކަމެއް ވެސް އޭރު ބުނެފައިނުވާ ކަމަށެވެ.
މައްސަލާގައި ހެކި ބަސް ދިން މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާވި އެކަކު ހިމެނޭ ކަމަށާއި ނަމަވެސް ދެން ބާކީ ތިބި ހަ މީހުންނަކީ އެ މާރާމާރީ ހިނގި މަންޒަރު ދުށް މީހުން ކަމަށް ވަކީލް ވިދާޅުވި އެވެ. އެމީހުންނަށް އަނިޔާ ލިބިފައިނުވާއިރު އެއީ މާރާމާރީގެ ބައިވެރިވި މީހުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެ މާރާމާރީގައި ފަރީދުއާއެކު ބައިވެރިވީ އިތުރު ތިން މީހުން ކަމަށާއި އެ ތިން މީހުންނަށް ވެސް ރަޒީން އާއި ހާމްއަށް އަނިޔާވި މައްސަލާގައި ޖިނާއީ ދައުވާ ވަކިން އުފުލި ކަމަށެވެ.
އެ ސަބަބުތައް އެހެން ހުރުމުން ފަރީދުގެ މައްޗަށް ޝުހާދު މަރާލިކަން ސާބިތުކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ދަމަހައްޓައިދޭން ދައުލަތުން އެދުނެވެ.
ދެން ޝަރީއަތުގެ މަޖިލީހުގައި ދެން ވާހަކަ ދެއްކީ ފަރީދެވެ. އޭނާ ބުނީ އެ ރޭ ހަމަ އެ ސަރަހައްދުގައި އެހެން މާރާމާރީއެއް ހިނގި ކަމަށާއި އެ މާރާމާރީގައި އަނިޔާވީ އޭނާގެ ކޮއްކޮއަށް ކަމަށެވެ. އެ މާރާމާރީގައި ލިބުނު އަނިޔާއާއެކު ކޮއްކޮ އައީ ގެއަށް ކަމަށާއި ގޭ ކައިރިއަށް މީހުން ވެސް އެއްވި ކަމަށެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ ގޭގައި ކޮއްކޮއާ ވާހަކަ ދައްކަން ހުއްޓާ ކަމަށެވެ. އެ ދޭތެރޭގައި އޭނާ އެހެން ތާކަށް ނުދާކަން އެ ތަނުގައި ތިބި މީހުންނަށް އެނގޭނެ ކަމަށް ވެސް ބުންޏެވެ.
ފަރީދު ބުނީ އޭނާގެ ވާތްތެރިއެއް ކަމަށާއި ނަމަވެސް ހެކިވެރިއެއް ބުނެފައިވަނީ އޭނާ ހަމަލާދީފައިވަނީ ކަނާއަތުގައި އޮތް ވަޅިއަކުން ކަމަށެވެ. އަދި ޝުހާދުގެ ކަނާތު އަރިކައްޓަށް ހަމަލާދީފައިވަނީ ކުރިމަތީގައި ހުރި މީހެއްގެ ކަނާތު އަރިކައްޓަށް ކަނާތުން ހަމަލާ ދޭނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ. އެ ސުވާލު އޭނާ ހެކިވެރިޔާއާ ވެސް ކުރި ކަމަށާއި ޖަވާބުގައި ހެކިވެރިޔާ ބުނީ ކޮންމެ ގޮތަކަށް ވެސް ވަޅި ޖެހިދާނެ ކަމަށް ކަމަށެވެ. އޭގެ ވެސް އެނގެނީ ކޮންމެވެސް ގޮތަކުން އޭނާގެ މައްޗަށް ކުށް ސާބިތުކުރަން އުޅޭކަން ކަމަށެވެ. އުއްމަތަ
ފަރީދާއި ދައުލަތުގެ ވާހަކަތައް ނިމުން މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން އެ ތަނަށް ނުދާ ކަމަށް ފަރީދު ބުނާއިރު އަތުގެ މައްސަލަ ނަގައިގެން އެ ވާހަކަ ދައްކަނީ ކީއްވެތޯ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެއްސެވި އެވެ. އަދި އެކަންކަމަކީ އެހާ ބޮޑެތި ފުށުއެރުންތަކެއްތޯ ވެސް އެއްސެވި އެވެ.
