މީރާ މުހައްމަދު މާޖިދަކީ ކާކުކަން ނޭނގޭނެ ދިވެއްސަކު މިހާރު ހުންނާނެހެނެއް ހީއެއް ނުވެ އެވެ. އޭނާ ނިސްބަތްވާ އާއިލާ އަކީ ވެސް ދިވެހި މިއުޒިކްގެ ޝަރަފާއި ފަހުރާ ގުޅިފައިވާ އާއިލާއެކެވެ. ބައްޕަ އަކީ މިއުޒީޝަނެއް އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުން ލެޖެންޑަރީ ސްޓެޓަސްއެއް ހޯދާފައިވާ މުހައްމަދު މާޖިދު ނުވަތަ މެޒޯ މޯޑެވެ.
މިއީ ލަވަކިޔުންތެރިންގެ ގޮތުގައި މިއަދު މީރާ އަރައިގެންގޮސްފައިވާ އުދަރެހާއި ތަރިތަކެއްގެ ތެރެއަށް ގޮސް ވިދައި ބަބުޅަމުން ދާ އެއް ސަބަބެވެ. އަނެއް ސަބަބަކީ ލަވަކިޔުމުގައި އޭނާ އަށް ލިބިފައިވާ އާދަޔާހިލާފު ހުނަރެވެ.
ނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން ދިވެހިންގެ ހިތްތަކުން މީރާ އަށް ލިބިފައިވީ ޖާގައެއް މިއަދަކު ނެތެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި ބޮޑު ކާމިޔާބީއަކާއި ކުރިއެރުންތަކެއް މިވީ ހައެއްކަ މަސް ދުވަސްތެރޭގައި ހޯދި ނަމަވެސް މީރާގެ ކެރިއަރުގައި ވަނީ މުޑުދާރުކަމެއް ހޭކިފަ އެވެ.
ހިތްގައިމު ލަވަތަކެއް ކަވާކޮށްގެން އެތައް ހާސް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދި މި ލަވަކިޔުންތެރިޔާ އަށް މިއަދަކު އެ އިހްތިރާމެއް އަދި ލޯތްބެއް ވެސް ނެތެވެ. އެކަން ޚުދު މީރާ ވެސް ގަބޫލުކުރާނެކަން ޔަގީނެވެ.
އެހެންވީމަ ތަރިއެއްހެން އަރައިގެން ގޮސް މީރާ "ބަޑިއެއްހެން ގޮވައި، ބުރައިގެން" ދިޔަ ސަބަބަކީ ކޮބައި ހެއްޔެވެ؟ ބައެއް މީހުންގެ އިނގިލި ދިއްކުރަނީ އޭނާގެ ލޯބިވެރިޔާ އިސްމާއިލް ޖުމައިހް (ޖުމާ) އަށެވެ.
މީރާގެ ޒާތީ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު މުޖުތަމައުގެ އަހުލާގީ މިންގަނޑުން މީރާ ކަޓައިގެން ގޮސް އެތައް ފަހަރެއްގެ މަތިން އާންމުންގެ ފާޑުކިޔުމާއި ހުތުރު ފުރައްސާރަ އޭނާ އަށް އަމާޒުވެފައި އެބަހުއްޓެވެ. ވަކިން ހާއްސަކޮށް މީރާގެ ހެދުން އެޅުމުގެ ސްޓައިލަށް މިފަހުން ގެނެސްފައިވާ "ހާމަކަން ބޮޑު ބަދަލަކީ" އޭނާގެ އަގު ވެއްޓުމަށް މެދުވެރިފައިވާ އެއް ސަބަބުކަން ފާހަގަކޮށްލެވެ އެވެ.
ކުރިން މީރާ އަކީ ނަމޫނާއެއްތަ؟
ކުރިން މީރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ، އޭރަށް އެހާ މަޝްހޫރު ނޫނަސް ފަހުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ ޔާމީން ރަޝީދު އެވެ. މީރާގެ ފޭނުން ގަބޫލުކުރާ ގޮތުން އޭނާގެ "ރަން ދުވަސްކޮޅަކީ" ޔާމީންއާ އެކު ލަވަތައް ރިކޯޑްކޮށް މާތައް ފޮޅުވަމުން ގެންދިޔަ ދުވަސްކޮޅެވެ.
