ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ކުރާ ފުރައްސާރަ ބަލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެ އެމަނިކުފާނަށް ފުރައްސާރަ ކުރާތީ އެކަން ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބި އެމަނިކުފާނު ވޭނުގައި އޮންނަވާއިރު ހަފަރާތުން އެމަނިކުފާނަށް އެކި ގޮތްގޮތުން ދިމާ ކުރަމުންދާ ކަމަށެވެ. އަދި އެމަނިކުފާނަށް މާބޮޑު ކަމެއް ނުވާ ކަމަށާ އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވެ "ގޮތް ދައްކަވަނީ" ކަމަށް ބައެއް މީހުން ފާޅުގައި ބުނެ ފުރައްސާރަ ކުރާ ކަމަށެވެ.

ރައީސް ނަޝީދުގެ އާއިލާއިން އެމަނިކުފާނުގެ ހާލަތު ފެންނަ ފޮޓޯތަކެއް ދެ ފަހަރެއްގެ މަތިން އާންމު ކޮށްފައިވާކަން ފާހަގަކޮށް އިންތި ވިދާޅުވީ އެމަނިކުފާނުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް އާންމު ކުރާ އުފާ ކުރައްވާ ކަމަށެވެ.

އިންތި ވިދާޅުވީ ފުރައްސާރަކޮށް ޓްވީޓް ކުރާ މީހުނާއި "ހައެއްފަހެއްގެ ހަމަލާ" އެއީ ނުހިނގާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރާ މީހުންގެ މައްސަލަތައް ސީރިއަސްކޮށް ބަަލަން ޖެހޭ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން އުފެއްދި "މޭ ހައެއް ކޮމެޓީ" ގެ މެންބަރުން ފުލުހުންގެ އިސްވެރިންނާއި ބައްދަލު ކުރަން ފުރުސަތު ލިބިއްޖެނަމަ އެފަދަ މައްސަލަތައް ބަލަންތޯ ސުވާލު ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ކީ ޓްވީޓެއްގައި އޮތް މިހާ ބޮޑު ކަމެއް ވެގެނެއް ނޫނޭ، ގޮތް ދައްކަނީއޭ. ފައިދަށުގައި ގޮއްވާލީ ފުއްޕާ ހަމެކޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ މެސެޖްތައް އާންމެއް ނުކުރެވޭނެ. ފުލުހުން ޖެހޭނެ ތަހުގީގު ކުރަން. މި ދެނީ ޓެރަރިޒަމަށް ހިތްވަރު. އެހެންވީމަ މެއި ހައެއްގެ ކޮމެޓީގެ މެންބަރުންނަށް ފުލުހުންނާއި ބައްދަލު ކުރެވޭ ދުވަހުގައި އެފަދަ ފުރުސަތެއް ލިބިއްޖެނަމަހީ ތަހުގީގުކުރާ ފަރާތްތަކަށް މި ސީރިއަސްކަން މި މައުލޫމާތުތައް ބަލާތޯ ބަލަން ޖެހޭ. މިކަމާއި ގުޅިގެން އެޅި ފިޔަވަޅެއް އެބައޮތްތޯ ބަލަން ޖެހޭ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދެއްކުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފު ވިދާޅުވީ އެތެރެފުށަށް ލިބިވަޑައިގެންނެވި ހުރިހާ ޒަހަމަކަށް ފަރުވާ ލިބި ފަސޭހަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ފައިގައި ހުރި ފާރުގަނޑެއް ނުހިކި ހުރި ނަމަވެސް ބޭރަށް ފެންނަން ހުރި އެހެން ހުރިހާ ޒަހަމެއް ފަސޭހަވެފައިވާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ 50 ޕަސެންޓް ހުއްޓިފައިވާ ކަމަށެވެ. އަދި ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ ކަަމަށެވެ. ހަސަން ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 90 ޕަސެންޓްގެ ހަރަކާތް ނުކުރެ އެވެ.

ރައީސް ނަޝީދުގެ އާއިލާއިން އިއްޔެ ވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެން ޒަހަމުތައް ފަސޭހަވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ވެސް އިއްޔެ ޓްވީޓެއް ކުރައްވާ ވިދާޅުވީ އެމަނިކުފާނަށް ލިބިފައި ހުރި އަނިޔާތަށް ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް އަނިޔާތަކުން އަރައިގަތުމަށް މާތް ﷲ ގެ ރަހުމަތްފުޅާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހެޔޮ ހާލުގައި ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ހަސަން އަފީފު ވިދާޅުވީ ފުލުހުންނާއި ބައްދަލުކުރުމަށް ބޭނުންވާތީ އެކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ސިޓީގެ ފަހުންވެސް ބައްދަލްވުމަށް ފުރުސަތެއް ހޯދުމަށާއި އަދި ފޮނުވި ސިޓީއަށް ޖަވާބެއް ލިބޭތޯވެސް ބަލާފައިވާ ކަމަށެވެ.

"އަދި އަޅުގަނޑުމެންނާއި [މެއި ހައެއް ކޮމެޓީ] ބައްދަލުކުރައްވާ ގޮތަކަށް ފުލުހުންގެ ޖަވާބެއް ނާދޭ. ފުލުހުން އަޅުގަނޑުމެންނާއި ބައްދަލުކުރާ ގޮތަށް އަދި ހަމަނުޖެހޭ ވާހަކަ އަޅުގަނޑު މި ދެންނެވީ އެ ޖަވާބު އަދި ނުދެއްވާތީ. އެމްއެންޑީއެފުން އަޅުގަނޑުމެންނަށް ދެއްވައިފި ދުވަހެއް ތާރީހެއް އަދި ވަގުތެއް އަޅުގަނޑުމެންނާއި ބައްދަލު ކުރަން،" އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ ތަހުގީގު ދާގޮތާއިމެދު އެއްޗެއް ބުނަން އެނގޭނީ ފުލުހުންގެ ބައްދަލްވުމަށް ފަހު ކަަމަށެވެ. އަދި އެއްވެސް ބަޔަކާ ބައްދަލުނުވި ކަމަށް ބުނެ ކޮމެޓީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި އުންމީދަކީ ފުލުހުންނާއި ބައްދަލު ކުރުމުގެ ފުުރުސަތު ލިބުން ކަމަށެވެ.

"އަޅުގަނޑުމެން ހުއްޓާލާކަށް ނެތިން ޖަވާބެއް ނުދިނޭ ކިޔާފައި، އަދި ފަހަތަށް ޖެހޭކަންވެސް ނެތިގެން. އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން އަދި އަޅުގަނޑުމެން ގުޅަން ޖެހޭ މީހުންނާއި ކޮންމެ ދުވަހަކުވެސް ގުޅާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުުރުސަތެއް ލިބޭނެ ކަމަށް ޔަގީން ކުރަން ފުލުހުންގެ ފަރާތުންވެސް،" އަފީފް ވިދާޅުވިއެވެ.