މުހައްމަދު މާޖިދު (މެޒޯ)

އަޑާއި ސިފަ މުސްކުޅިނުވި މެޒޯ މޯޑް!

  • ސޯލޯ އަލްބަމެއް ނެރެން ތައްޔާރުވެފައި
  • މިހާރު 50 އަހަރު، ރިޓަޔާކުރުމުގެ ހިޔާލެއް ނެތް
  • އެންމެ މޮޅީ މީރާ!

ގަލޮޅު ކްރީމްގޭ މުހައްމަދު މާޖިދު ދަންނަ ގޮތް އެކި މީހުންގެ މެދުގައި ތަފާތުވެދާނެ އެވެ. އެއް ބަޔަކު އޭނާ ދަންނަނީ ކްރީމް މުހައްމަދުގެ ނަމުންނެވެ. އަނެއް ބަޔަކު އޭނާ ދަންނަނީ މެޒޯ މުހައްމަދުގެ ނަމުންނެވެ. އެއީ ދިވެހި ލަވަ އަށް އިންގިލާބެއް ގެނުވި "މެޒޯ ބޭންޑް" އާ އެކު މިއުޒިކް ލެޖެންޑެއްގެ ދަރަޖަ އަށް އޭނާގެ ހުނަރުވެރިކަން އަރައިގެން ގޮސްފައިވާތީ އެވެ.

ސިޔާސީ ގަދަފަދަ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އޭނާ ނިކަން މަޝްހޫރެވެ. އަދި އެއް އިރެއްގައި އޭނާ އަކީ އެއްކޮށް ކަޅު ކުލައިން ހެދުން އަޅައި އުޅުނު އާދަޔާހިލާފު ޝަހުސިއްޔަތެކެވެ. ދިވެހި އަންހެންވެރިންނާ ހަމަ އަށް "ކަޅު ކުލައިގެ ހެދުންތަކުގެ" ފެޝަން އައިއިރު މުހައްމަދު އޮތީ އެ ޓްރެންޑް ލައި، އަމިއްލަކޮށް، ބާކޮށްފަ އެވެ.

މީހުން މި މުހައްމަދެއް ދަންނަ އަނެއް ގޮތަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާގެ ބައްޕަގެ ގޮތުގަ އެވެ.

އެކަމަކު މީރާއެއް އުފަންވުމާއި، ކަޅުކުލައިގެ ޓްރެންޑެއް އުފަންވުމާއި މެޒޯއޭ ކިޔުނު ބޭންޑެއް އުފަންވުމުގެ މާ ކުރިއަށް ޖެހިލާއިރު ކްރީމްގޭ މުހައްމަދު އެންމެ މަޝްހޫރީ އަންހެން އަޑުން ލަވަކިޔައި ފޯރި ނެގި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.

އެއީ 70ގެ ފަހުކޮޅެވެ. އިބްރާހިމް ނާސިރުގެ ވެރިކަން ވެއްޓިގެން މާލޭގައި އުފާފާޅުކުރަނީ އެވެ.

"މުޅި މާލެ އަކީ ކާނިވަލެއް އޭރު،" އޭރު މާލެ އޮތް ގޮތް މުހައްމަދު ސިފަކުރީ މިހެންނެވެ.

"އޭރު ކޮންމެ ދުވަހަކު ވެސް ކޮންމެ ގެއެއްގައި ވެސް އަދި ކޮންމެ މަގެއްގެ ކަންމަތީގައި އޮންނާނެ މިއުޒިކް ކުޅުން މާލޭގައި. މުޒާހަރާކުރުމާއި އެއްޗެހިތައް އެންދުން ވެސް އޮންނާނެ. އެކަމަކު ވެގެން އުޅޭ ގޮތް އެނގޭވަރަށް ވުރެ އަޅުގަނޑުމެން އޭރު މާ ކުޑަ"

"ދެން އިރުއޮއްސުނީމަ އެ މަޖާކުރުންގަނޑު ބަދަލުވާނީ ގޭތެރޭގައި އޮންނަ ކަމަކަށް. އެގޮތުން އަހަރެމެން އުޅޭނީ ގޭގެއަށް ގޮސް މިއުޒިކް ކުޅެ ދިނުމުގައި. އެގޮތަށް އެއް މަސް ވަންދެން އެކި ގޭގޭގައި މިއުޒިކް ކުޅެ 90 ޝޯ ދިން ހަނދާން އެބަހުރި. ޝޯ ފަށާނީ އިޝާ ނަމާދުން ފައިބައިގެން އަށެއް ޖަހާއިރު. އާންމުކޮށް ގަޑިއެއްހާ އިރަށް. 150 ރުފިޔާއަށް."