"ތީ، ތީއެ މަގޭ އެންމެ އެދޭ، ހިތުގަ މިވާ ސޫރަ ތިއޭ" އޭ ކިޔާފައި މީރާ އާއި ޔާމީން ކަވާ ސޯންގްތަކެއް ރިކޯޑްކޮށް އާންމުކުރަމުންދިޔައިރު ދެން ތިބި އެންމެން ބުނަމުން ދިޔައީ މީރާ އަކީ "އެމީހުންގެ އެންމެ ހިތްއެދޭ ލަވަކިޔުންތެރިޔާ ކަމަށެވެ. އެފަދަ ދެ ވަނައެއް ނެތް މަރިޔަމް އުނޫޝާ ފަދަ ކުޅަދާނަ ލަވަކިޔުންތެރިންގެ އަޑާއި މަގްބޫލުކަމުގެ މައްޗަށް ވެސް މީރާ އަށް ކުރިލިބިގެން ދިޔަ ގޮތަކީ މިއީ އެވެ.
ވަކިން ހާއްސަކޮށް ބެލުންތެރިންނާއި އެހުންތެރިންގެ މެދުގައި ވެސް "ހިޓެއްގެ" ދަރަޖަ ހޯދި މަޝްހޫރު ޓީވީ ޝޯ "އެހަނދާނުގައި" އިން މީރާ ފެނި އޭގައި ހުށަހަޅައިދިން ލަވަތަކަކީ ވެސް އެތައް ބައެއްގެ ހިތްތަކުން މީރާ އަށް ލޯތްބާއި އިހްތިރާމް ލިބިގެން ދިޔަ ކަމެކެވެ. އޭނާ "އެ ހަނދާނުގައި" ގެ ޝޯއެއްގައި ހުށަހަޅައިދިން "އަދު މިހާލާތު" ލަވަ އަކީ ޔަގީނަށް ވެސް ގިނަ ބަޔަކަށް މީރާގެ ހުނަރުވެރިކަން ތައާރަފްކޮށް އޭނާ މިއަދު އެނބުރެމުންދާ މިއުޒިކްގެ ވަށްބުރަށް ގެންގޮސް ދިނުމަށް މަގުކޮށައިދިން ލަވަ އެކެވެ.
ކޮންމެއަކަސް ފާހަގަކޮށްލަން ޖެހެނީ މީރާއާ ބެހޭ ގޮތުން އޭރު މީހުން ތުންތުންމަތިން ވެސް ދެއްކި ވާހަކައަކަށް ވެފައި އޮތީ މިފަދަ ހިތްގައިމު ލަވަތަކެއްގެ ވާހަކަ ކަމެވެ. އޭނާގެ މަޝްހޫރުކަމާއި ކާމިޔާބީގެ ތެރެއަށް އޭނާގެ ލޯބިވެރިއެއް ނުވަތަ ޒާތީ އެހެން މައްސަލަގަނޑެއްގެ ވާހަކަ ވެސް ހިލިގެން ގޮސްފައެއް ނުވެ އެވެ.
އޭރު އޭނާގެ އުޅުމެއް ނުވަތަ އަހުލާގެއް ކަމުނުގޮސްގެން ބަޔަކު މީހުން އެ ވާހަކައެއް ނުދައްކަ އެވެ. އެޅި ހެދުންތައް މުޖުތަމައުގެ މިންގަނޑަށް ނުފެތިގެން ވެސް މީހުން އެއްޗެއް ނުކިޔަ އެވެ.
އެހެން ނަމަވެސް ލޯބިވެރިޔާއާ އެކު މީރާގެ ހިތްގައިމު ލަވަތަކުގެ ޓިއުން ވެސް ގެއްލިގެން ދިޔަ ހިސާބުން އޭނާ ބަދަލުވީ "ރާއްޖޭގެ މައިލީ ސައިރަސް" އަކަށެވެ.
މީރާ ހަލާކުކޮށްލީ ލޯބިތަ؟ ނުވަތަ އެހެން އޮއިވަރެއްތަ؟
މީރާ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ސޮއިކޮށް އެކަން އިއުލާނުކޮށްފައިވާ މަގްބޫލު ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު މޫނެވެ. އަނެއްކޮޅުން ސަރުކާރުގައި މިހާރު ވެސް ކޯޑިނޭޓަރެއްގެ މަގާމު ފުރަމުން ގެންދާ ޒުވާނެކެވެ.
އެހެންވީމަ ލޯބީގައި ޖެހިގެން މީރާ އަށް ލިބުނު ކެއްސަކީ ކޮބައި ހެއްޔެވެ؟
މީރާއާގެ އާ ލޯތްބެއް އުފެދުނީ ޔާމީންގެ ލޯބީގައި ކެހި ލިބި އެކަނިވެރި ހިތެއްގެ އިހްސާސްތައް ބަންޑުންކޮށްލާނެ ކޮނޑަކަށް ނުވަތަ އުނގަކަށް މިރާ ނުހަނު ބޭނުންވެފައި ހުއްޓަ އެވެ.
