އެމްޑީޕީ

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް، ކުރިޔަށް ނެރުނުނީ މޭޔަރުން

ދެކުނުގެ އައްޑު އާއި ފުވައްމުލައް، އެ ދެ ސިޓީގެ މޭޔަރުންނާއި އުތުރު ސިޓީ / ކުޅުދުއްފުށީގެ މޭޔަރަށް އިސްކަން ދީގެން، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އަހަރީ ދުވަސް މިއަދު ފާހަގަ ކޮށްފި އެވެ. އެމްޑީޕީން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ ޖޫން 26، 2005 ގައެވެ. މިއަދަކީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހެވެ.

އަހަރީ ދުވަސް ފާހަގަ ކުރަން މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހެނދުނު ދިދަ ނެގުމުގެ ރަަސްމިއްޔާތު ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ.

ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.

އޮންލައިން އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ލީޑަޝިޕް ބައިވެރިވެވަޑައިގެންނެވި އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ވެސް ބައިވެރިވި އެވެ.

އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ އެމްޑީޕީގެ 16 އަހަރުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ އެ ފާޓީން ރައްޔިތުންނަށް ވައުދުވި އުސޫލުތަކާއި ހަމަތަކުގައި އަދި ސިޔާސަތު ތަކުގައި ދެގޮތެއް ނުވެ ދެމިތިބުން ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްޔިތުންގެ ހައްގުތައް ހޯދައިދޭން އެ ޕާޓީން އޭރާއި މިހާރު ވެސް މަސައްކަތް ކުރާ ކަމަށެވެ. އެ ހައްގުތައް ކަށަވަރު ކޮށްދޭން ކުރި މަސައްކަތުގައި ޕާޓީގެ ލީޑަރުންނަށް ބޮޑެތި އަނިޔާ ލިބި ގެއްލުމާ ކުރިމަތިވި ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވި އެވެ: "ހެޔޮ ވެރިކަމާއި ހައްގު ހޯދުމަށް އެމްޑީޕީން ފެށި ދަތުރު އަދި ނުނިމޭ. އެ ދަތުރަކީ ނިމޭނެ ދަތުރެއް ވެސް ނޫން. އަރާއި ބާރުން އިންސާނުން މިނިވަންވި ދުވަހެއް އިންސާނީ ހަޔާތް ދެކެފައެއް ނުވޭ. އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރަން އޮތް ހައްލަކީ، ފަލްސަފާ އަށް ބަދަލު ނުގެނެވި އަޅުގަނޑުމެން ކުރާ ދަތުރު ދެމެހެއްޓުން."

ހުރިހާ މޭޔަރުންގެ ވާހަކަފުޅުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި ވަޑައިގަތުމާއެކު އެމްޑީޕީގެ 16 އަހަރުގެ ދިގު ދަތުރުގެ މައްޗަށް ވާހަކަފުޅު ދެެއްކެވި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި އެމްޑީޕީ ވުޖޫދަށް އައީ ހެޔޮ ވެރިކަމެއް ކޮށްދޭށެވެ. އެ ވައުދު ޕާޓީން ވަނީ ފުއްދާފަ އެވެ. ރާއްޖޭގެ ހާލަތު ބަދަލުކޮށް ޕާޓީން ވަނީ ރަށްޔިތުންނަށް ލުއިތަކެއް ހޯދައިދީފަ އެވެ.

އެއް ފަހަށް އޮންނަ ހަމައެކަނި އަތޮޅު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވިދާޅުވީ، އެމްޑީޕީގެ 16 އަހަރުގެ ހަޔާތުގައި ކޮށްފައިވާ ތަޖުރިބާތަކުން އެތައ ކަމެއް ދަސްވެފައިވާ ކަމަށާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީން ކާމިޔާބު ހޯދުމުން ހާމަވަނީ ރަށްޔިތުންގެ އިތުބާރު ޕާޓީއަށް އޮތުން ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހު މޭޔަރުން ކުރިޔަށް ނެރުނު އިރު ރާއްޖޭގައި ހަތަރު ސިޓީ އޮވެ އެވެ. އޭގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު މިވަގުތު ނިސްބަތް ވަނީ އިދިކޮޅު ޕީޕީއެމަށެވެ.