"އަންހެން ބައި އަންނަ ލަވަތަކުގައި އެ ބައި ކިޔަން އަރާނީ އަޅުގަނޑު. އުމުރުން އެގާރަ ބާރަ އަހަރުގައި ލަވަކިޔައި އުޅުނީ މުޅިން ވެސް އަންހެން އަޑުން. އޭރު ރާއްޖޭގައި އަންހެން ލަވަކިޔުންތެރިން ވަރަށް މަދުވާނެ ދިވެހި ބޭންޑްތަކުގައި. އެހެންވީމަ ހުރިހާ މިއުޒިކް ގްރޫޕެއްގައި ވެސް ހުންނާނެ ފޯސެޓް އަޑު ބޭނުންކޮށްގެން އަންހެން އަޑުން ލަވަކިޔާ މީހެއް."

އެއީ އޭނާގެ ބޭބެ، ކުޑަދޮން އަބްދުއްސައްތާރު ހިންގެވި މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާސްގެ ދުވަސްތަކުގައި ނެގި ފޯރި އެވެ.

އެންމެ ފުރަތަމަ އުޅުނީ ދަމާގާޑިޔަލަކަށް ސައުންޑް ސިސްޓަމެއް ލައިގެން، ނަށާ ކުދިންކޮޅެއް ގޮވައިގެން ގިޓަރިސްޓަކާއި ޑްރަމަރަކާ އެކުގަ އެވެ. އަގަކަށް 150ރ. ޝޯއަކަށް ނަގަން ފެށީ ދަމާގާޑިޔާ ދޫކޮށް ބޭބެގެ ބޭންޑް ޕިކަޕަކަށް އެރި ހިސާބުންނެވެ. ދަމާގާޑިޔަލުގެ ދުވަސްވަރު ޝޯއެއް ކުޅެދިން އަގަކީ 15ރ. އެވެ.

"އެއް ގޭގެ ދޮރުމަތީގައި ކުޅެ ނިންމާލާފައި ޖެހިގެން ހުންނަ ގޭގޭ ބޭރުގައި އަނެއްކެސް ފަސް ލަވަ ވަރު ކުޅެނީ. އޭރު ކުޅޭނީ ހިންދީ ރާގުތަކަށް ހަދާފައި ހުންނަ ދިވެހި ލަވަ،" މުހައްމަދު ބުންޏެވެ.

"އެގޮތަށް ލަވައިގެ ތެރޭގައި ނޫޅޭ ލައިފެއްގައި އުޅެވިފައެއް ނެތް."

އޭނާ ބުނީ މިއުޒިކާއި މުނިފޫހިފިލުވުން އޭރުގެ އެންމެ ބޮޑު ޓްރެންޑަކަށް ބަދަލުވެފައި އޮތުމުން ކިޔެވުން ވެސް ވެފައި އޮތީ ބޭކާރު ކަމަކަށެވެ.

"އެއީ ޖޫޑޯ އާއި ކަރާޓީ އާއި ޅެންބައިތު. އެ ކަހަލަ ކަންތައް އޮންނާނީ އޭރު އަޅުގަނޑުމެން ސްކޫލަށް ދިޔައިރު. ސްކޫލަށް ދާކަށް ވެސް ބޭނުމެއް ނުވޭ އޭރަކު އަސްލު. އަނެއްކޮޅުން އޭރު އޮންނަ ފިކުރެއް، އާއިލީ ގޮތުން ތަނަވަސްކަމެއް ލިބިފައިވާ ނަމަ ސްކޫލަށް ދިއުން މުހިންމެއް ވެސް ނުވޭ،" މުހައްމަދު ކިޔައިިދިނެވެ.

"ބޮޑަށް އުޅެވުނީ މިއުޒިކްގެ ތެރޭގައި. ގާތްގަނޑަކަށް ނުވަ އަހަރުގައި، 10 އަހަރު ނުފުރެނީސް ރިސޯޓް މިއުޒިކަށް ބަދަލުވެއްޖެ. އެހެންވީމަ އޭރު ލަވައެއްކިޔަސް އިންނާނީ އަންހެން އަޑެއް. ޅައިރުގަ އަޑު ފަޅައިގެން ނުދާތީ އޭރު އަދި."

މަޝްހޫރުވުމުގެ ކުރިން ޑްރަމަރެއް، ޑްރަގެއް ނޫން!

ހުނަރުވެރި ލަވަކިޔުންތެރިއެއް އަދި މިއުޒީޝަނެއްގެ ގޮތުގައި ބްރޭންޑަކަށް ބަދަލުވުމުގެ މާ ކުރިން އޭނާ އަންހެން އަޑުން ލަވަކިޔަން ޖެހުނު ޒަމާނެއް ވެސް ދިޔަ އެވެ. އެކަމަކު ކްރީމްގޭ މުހައްމަދު ފައްކާ މިއުޒީޝަނަކަށް ބަދަލުކޮށްލީ ނުވަތަ ހަގީގީ މިއުޒިކް އޭނާ އަށް ރޯފިލައިގެން ދިޔައީ ޑްރަމަރެއްގެ ގޮތުގައި ފެށި އާދަޔާހިލާފު ދަތުރެއްގެ ތެރެއިންނެވެ.