ފަރީދު ބުނީ، އޭނާ އެތަނަށް ނުދާ ކަމަށާއި ނަމަވެސް ވާއަތުގެ ވާހަކަ ދައްކަނީ އެ ވާހަކަ ހެކިވެރިޔާ ބުނެފައިވާތީ ކަމަށެވެ. އަދި އެއް ހެކިވެރިޔަކު "ވަޅި ޖެހުމަށް އަހަރެން ދިޔައީ ބައްޕަ ކައިރީގަ ބުނަން" ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ އޭނާ ތުހުމަތު ކުރަނީ ޝުހާދުގެ ގަޔަށް ވަޅި ޖެހީ އޭނާ ކަމަށް ކަމަށެވެ. އަދި އެއް ހެކިވެރިޔަކު ވަނީ ހަމަލާ ދެނިކޮށް ނުދެކޭ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ވަކީލް ފެޒްލީން ވިދާޅުވީ، ފަރީދު މަސައްކަތް ކުރަނީ ބަޔާންތަކުގެ ތަންތަންކޮޅު ނަގައިގެން އޮޅުވާލަން ކަމަށެވެ. އެގޮތުން "ވަޅި ޖެހުމަށްފަހު" ކަމަށް ހެކިވެރިޔާއަށް ބުނެވިފައިވަނީ އިބާރާތުގެ އޮޅުމަކުންކަން އޭނާ ދެން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ. އެގޮތަށް އޭނާ ބުނުމުން ގާޒީ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ފަރީދު އޭނާގެ ކޮއްކޮގެ ގަޔަށް ވަޅި ޖެހުމުން އެކަން ބައްޕައަށް އަންގަން ދިޔަކަން ކަމަށެވެ. އަދި ހަމަލާ ދެނިކޮށް ނުދެކޭ ކަމަށް ހެކިވެރިޔާ ބުނީ ޝުހާދަށް ހަމަލާ ދޭ ތަން ނޫން ކަމަށާއި އެއީ ޝުހާދަށްފަހު އިތުރު ބަޔަކަށް ހަމަލާ ދެނިކޮށް ފެނުނުތޯ ސުވާލުކުރުމުން އޭނާ ބުނެފައިވާ ވާހަކައެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ދިފާއީ ހެކިން ބަލައިނުގަންނަން ގާޒީ ނިންމެވީ ކޮން ހަމައަކުންތޯ ވެސް އައްސަވާފަ އެވެ. އުއްމަތަމަ ފަނޑިޔާރު ވިދާޅުވީ ދިފާއީ ހެއްކަކީ ވެސް މުހިންމު ހެއްކަކަށްވާއިރު އެ ހެކި ނުނަގާ ހުކުމަށް ވާސިލްވީ ކިހިނެއްތޯ އައްސަވާފަ އެވެ. އެ ހެކި ބަސް ނެގިނަމަ ގާޒީ ރައުޔު ބަދަލުވުމުގެ ފުރުސަތު އޮތް ނޫންތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ފެޒްލީން ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ނުކުރަން ނިންމި ސަބަބެއް މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައިނުވާ ކަމަށެވެ.
ފަރީދު ވަނީ އޭނާގެ މައްޗަށް ހުކުމް ކުރުމުގައި ހެކި ބަސް ނުނަގާ މީހެއްގެ ބަޔާނަށް ރިޔާއަތްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ބެންޗުން ސުވާލުކުރެއްވުމުން ފެޒްލީން ވިދާޅުވީ، ހުކުމުގެ އިބާރާތުގައި އޭނާގެ ނަން ހިމަނާފައިވަނީ އެކަން ދައުވާގެ ސީގާގައި ބުނެފައިވާތީ ކަމަށާއި އެއީ އޭނާގެ ބަޔާނަށް ރިޔާއަތްކުރުން ނޫން ކަމަށެވެ.
ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ފަރީދާ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން ފުށުއަރާ ކަމަށް ބުނާއިރު އަރާ ފުށުއެރުންތަކަކީ ކޮބައިކަން ސާފުކޮށްދޭން އެދިވަޑައިގަތެވެ. މައްސަލާގެ އަސާސްތައް ސާބިތުކުރަން ކުރި އެއްވެސް ސުވާލެއްގެ ޖަވާބުގައި ފުށުއެރުންތަކެއް ހުރިތޯ ވެސް އެއްސެވި އެވެ. އަދި މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި މާރާމާރީގައި ބައިވެރިވާ މީހުން ތިބި ކަމަށް ބުނާއިރު އެއީ ސީދާ ކޮން ބައެއްކަން ވެސް ބުނެދޭން އެންގެވި އެވެ. ފަރީދު ހަމަލާ ދޭ ތަން ނުފެންނަ ކަމަށް އެއްވެސް މީހަކު ބުނިތޯ ވެސް އެއްސެވި އެވެ.
އެ ސުވާލުތަކަށް ސީދާ ޖަވާބެއް މިވަގުތު ދެއްވެން ނެތް ކަމަށް ވަކީލް ޒަނީން ވިދާޅުވި އެވެ. ބަޔާންތައް އިތުރު ދިރާސާކޮށް ޖަވާބުދޭން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ފަރީދު ވެސް ބުނީ އިތުރު ފުރުސަތެއް ދީފިނަމަ ސާފުކޮށްދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ނިމުނުތާ ވެސް އެތައް މަހެއްވެފައިވާއިރު ތައްޔާރުނުވެ ތިބުމަކީ މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުގެ އެންމެ ބޮޑު އަސާސަކީ ހެކިންގެ ފުށުއެރުންތައް ހުރުން ކަމަށްވާއިރު އެ ބުނެދޭން ވަކީލަށް ވެސް ނޭނގުމަކީ ތައްޔާރުނުވެ ތިބިކަން އެނގޭ ކަމެއް ކަމަށެވެ. ސީދާ ޕޮއިންޓް ބަޔާން ކުރެވޭ މިންވަރަށް ތައްޔާރުވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އިތުރު ފުރުސަތެއް ދެއްވަން ނިންމައި މިއަދުގެ އަޑުއެހުން އުއްތަމަ ފަނޑިޔާރު ނިންމަވާލެއްވި އެވެ.