ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ ސޮނޭވާގެ "ބެއާފުޓް ބުކްސެލާ" ގެ މަމާގަށް ދިވެހިއްސަކު ހޯދަން ފަށައިފި އެވެ.
"ހުސްފަޔާ ފޮތް ވިއްކާ މީހާ" ގެ ގޮތުގައި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އެ މަގާމަށް، މީހަކު ހޯދުމާ ބެހޭ ގޮތުން ނ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ސޮނޭވާ ޖާނީ ކުންފުނިން ބުނީ މިފަހަރު މި މަގާމަށް ބޭނުން ވަނީ ދިވެއްސެއް ކަމަށެވެ.
ކުރިން އެ ކުންފުނިން އެ މަގާމު ދެނީ ބިދޭސީންނެވެ. ނަމަވެސް މި ފަހަރު ދިވެހިންނަށް މި ފުރުސަތު ދޭކަން އިއުލާނުކޮށް ބުނީ މިއީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އެ މަގާމު ފުރަން ދިވެއްސަކަށް ލިބޭނެ ރަނުގެ ފުރުސަ ތަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް އެ މަގާމުގެ މުސާރައެއް އެ ކުންފުނިން ހާމަ ކޮށްފައެއް ނުވެ އެވެ.
މަގާމަށް ހޮވާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ވާހަކަ ކިއުމުގެ ޝައުގުވެރިކަމާއެކު ވާހަކަ ކިޔައިދިނުމުގެ ހުނަރު ހުރުން މުހިންމެވެ. އެ މީހަކު ރާއްޖޭގެ ތާރީހީ ވާހަކަތަކާއި ރާއްޖެއާ ގުޅުންހުރި ވާހަކަތައް ކިޔައި ދޭން ވެސް ޖެހިދާނެ އެވެ. އެހެންވެ އެ ނޮލެޖު ވެސް ހުންނަން ޖެހެ އެވެ.
ކުރަން ޖެހޭ އެހެން މަސައްކަތްތަކުގެ ތެރޭގައި އެ ރިސޯޓުގައި ހިންގާ ކުޑަ ފޮތް ފިހާރައިގެ ފޮތް ވިއްކުމުގެ އިތުރުން ސްޓޮކް މެނޭޖުކޮށް ބެލެހެއްޓުން އަދި ސޯޝަލް މީޑިއާގައި އެކަން ޕްރޮމޯޓް ކުރުން ވެސް ހިމެނެ އެވެ.
ސޮނޭވާ ފުށީގައި ވެސް މިފަދަ ބުކްޝޮޕެއް ހިންގަ އެވެ. މިދިޔަ އަހަރު އެ ރިސޯޓުން ވެސް މި މަގާމަށް މީހުން ހޯދާފައިވެ އެވެ.
އިނގިރޭސިވިލާތުގެ އަންލިމިޓެޑް ލައިބްރަރީއާ ގުޅިގެން 2018 ވަނަ އަހަރު ރާއްޖޭގައި ސޮނޭވާ ކުންފުނިން ފެށި ހުސްފަޔާ ފޮތް ވިއްކާ މީހާގެ މަގާމަށް ދުނިޔޭގެ އެތައް މިތަނުން މީހުން ކުރިމަތިލަ އެވެ.