އެކަމަކު ބޭބެގެ މިއުޒިކް ގްރޫޕުން ނުކުތްތަނުން އޭނާގެ ގައިގައި ބައްދައިގަތީ އަމިއްލަ ރާގުތަކަށް މަޝްހޫރު ދިވެހި މިއުޒީޝަން އަބްދުލް ހަންނާނު މޫސާ ދީދީ އާއި އަބްދުލް ރައޫފްގެ ރަން ޒަމާނުގެ ހިތްގައިމު ޓިއުންތަކެވެ.

"އޭރު ވެސް އަމިއްލަ ރާގުތަކަށް ޝައުގުވެރިވޭ. އެކަހަލަ ކަމެއްކޮށްލާ ހިތްވޭ. އެކަމަކު އަމިއްލަ އަށް ލަވައެއް ހަދާކަށް ނުއެއް އެނގޭ އޭރަކު. އެއީ އޭރަކު ގިޓާގެ ސްކޭލްއެއް ވެސް ނޭނގޭތީ. އޭރަކު އަސްލު ނޭނގޭ ކުރެވެނީ ކީއްކަމެއް ވެސް. އެޅެނީ ކޮން ކޯޑެއް ކަމެއްވެސް."

އެކަމަކު އޭރު ވެސް އޭނާ އަކީ ފުދޭވަރަކަށް މޮޅަށް ޑްރަމް ޖަހާ ކަމަށް މަޝްހޫރުވެފައި އޮތް ނަމެެކެވެ. ހިތާނު މޫސުމްތަކުގައި ގޭގޭގައި ބޭބެގެ ބޭންޑާ އެކު ދިން ޝޯތަކުގައި އޭނާ ޖެހި ބެރުގެ އަޑު އޮތީ މުޅި މާލެ ތެރޭގައި ގަދަވެފަ އެވެ.

އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އަދި އެންމެ ޝަރަފްވެރި ދިވެހި މިއުޒިކް ބޭންޑް "ކްއިކްސޭންޑް" އިން އެމީހުންގެ ޑްރަމަކަށް މި މުހައްމަދެއް ހަދަން ޝައުގުވެރިވީ ވެސް އެހެންވެގެންނޭ ބުނެވިދާނެ އެވެ. އެކަމަކު އޭރު މާލެ ތެރޭގައި އަދި ރާއްޖޭގައި ވެސް އޮތް އެންމެ މޮޅު އަދި އެންމެ މަޝްހޫރު ތިން މިއުޒިކް ބޭންޑް ކަމުގައިވީ ކްއިކްސޭންޑާއި ޓުވެންޓިއަތު ސެންޗުރީ ބީސީ އާއި އެމޭޒަން ޖޭޑުން ފުރުސަތެއް ހޯދުން ވެފައި އޮތީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ.

އެއީ އެންމެ ހައި ކްލާހުގައި މިއުޒިކް ކުޅެމުން ދިޔަ ބޭންޑްތަކެވެ. އެ ބޭންޑްތަކުގައި އޭރު ބޭރުގެ ބައެއް މިއުޒީޝަނުން ވެސް މިއުޒިކް ކުޅެ އުޅުނެވެ.

މިހެން ކަންތައް ވެގެން ދިއުމުން މުހައްމަދު ނިންމީ މުޅިން ދިވެހި މިއުޒީޝަނުންގެ މައްޗަށް އެކުލެވޭ އެ ފެންވަރުގެ ގަދަފަދަ ބޭންޑެއް އުފައްދާށެވެ. އެ ހިޔާލުގެ ތެރެއިން އުފެދުނީ "ބޯން އިން އެމް" އޭ ކިޔުނު ބޭންޑެކެވެ.

"ބޯން އިން އެމް" އަށް އެނަން ދިނީ، އޭރު ވާގޮތަކީ އެންމެ ގަދަފަދަކޮށް އުޅުނު ތިން ބޭންޑްގައި ކުޅޭނެ ދިވެހިންނާ އެކު ބޭރުގެ މިއުޒީޝަނުން ވެސް. އެހެންވީމަ ބޯން އިން އެމްއޭ މި ކިއީ އަހަރެމެންގެ ބޭންޑްގައި މި ތިބީ މުޅިން ދިވެހި ރާއްޖެ އަށް އުފަން މިއުޒީޝަނުންނޭ ބުނަންވެގެން،" މުހައްމަދު ކިޔައިދިނެވެ.