ފާހަގަކޮށްލަން ޖެހެނީ ސިޔާސީ އޮއިވަރެއްގެ ތެރެއަށް ގެނބިގެން ދިއުމުގެ ކުރިން މީރާގެ ކެރެކްޓާ އަށް ބޮޑެތި ބަދަލުތަކެއް ގެނުވީ ޔާމީނަށް އޭނާގެ ހިތުގައި އުފެދުނު ލޯބިކަމެވެ. މީރާގެ މުށު ތެރެއިން ޔާމީން ދެމިގެން ދިޔައީ ކައިވެންޏަށް ރޭވުންތައް ރާވައި ތާރީޚް ވެސް ކަނޑައަޅައި އެކަން މީޑިއާގައި އިއުލާނު ވެސްކޮށްފައި ވަނިކޮށެވެ.
އެއަށް ފަހު މީރާގެ ލަވަތަކުގެ ހިތްގައިމު ޓިއުނު ހީވީ އަބަދަށް ބަދަލުވެގެން ދިޔަހެންނެވެ.
މީރާގެ ސްޓައިލް ބަދަލުވުން އައި ބަދަލު
ޖުމާއެއް އުފެދި މުނިފޫހިފިލުވުމުގެ ދާއިރާ އަށް މަޝްހޫރުވި ގޮތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭނާ އަކީ އެންމެ ފުރަތަމަ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މި ދާއިރާގެ ދޮރުގައި ޓަކިދިން ޒުވާނެކެވެ.
އޭރަކީ "ޔާރާ ފެމިލީ" އޭ ކިޔުނު އައިޝަތު ރިޝްމީ އާއި މަރިޔަމް އައްޒައެއްގެ ޑާންސް އައިޓެމް ލަވަތަކެއްގެ ފޯރި މާ ގަދަވި ދުވަސްވަރެކެވެ. އައްޒަގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި ފިހިގަނޑު އޮމާންކުރަމުން ދިޔަ ޖުމާ އަށް މަޝްހޫރުކަމެއް ލިބިގެން ދިޔައީ އެ ފިހިން ކުރެހި ހިތުގައި ލޯބި އުފެދި ކައިވެނީގެ ގުޅުމަކުން އައްޒައާ ގުޅިގެން ދިޔަ ހިސާބުންނެވެ.
އެހެންވީމަ ޖުމާ އަކީ އެންމެ ފުރަތަމަ ވެސް އަދި މިހާރު ވެސް މޭކަޕް އާޓިސްޓެއް ނުވަތަ ސްޓައިލިސްޓެއްގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ޒުވާނެކެވެ. އެހެންވީމަ އޭނާގެ ލޯބިވެރިޔަކަށްވެ ހުރެ މީރާ އަށް އޭނާގެ "ފެޝަން ޓިޕްސްތަކުން" ސަލާމަތްވެވިދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟
ބުނެވޭ ގޮތުގައި މިފަހުން މީރާގެ ހެދުންއެޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބޮޑު ބަދަލުގެ މޭސްތިރިއަކީ ޖުމާ އެވެ.
ފާހަގަކޮށްލަން ޖެހެނީ އޭނާގެ މި ފެޝަން ޓިޕްސްތަކުން މީރާ އަށް ލިބުނު ރީތިކަމެއް ނެތް ކަމެވެ. ވިގެއް ޖައްސައި ގަޔަށް ބާރު ޖެކެޓަކަށް މީރާ ފިޓްކޮށް ސަނަމް ޕޫރީއާ އެކު ސްޓޭޖަށް އެރުވުމުން ވެސް މީރާގެ އެ ހެދުންއެޅުމުގެ ވައްޓަފާޅި އަށް އަމާޒުވި ފާޑުކިޔުމާއި ފުރައްސާރަ މީހަކު ބުނެނުދިނަސް އެންމެނަށް އެނގޭނެ އެވެ.
ޖުމާގެ ފެޝަންތަކާ އެކު މީރާގެ "ރީތިކަން ދެއްކި މިރާ" ތަޅައިގެންގޮސްފައިވާއިރު ފިލްމީ ދާއިރާ އަށް މީރާ މިފަހުން ދަމައިގެން ދިއުމަކީ ވެސް އޭނާގެ މަގްބޫލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރިކަމެއްކަން ފާހަގަކޮށްލެވެ އެވެ. ފިލްމީ ދާއިރާ އަކީ އެ ދާއިރާގެ އާންމު އަހުލާގާއި ފެންވަރު ދަށްވެގެން އެތައް ބައެއްގެ ފާޑުކިޔުން އަބަދުމެ އަމާޒުވެފައި އޮންނަ ދާއިރާއެކެވެ.