ކޮންމެއަކަސް މި މަޝްހޫރުކަމެއްގެ ތެރެއިން އެންމެފަހުން އޭރުގެ އެންމެ ޓޮޕް ބޭންޑް "ކްއިކްސޭންޑް" ގެ ޝައުގުވެރިކަން މުހައްމަދަށް ލިބިގެން ދިޔަ ހިސާބަކީ އޭނާގެ ހަޔާތުގައި އެހެން މިއުޒިކެއް ކުޅެގަތް ހިސާބެވެ. އެކަމަކު އެ ބޭންޑުން ފުރުސަތު ހޯދަން ކުރި މަސައްކަތަކީ އޭނާގެ މިއުޒިކީ ހަޔާތުގެ އެންމެ ހިތި އެއް ހަނދާނޭ ވެސް ބުނެވިދާނެ އެވެ.

"އޭރު މާލެ ތެރޭގައި ހިޕީސް ވަރަށް މަޝްހޫރުވާނެ. އެހެން ބުނީމަ އޭރު އެ މީހަކު މަޝްހޫރުވެފައި އޮންނަނީ ޑްރަގްބޯ، ފެންނުވަރާ މުޑުދާރުކޮށް ހުންނަ މީހެއްގެ ގޮތުގައި،" މުހައްމަދު ކިޔައިދިނެވެ.

"ކްއިކްސޭންޑުން އަޅުގަނޑުގެ ފެންވަރު ބަލަން ލަވައެއް ކުޅެލާފައި ވަރަށް ރަނގަޅޭ ކިޔާފައި ބުނީ މުހައްމަދު ތި ހުންނަނީ ހީޕީއެއްހެންނޭ. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާންހުރޭ އެ ލަފުޒު"

"އަހަރެންގެ މި ކަޅު ދެ ކޯ އަޑިއަށް ވަދެފައި ހުންނާތީ އާއި ބޯ ކުޑަކޮށް ދިގުކޮށްލާފައި އޮންނާނީ އެމީހުންނަކަށް އަހަރެންގެ އެ ލުކް ކަމަކުނުދިޔަ. އެމީހުންގެ ކުރިމަތީގައި އަހަރެން ވެއްޓިގެން ދިޔައީ ތެޔޮބޯ ފަތްބޯ މީހެއްގެ ދަރަޖައަށް. އެކަމަކު ވަރަށް ފަހުރުވެރިކަމާ އެކު މިއަދު ބުނެވިދާނެ އަހަންނަނީ ދިރިއުޅުގައި ގޯސްމަގަކުން ކައްޗާދިޔަ މީހެއް ނޫނޭ"

"ވެދާނެ އަހަރެންގެ ވަރަށް ޅައުމުރުގައި އެފަދަ (އަމަލެއްގައި) ޖެހިގެން އަހަރެންގެ ދޮށްޓަކަށް ތިބި ބަޔަކު ވަރަށް ހަޑިކޮށް އުޅުނު މަންޒަރުތައް ފެނިފައިހުރީމަ ކަމަށް ވެސް. އެއްގޮތަކަށް އެކަމުގެ ތެރެއަށް އަހަރެން ނުދިޔައީ ދީނީ ނުވަތަ ނަރަކަ އާއި ސުވަރުގޭގެ ވިސްނުމެއްގައި ޖެހިގެންނެއް ނޫން."

މުހައްމަދު ބުނީ ކްއިކްސޭންޑުން އޭނާ ލޭބަލްކުރި ގޮތަކީ ފެންކަޅިކޮށްލި ދުވަހެއް ކަމަށެވެ.

"ތިން މަސް ދުވަހުގެ ޕްރޮބޭޝަންގައި އަޅުގަނޑާ ދެން ހަވާލުކުރީ އެއްޗެހި ފޮހުމާއި ސާފުކުރުމާއި އެމީހުން ރަށްރަށް ދާންވީމަ އެއްޗެހިތައް ޕެކްކޮށް ޕިކަޕަށް އަރުވައި ދިނުމާއި ޕިކަޕުން އެ އެއްޗެހިތައް ބާލައިދިނުން ކަހަލަ ކަންތައް ހަވާލުކުރީ. ސައުންޑް ބޯއިއަކަށް."

މަޝްހޫރު ޑްރަމަރަކަށް ވިޔަސް މިއުޒިކްގެ ބާރުގަދަ އަތްތަކުގެ ދަށުގައި މުހައްމަދުގެ އަސްލު ހުނަރުވެރިކަން ބަންދުވީ އެވެ.

މިއުޒިކްގެ މޮނޮޕޮލީއާ ދެކޮޅު ޗޭ ގުވޭރާއެއް

ބްރުސް ލީގެ ކަރާޓޭ އަށް ކުޑައިރު ކިތަންމެ މޮޅަށް މުހައްމަދުގެ އޮތީ އޭރު ވެސް އިންގިލާބީ ފިކުރެކެވެ. އޭނާ ހަތިޔާރު ނެގީ ދިވެހި މިއުޒީޝަނުންގެ އެންމެ ބޮޑު މާކެޓްގެ ގޮތުގައި އޮތް ރިސޯޓް މާކެޓް ކޮންޓްރޯލްކޮށްގެން އޮތް "ކްއިކްސޭންޑް" ބޭންޑްގެ ހިންގި ޔުނިވާސަލްއާ ދެކޮޅަށެވެ.

"އޭރަކު ރާއްޖޭގައި އުޅުނު ކުދި ބޭންޑް، އެއްވެސް ބޭންޑަކަށް ނުލިބޭނެ ފުރުސަތެއް ކުރިއެރުމުގެ، ބޭންޑަކަށް ވެގެން ފަންނާނުންގެ ޝޯގައި ކިރިޔާ ވެސް ކުޅެލައިފިއްޔާ ދެ މި އުޅޭ ބޮޑެތި ތިން ބޭންޑުންގެ ތެރެއިން ކޮންމެ ވެސް އެއް ބޭންޑަކަށް މި އާ ބޭންޑްގެ އެންމެ މޮޅު މީހާ ގެންދާނީ،" މުހައްމަދު ކިޔައިދިނެވެ.

"އެ ހިސާބުން، އަލަށް އުފެދޭ ކުޑަ ބޭންޑް ރޫޅިގެން ދަނީ"

"ދެން ބޭނުންވީ ކްއިކްސޭންޑް ވެސް ހުއްޓުވާލަން. އެއީ ޔުނިވާސަލްގެ އެންމެ ބޮޑު ބޭންޑް. ކުންފުނީގައި އެންމެ ގިނަ ރިސޯޓްހުރި މީހުންގެ ބޭންޑް. އެމީހުން އެހެން މިއުޒީޝަނުންނަށް ފުރުސަތު ނުދީ ފަސް ހަ ރިސޯޓްގައި ހިފަހައްޓާލައިގެން އުޅެންޏާ އެހެން މީހުން ކުޅެން ދާނެ ތަނެއް ވެސް ނޯންނާނެތާ؟"

"އެ ހިސާބުން އަޅުގަނޑުގެ މަގުސަދަކަށް ހެދީ ކްއިކްސޭންޑް އުވާލަން. އެންމެފަހުން އެ ބޭންޑަށް އަޅުގަނޑު ދިޔައީ ވެސް އެ ބޭންޑް ހުއްޓުވާލަންވެގެން. އެވަރުގެ ބޮޑު ކުންފުންޏެއްގައި އެކަހަލަ ބޭންޑެއް އޮންނާކަށް ނުޖެހޭ."

މުހައްމަދު ބުނީ އެއްގޮތަކަށް "ކްއިކްސޭންޑް" އުވާލަން ބާރު އެޅީ އަމިއްލަ ފައިދާއަކަށް ނޫނެވެ. އެކަމަކު ޒުވާން އެހެން މިއުޒީޝަނުންނާއި ބޭންޑްތަކަށް މާކެޓްގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމަށެވެ.

"އެއަށް ފަހު ނުޖެހޭ ކޮންމެހެން ބޮސްއެއްގެ ދަށުގައި މިއުޒީޝަނުން މިއުޒިކް ކުޅޭކަށް. އަދި މާ ބޮޑު ވިޔަފާރިވެރިޔަކު އެ ބޭންޑަކު އިންނާކަށް. ދެ ތިން ކުއްޖަކު ވެގެން ވެސް ބޭންޑެއް ހަދާލައިގެން ރަނގަޅަށް މިއުޒިކް ކުޅުނަސް ފެންވަރު ރަނގަޅު ރިސޯޓެއްގައި މިއުޒިކް ކުޅެލަން އެ މީހުންނަށް ފުރުސަތު ލިބެން ފެށީ،" ކިޔައިދިނެވެ.

"ކޮންމެހެން މެޒޯ މުހައްމަދަށް ވެފައި ފުރުސަތު ބޮޑުވެފައި އާދައިގެ ކުއްޖާވީމަ އެ ފުރުސަތު އޭނާ އަށް ނުލިބޭ ތަފާތުކުރުމެއް ދެން ނާދޭ. ހަމައެކަނި ޝަރުތަކަށް ދެންވީ މޮޅަށް ކުޅުން."

މެޒޯ މުހައްމަދުގެ ގޮތުގައި ފަހުން ކްރީމް މުހައްމަދު މަޝްހޫރުކޮށްލި ބޭންޑް "މެޒޯ" ވެސް އޭނާ އުފެއްދީ ބާރުގަދަ ބޭންޑްތައް އުވާލުމަށް ޖެއްސި ކެމްޕޭނެއްގެ ތެރެއިންނެވެ.

"މިހާރު މި ފެންނަހާ ތަފާތު ގިނަ އާޓިސްޓުން ނުފެނުނީސް އެހެން ނުވި ނަމަ. ޔަގީން. މިހާރު ހަމަ ހީވެސްނުކުރާހާ ގިނަ އާޓިސްޓުން އެބަ އުފެދޭ. ރިސޯޓްތަކުގައި ވެސް މިއުޒިކް ކުޅެމުން އެ ގެންދަނީ،" މެޒޯ މުހައްމަދު ބުންޏެވެ.

"މެޒޯ އުފެއްދޭ ހިސާބަށް އާދެވުނީ ވެސް އޭރު އޮތް ތިން ބޭންޑްގެ ބާރު ކަނޑާލެވުނީމަ. އެހެން ނޫން ނަމަ މެޒޯއެއް ވެސް ނުއުފެދޭނެ. ފުރުސަތެއް ނުލިބޭނެ."

މިއުޒިކަކީ ފަރުވާއެއް، ރިޓަޔާކުރުމެއް ނެތް!

"ވަރަށް ފޮނިވާ، ވަރަށް ފަހުރުވެރިވާ ހިސާބެއްގައި މިހާރު މިހުރީ. އެހެން ބޭންޑްތަކަށް ކުޅުނުއިރު އަޅުގަނޑަކީ އެ ހުރިހާ ބޭންޑެއްގެ ވެސް ސާވަންޓް. ބޯއިއެއް. އަދި އޭރު ކުޅުނު ބޭންޑްތަކުގެ އެހެން މެމްބަރުންނާ އަޅުގަނޑު އެއްވަރު ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އަޅުގަނޑު މާ ދެރަ،" މިއުޒިކް އޭނާގެ ހަޔާތުގައި ފަރުވާއަކަށް ބަދަލުވި ގޮތް ކިޔައިދެމުން މުހައްމަދު ބުންޏެވެ.

"އެހެންވީމަ ކޮންމެ ބޭންޑެއްގައި އުޅުނަސް އެއްޗެހި ފޮޅައި ސާފުކުރުން، އެއްޗެހި އެތުރުން، އަނބުރާ ފޮށްޓަށްލުން އެއީ އަޅުގަނޑުގެ މަސައްކަތް. އަބަދުވެސް ކުރި ކަމެއް. އެކަން ކުރަން މުސާރަ ދީފައި މީހަކު ބަހައްޓާފައި ހުއްޓަސް އެކަން އަޅުގަނޑުކުރަން. ބޭންޑްގެ އެއްޗެހިތައް ޕިކަޕުން ބާލާއިރު އަޅުގަނޑު އެ އެއްޗެހީގައި ހިފާނެ."

"އަޅުގަނޑު އުޅުނީ އެހެން. އެކަމަކު މިހާރު އަޅުގަނޑު ގަބޫލުކުރާ ގޮތުން އަޅުގަނޑަކީ ވަރަށް މޮޅު މީހެއް. ގޯޑް ގިފްޓެޑް ޓެލެންޓެއް އަޅުގަނޑުގެ ލޭގައި ވެސް ހުރި މީހެއްކަން ގަބޫލުކުރެވޭ."

މުހައްމަދު ބުނީ ހަގީގީ މިއުޒީޝަނުންނަކީ ރިޓަޔާކުރާ ބައެއް ނޫން ކަމަށާއި މިއުޒީޝަނެއްގެ ގޮތުގައި އޭނާ ވެސް ދެމިހުންނާނީ ކަމަށެވެ.

"ޓްރޫ އާޓިސްޓުން، މިއުޒީޝަނުންނަކީ ރިޓަޔާކުރާ ބައެއް ނޫން. އެކަމަކު މިއަދު އަޅުގަނޑު މިއުޒިކް މި ކުޅެނީ އާމްދަނީއެއް ހޯދާކަށް ނޫން. އުފަލަށް."

"މިހާރު ހަފުތާއަކު ތިން ރޭ ހަތަރު ރޭ އެބަ ކުޅެން. އަޅުގަނޑު މިއަދު މިއުޒިކް ކުޅެނީ ވަރަށް ރެސްޕެކްޓެޑް މީހެއްގެ ގޮތުގައި. ތަންތަނަށް އަޅުގަނޑު ގެންދަނީ ވަރަށް ރެސްޕެކްޓާއެކު. އެއީ ވަރަށް ބޮޑު އެއްޗެއް"

"މިއުޒިކު ކުޅުމަކީ ވަކިން ހާއްސަކޮށް ގިޓާ ކުޅުމަކީ ހަޔާތުގެ ސްޓްރެސް އާއި ޓެންޝަނާ ދުރަށް މީހާ ވަރަށް ފަސޭހައިން މީހާ އެއްކައިރިކޮށްލާ އެއްޗެއް."

50 އަހަރު! ފަސް ވަނަ އަލްބަމް!

ޓްރޫ އާޓިސްޓުން ރިޓަޔާއެއް ނުކުރާނެ އެވެ. އަދި ޓްރޫ ލެޖެންޑުން މުސްކުޅިއެއް ވެސް ނުވާނެ އެވެ. މި އަހަރުގެ މެއި މަހު 50 ވަނަ އުފަން ދުވަސް ފާހަަގަކުރި މުހައްމަދު މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ފަސް ވަނަ އަލްބަމަށެވެ.

"މިހާރު އެބަހުރި ހަދައި ނިމިފައި ހުރި 14 ލަވަ. އެއީ މުޅިން އަމިއްލަ ރާގުގެ ދިވެހި ލަވަ،" ކުރިއަށް އޮތް އަލްބަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މެޒޯ މުހައްމަދު ބުންޏެވެ.

މި އަލްބަމް ވެގެންދާނީ "މެޒޯ މުހައްމަދު" ގެ ފުރަތަމަ ސޯލޯ އަލްބަމަށެވެ. ކުރިން ނެރުނު ހަތަރު އަލްބަމް ނެރުނީ މެޒޯ ބޭންޑްގެ ނަމުގަ އެވެ.

"އާ އަލްބަމަކީ އަޅުގަނޑުގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭނެ އަލްބަމެއް. އޭގެ ލަވަތައް ހަދާފައި ވާނީ ދިރިއުޅުމުގެ އެކި ތަޖުރިބާތަކުގެ މައްޗަށް،" މުހައްމަދު ބުންޏެވެ.

މިއީ ޔަގީނަށް ވެސް މެޒޯ މުހައްމަދުގެ އާ އަލްބަމަކަށް އިންތިޒާރުކުރަމުންދާ ފަރާތްތަކަށް ލިބޭނެ އުފާވެރި ޚަބަރެކެވެ. އެހެންވީމަ ހީލާށެވެ. މުހައްމަދުގެ އާ އަލްބަމްގެ ނަމަކަށް ވެސް އަދި އޮތީ "ސްމައިލް" ގެ ނަމެވެ.

އަށް އަހަރު ވަންދެން ކަޅުކުލައިގައި!

"ގާތްގަނޑަކަށް 8 އަހަރާއި 11 މަސް ވަންދެން ކަޅުކުލައިގެ ހެދުން ލިން އަޅުގަނޑު. ފުލް ބްލެކްގަ. އެއީ މިއުޒިކާ ގުޅުންހުރި ކަމެއްގައި އޭރު ރާއްޖޭގައި އޮތް ސިސްޓަމާ ދެކޮޅު ކަމެއް،" އިންޓަވިއު އަށް އައިއިރު ވެސް ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓުބުރިއެއް ލައިގެން ހުރި މުހައްމަދުގެ ކަޅު ހަނދާންތަކުގެ ވާހަކަ ފެއްޓީ މިހެންނެވެ.

ކަޅު ކުލައިގެ ހެދުމަކީ އޭނާގެ އެންމެ ބޮޑު އަދި އެންމެ ދިގު މުޒާހަރާ އެވެ. ފަހަރެއްގައި ރާއްޖޭގައި އާޓިސްޓަކު އެގޮތަށް ކުރި އެންމެ ބޮޑު މުޒާހަރާވެސްމެ އެވެ.

އެއީ އިންޑިއާގެ އެމްޓީވީ ޗެނަލުން އޭނާގެ ލަވައަކަށް ފުރުސަތު ލިބި ދިވެހި މިއުޒިކަށް ވެސް ލިބިގެން ދިޔަ ފުރުސަތެއް ދިވެހި ސަރުކާރުން ނަގައިލުމުން އައި ރުޅީގަ އާއި ވީ ދެރައިގައި ކުރަން ނިންމި ހަޅުތާލެކެވެ.

"މި ފުރުސަތު ރާއްޖެ އަށް ދޭން އެމްޓީވީގެ ޓީމެއް ރާއްޖެ އައިސް އޭރުގެ ކަމާ ބެހޭ މީހުންނާ ވެސް ބައްދަލުކުރި. އެކަމަކު އެމީހުންނާ ބައްދަލެއް ނުކުރެވުނު އެއްވެސް މިއުޒީޝަނަކަށް. އެ ހިސާބުން އެ ފުރުސަތު ވެސް ގެއްލިގެން ދިޔައީ." ކިޔައިދިނެވެ.

"އެ ހިސާބުން އަޅުގަނޑު ނިންމީ އޭރުގަ އެ އޮތް ވެރިކަމާއި އެ އައިޑިއޮލޮޖީ ނިމެންދެން ކަޅުހެދުމުގައި ހުންނަން. އެގޮތަށް ފުލް ބްލެކްގައި ހުއްޓައި އަޅުގަނޑު ހީކުރީ 2008 ގައި އެކަން ނިމުމަކަށް އައީ ކަމަށް. އެހެންވީމަ ހަމްދު އަޅައިގެން ތައްޔާރުވެގެން ހުދުކުލައިގެ ހެދުން ގަނެލައިގެން އަޅުގަނޑު ހުރީ ވެސް."

"އޭރު އިސްޓާކީނެއް ވިޔަސް ބޮކްސާއެއް ވިޔަސް އަތުގައި އަޅާ ކެވެލިކޮޅަކަށް ވިޔަސް އަދި ލައިޓަރެއް ގެންގުޅުނަސް، ފޯނެއް ގެންގުޅުނަސް ބެލްޓެއް އެޅިޔަސް އައިނެއް ވިޔަސް ފުލް ބްލެކް. އެވަރަށް އަޅުގަނޑު ޑިސެޕޮއިންޓްވި."

ސަމާސާއަކަށް ހަދާލާފައި މުހައްމަދު ބުނީ އަނެއްކާވެސް ގައުމުގެ ހާލަތު މި ވަނީ ކަޅުކުލައިން ހެދުން އަޅަން ޖެހޭ ފަދަ ހާލަތަކަށް ވެއްޓިފައި ކަމަށެވެ.

އެންމެ މޮޅީ މީރާ!

"މީރާ ވަރަށް ސްޓްރޯންގް. ވަރަށް ވަރުގަދަ. މީރާ މިއުޒިކްގައި ކުރިއަށް އެ ދަނީކީ މީރާގެ ބައްޕަ އާއި މަންމަގެ މާ ބޮޑު ލަފާތަކެއް ހޯދައިގެނެއް ނޫން،" އާދަޔާހިލާފު މަޝްހޫރުކަމަކާއި ހުނަރުވެރިކަމެއް ހޯދައި ބައިނަލްއަގުވާމީ ސްޓޭޖަށް ވެސް އަރާފައިވާ މަޝްހޫރު އަންހެން ދަރިފުޅު އަދި ލަވަކިޔުންތެރިޔާ މީރާއާ ބެހޭ ގޮތުން މުހައްމަދުގެ ވާހަކަ ފެށީ މިހެންނެވެ.

"ގޯސްކަމެއް ކުރަން ދާހެން ހީވަންޏާ އަހަރެން ދެން އެއް ފަހަރު، ދެފަހަރަކު ނަސޭހަތް ދެން. އެކަމަކު ވަކި ގޮތަކަށް އުޅެން މަޖުބޫރެއް ނުކުރަން. ނުވެސް ކުރާނަން."

"ބައްޕައަކު ދަރިއެއްގެ ވާހަކަ ދައްކަން އުޅުނީމަ ފޮނިކެނޑޭހެން ވެސް ހީވޭ. ހަގީގަތަށް ވުރެ ބޮޑުކޮށްލައިގެން މި ވާހަކަ ދެއްކޭހެން ވެސް ހީވޭ. އެކަމަކު އެހެނެއް ނޫން މި ވަނީކީއެއް."

"މިއަދު މީރާ ބޮމްބޭގެ މަޝްހޫރު އަދި ވަރުގަދަ ފޭންބޭސްއެއް ވެސް އޮތް ބޭންޑަކާ އެކު ލަވައެއް ރިކޯޑްކޮށް އެ ލަވައެއް އެމީހުން ޔޫޓިއުބަށް ލީމަ އެމީހުންގެ އެހެން ލަވަތަކަށް ވުރެވެސް އަވަހަށް ގިނަ ވިއުސްތަކެއް ލިބި ހަފުތާއެއްގެ ތެރޭގައި އެމީހުންގެ އެހެން ލަވަތަކުގެ ވިއުސް އަށް ވުރެ ވެސް މައްޗަށް އަރާފައި އެ ވަނީ"

"ދަރިފުޅެއްގެ ވާހަކަ މިގޮތަށް ދައްކަން މިއީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް. އެކަމަކު މިއުޒިކަށް ބަލާއިރު އެންމެ މޮޅީ މީރާއެއް ނޫންތަ؟ އަޅުގަނޑަށް ހީވަނީ އޭނަހެންނޭ ހަމަ އެންމެ މޮޅީ. އަންހެން ލަވަކިޔުންތެރިއެއްގެ ވާހަކަ ދައްކާ ނަމަ މިހާރު އެންމެ ފުރަތަމަ ވެސް ބުނާނީ މީރާގެ ނަން. އެއީއެއް ނޫންތަ ލަވަކިޔުމުގައި މޮޅު ދެރަ ގުނާނެ ގޮތަކީ"

"އާންމުންގެ ވޯޓަކަށް މިކަން ދޫކޮށްލިޔަސް ވަކިވަކި އަންހެން ލަވަކިޔުންތެރިންނަށް ބަލާއިރު އެންމެ ގިނަ ވޯޓް ލިބޭނީ މީރާ އަށް ހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑަށް ވަރަށް ޔަގީން. އެހެންވީމަ މީރާއެއް ނޫންތަ އެންމެ މޮޅު ލަވަކިޔުންތެރިޔަކީ"

"ކުރިން މީހުން ބުނާނީ މުހައްމަދުގެ ދަރިފުޅު މީރާއޭ. އެކަމަކު މިހާރު އެންމެން ވެސް ބުނަނީ ތިއީ މީރާގެ ބައްޕަދޯއޭ. މި ބުނާ އެއްޗެއް އެނގިއްޖެތޯ؟"

"މީރާ އަޅުގަނޑު ވެސް ބީޓްކޮށްފި!"